އީރާނުގެ ދެކުނުގެ ރަށްތަކަށް އެމެރިކާ ސިފައިން ބޮންއަޅައި އަދި މިސައިލް ހަމަލާތައް ދޭން ފެށުމުގެކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މުޖުރިމު ނަތަންޔާހޫއަށް ފޯނުން ގުޅިކަމަށް އިސްރާއީލުގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ. އެއީ، ޗެނަލް 14އެވެ.
މާނައަކީ، އީރާނަށް ހަމަލާދޭން ފެށުމުގެކުރިން ޓްރަމްޕާއި ނަތަންޔާހޫ ފޯނުން ސިއްރު ސައްލާތަކެއްކޮށް އެއްބަސްވުންތަކެއް ހެދިކަމެވެ. ނުވަތަ ޓްރަމްޕް ނަތަންޔާހޫއަށް ގުޅައި އީރާނަށް ހަމަލާދިނުމުގެ “ހުއްދަ” ހޯދީއެވެ. އެމެރިކާގެ ރައީސާއި އެމެރިކާ ސަރުކާރުގެ ވެރިންތިބީ ނަތަންޔާހޫއާއި ޒަޔަނިސްޓު ދައުލަތުގެ “ދަށުވެ ފިތިފައިކަން” އެއީ ދުނިޔޭގެ އެންމެނަށް އެނގޭ ކަމެކެވެ. އީރާނާ ގުޅޭގޮތުން މިފަހުން ހިނގައިދިޔަ ހުރިހާ ކަމަކުންވެސް ޓްރަމްޕްގެ މައްޗަށް ބަސްކިޔަނީ ނަތަންޔާހޫކަން ހާމަވެފައި ވެއެވެ.
ހޮރްމޫޒު ކަނޑުއޮޅި ސަރަހައްދުން އީރާނަށް ދަތުރުކުރާ އުޅަނދުފަހަރަށް ފާރަލާން އުޅުނު އެމެރިކާ ސިފައިންގެ އަޕާޗީ ހެލިކޮޕްޓަރެއް ވެއްޓުނީ ހޯމަދުވަހުއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ، ހެލިކޮޕްޓަރު ވެއްޓުނުތާ 2 ގަޑިއިރުގެ ތެރޭގައި ހެލިކޮޕްޓަރުގެ ދެ ޕައިލެޓުން ކަނޑުމަތިން ނަގާފައިވާ ކަމަށެވެ. އެމީހުން ތިބީ ސަލާމަތުން ކަމަށްވެސް ބުނެފައި ވެއެވެ. ބައެއް ރިޕޯޓްތައް ބުނެފައިވަނީ، ދެ ޕައިލެޓުން ސަލާމަތްކުރަން އެމެރިކާ ސިފައިން ފޮނުވީ މީހުންނާ ނުލައި ދުއްވާ ކަނޑުއުޅަނދެއް ކަމަށެވެ.
އެމެރިކާ ސިފައިންގެ ހެލިކޮޕްޓަރު ވައްޓާލީ އީރާނު ސިފައިން ކަމަށް އީރާނުން އެއްވެސް އިރަކު ނުބުނެއެވެ. އީރާނުގެ ވެރިން އިއްޔެވެސް އަދި މިއަދުވެސް ވިދާޅުވަމުން ގެންދަވަނީ ހެލިކޮޕްޓަރު ވައްޓާލީ އީރާނުން ނޫން ކަމަށެވެ.
ހޯމަދުވަހުގެ ރެއިން ފެށިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މީޑިއާގެ އެކި ވަސީލަތްތަކާ ވާހަކަ ދައްކަމުން ތަކުރާރުކޮށް ބުނަމުންދިޔައީ ހެލިކޮޕްޓަރު ވައްޓާލީ އީރާނުން ކަމަށް ވިޔަސް ރައްދުދޭން ބޭނުން ނުވާ ކަމަށެވެ. ހަނގުރާމައިގެ ވަޒީރު ޕީޓު ހެގްސެތާއި، ޗީފް ސްޓާފް ވައިޓް ހައުސްއަށް ގެންގޮސްގެން ޓްރަމްޕް ވާހަކަ ދެއްކި ކަމަށް ވެއެވެ. އޭގެފަހުންވެސް ޓްރަމްޕް ބުނީ ރައްދު ހަމަލާ ނުދޭނޭ ކަމަށެވެ. ނަތަންޔާހޫއަށް ގުޅީ އޭގެފަހުންނެވެ. އެމެރިކާގެ ރައީސް ޓްރަމްޕް ނަތަންޔާހޫއަށް ފޯނުން ގުޅިތާ 11 މިނެޓްވެސް ނުވަނީސް އެމެރިކާ ސިފައިންގެ ޖެޓުތައް ގޮސް އީރާނަށް ބޮންއަޅަން ފެށިއެވެ. އަދި މިސައިލް ހަމަލާތައްވެސް ދޭން ފެށިއެވެ. ވީމާ، މަންޒަރު ވަރަށް ސާފެވެ.
އީރާނުގެ ވެރިން ވިދާޅުވަނީ، ހެލިކޮޕްޓަރި ވައްޓާލައިގެން ޖެހިހާ ސަކަރާތަކީ އީރާނަށް އަސްކަރީ ހަމަލާއެއް ދޭނޭ ބަހަނާއެއް އުފެއްދުން ކަމަށެވެ. އީރާނުގެ ބޮލުގައި ދޮގު ތުހުމަތު އެޅުވީ އީރާނަށް ހަމަލާދޭންވެގެން ކަމަށެވެ.
އަސްކަރީ ތަޖުރިބާކާރުން ބުނަނީ، އީރާނުން މިސައިލް ހަމަލާއެއް ދީގެން ނުވަތަ ޑްރޯން ހަމަލާއެއް ދީގެން އެމެރިކާ ސިފައިންގެ ހެލިކޮޕްޓަރު ވެއްޓުނުނަމަ އޭގެން ދަތުރުކުރި ޕައިލެޓުން މަރުނުވެ ސަލާމަތްވާނޭ އެއްވެސް ގޮތެއް ނޯންނާނޭ ކަމަށެވެ. ސަލާމަތްވާން ފުރުސަތެއްވެސް ނުލިބޭނޭ ކަމަށެވެ. ސެންޓްރަލް ކޮމާންޑުން ބުނެފައިވަނީ އެމީހުން ތިބީ ސަލާމަތުން ކަމަށެވެ.
އެމެރިކާ ސިފައިން އީރާނުގެ ދެކުނުގެ ރަށްތަކަށް ބޮމާއި މިސައިލުން ދިން ވަރުގަދަ ހަމަލާތައް އަމާޒުކުރީ، ބަންދަރު އައްބާސްއާއި، ގޭޝްމް އައިލެންޑާއި، ސިރީކްއާއި، ހޮރްމޫޒު ކަނޑުއޮޅީގެ އައްސޭރި ފަށުގައި އޮންނަ އީރާނުގެ އެތައް އަވަށަކަށެވެ.
ބަންދަރު އައްބާސްއަކީ އީރާނު ކަނޑުގެ ލަޝްކަރުގެ މައި މަރުކަޒެވެ. އެތަނާއި، އެހެން ރަސްތަކުގައި ހުރި އަސްކަރީ ކޮމިއުނިކޭޝަން ޓަވަރުތަކަށާއި، ރާޑަރުތަކަށާއި، މިސައިލް ސައިޓްތަކަށްވެސް އެމެރިކާ ސިފައިން ވަރުގަދަ ވައިގެ ހަމަލާ ދީފައި ވެއެވެ. އީރާނުގެ ދެ ސިޓީއެއްގެ ރައްޔިތުންނަށް ބޯފެން ފޯރުކޮށްދޭ ނިޒާމުތަކަށް ބޮންއަޅައި މުޅިން ހަލާކުކޮށްލުމުގެ ސަބަބުން އާންމު ރައްޔިތުން މިހާރު ތިބީ ބޯފެނަށް ޖެހިފައެވެ.
މީގެއިތުރުން، އީރާނުގެ ދެކުނުގެ މިނާބަށްވެސް އެމެރިކާ ސިފައިން އަނެއްކާވެސް ރޭގައި ވައިގެ ހަމަލާތައް ދީފައި ވެއެވެ. މިނާބަކީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ ސިފައިން އީރާނަށް ފުރަތަމަ ވައިގެ ހަމަލާތައް ދިންދުވަހު ޕްރީ ސްކޫލަކަށް ބޮންއެޅުމުގެ ސަބަބުން 120 ތުއްތު ކުދިންނާއި، 26 ޓީޗަރުންނާއެކު ޖުމްލަ 168 މީހުން މަރުވި އަވަށެވެ.
2025 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި ޓްރަމްޕް ހުއްދަދީގެން އިސްރާއީލުން އީރާނަށް ބޮންއަޅަންފެށީ އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމެއް ހަދަން ވާހަކަތައް ކުރިއަށް ދަނިކޮށެވެ. މިއަހަރުގެ ފެބްރުއަރީމަހުގެ 28 ވަނަ ދުވަހު އެމެރިކާ ސިފައިންނާއި އިސްތިއުމާރީ ސިފައިން ގުޅިގެން އީރާނަށް ހަމަލާދޭން ފެށީވެސް އެމެރިކާއާއި އީރާނާ ދެމެދު ވާހަކަތައް ކުރިއަށް ގެންދެވި އެއްބަސްވުމެއްގެ ދެލިކޮޕީ އެކުލަވާލެވިފައި ވަނިކޮށެވެ.
ތިންވަނަ ފަހަރަށް އެމެރިކާގެ ރައީސް އަމުރުކޮށްގެން އެމެރިކާ ސިފައިން ރޭގައި އީރާނަށް ބޮންއެޅީވެސް، އެއްބަސްވުމެއް ހެދުމަށް ޕާކިސްތާނު މެދުވެރިވެގެން އީރާނާއި އެމެރިކާއާ ދެމެދު ވާހަކަތައް ކުރިއަށް ދަނިކޮށެވެ. ދެތިންދުވަސްތެރޭ އެއްބަސްވުމުގައި ސޮއިކުރެވޭނޭވަރު ވާނޭ ކަމަށް އެމެރިކާގެ ރައީސް ބުނީވެސް އިއްޔެއެވެ.
ވީމާ، އެމެރިކާއިން މިއުޅެނީ އީރާނު ލައްވައި އެއްބަސްވުމެއް ހަދަން ނޫންކަން މިހާރު ޔަގީނާ ގާތަށް ގޮސްފައި ވެއެވެ. މިއީ ނަތަންޔާހޫ އަޑީގައި ހުރެގެން ޓްރަމްޕް ލައްވައި ކުޅުވާ ޑްރާމާއެއްކަމަށް ކަނޑައެޅޭ މިންވަރަށް ޓްރަމްޕްގެ އަމަލުތައް ވަނީ ހައްދުފަހަނައަޅައި ގޮސްފައެވެ.



