ދިވެހި ލީގު ކޮލިފައިން: ބިސްބުރާއި ޓީސީގެ ކުރިމަތިލުން އެއްވަރު

ކުޅިވަރު ފަހުގެ

ދިވެހި ލީގު 26/27ގެ ކޮލިފައިންގ ބުރުގައި، ނިމުނު ސީޒަންގެ 7 ވަނަ، ޓީސީ ސްޕޯޓްސް ކްލަބާއި ދެވަނަ ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަން ބިސްބުރު ސްޕޯޓްސް ކްލަބް އެއްވަރުވެއްޖެއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ 7 ވަނަ މިނެޓުގައި ބިސްބުރަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެޓީމުގެ ކޯނަރެއް ދިފާއުކޮށް ޓީސީ ކުޅުންތެރިން ސާފުކޮށްލަން މަސައްކަތްކުރި ބޯޅަ ލިބިގަނެ، ޕެނަލްޓީ އޭރިއާ ބޭރުން ޢާމިރު ޝޮއައިބު ފޮނުވާލި ބޯޅައަށް ހުރަސްއެޅީ ޓީސީގެ ކީޕަރެވެ.

މެޗުގެ 13 ވަނަ މިނެޓުގައި ބިސްބުރު ކުޅުންތެރިން ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ޓީސީއަށް ޕެނަލްޓީ އޭރިއާ ތެރެއިން ޖެހުމެއް ދީފައެވެ. މި ޖެހުމުން ޓީސީގެ ޙުސައިން ޝަރީފް މުޙައްމަދު ފޮނުވާލި ހަމަލާ އަމާޒުވީ ބިސްބުރުގެ ދިފާއީ ފާރަށެވެ.

ޓީސީގެ ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ 20 ވަނަ މިނެޓުގައެވެ. މިއީ އެޓީމުގެ އަމިއްލަ ހާފު ތެރޭގައި ޕާސްތަކެއް ކުޅެލުމަށްފަހު، ބޯޑޫ ޕްރިންސް ދިން ބޯޅައެއް ހިފައިގެން ގޮސް ބިސްބުރުގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ޙުސައިން ޝަރީފް މުޙައްމަދު ކާމިޔާބުކުރި ހިތްގައިމު ގޯލެކެވެ. މެޗުގެ މިހާތަނަށްވެސް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ޓީސީންނެވެ.

މެޗުގައި ބިސްބުރު ނަތީޖާ ހަމަ ހަމަކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. މިއީ، އެޓީމުގެ ކުޅުންތެރިއަކު ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ، ޓީސީގެ ކެޕްޓަން މުޙައްމަދު އަޖުފާންގެ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ގޯލުތެރެއަށް ފޮނުވާލައިގެން ބިސްބުރަށް ނަތީޖާ އެއްވަރުކޮށްދިނީ ޢާމިރު ޝޮއައިބެވެ.

ދިވެހި ލީގު ކޮލިފައިންގ މެޗެއް ދެން ކުޅޭނީ އަންނަ ހުކުރު ދުވަހުއެވެ. އެދުވަހުގެ ފުރަތަމަ މެޗުގައި ބިސްބުރު ނުކުންނާނީ ދިވެހި ލީގުގެ ނިމުނު ސީޒަންގެ 8 ވަނަ، ކްލަބް ގްރީން ސްޓްރީޓްސް އާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ސެންޓްރަލް ޒޯންގެ ޗެމްޕިއަން ކ.ހުރާ ނުކުންނާނީ ނޯތު ޒޯންގެ ޗެމްޕިއަން. ހއ.ދިއްދޫއާ ދެކޮޅަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ