ޕީއެންސީގެ އެތެރޭގެ އިންތިހާބުން ހާމަވެގެންދިޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިތުބާރު އޮތް މިންވަރު ކަމަށް، އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އިންތިޚާބުގެ ވޯޓުލުން ނިންމައިލުމަށްފަހު އެ ޕާޓީގެ ލީޑާޝިޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަބްދުއްރަޙީމް ވިދާޅުވީ މިއަދުގެ އިންތިޚާބަކީ މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ބޮޑު އެތެރޭގެ އިންތިޚާބު ކަމަށާއި މި އިންތިހާބުގައި ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާފައިވުމަކީ އެ ޕާޓީއާ މެދު ރައްޔިތުންގެ މެދުގައި ޝައުގުވެރިކަން އޮތްކަން ހާމަވާ ކަމެއް ކަމަށެވެ.
“މިއަދު އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ ކޮންގްރެސް ޕާޓީގެ ސަރުކާރުން ކުރަމުން ގެންދާ ކަންތައްތައް ރައްޔިތުން ބަލައިގަންނަ ކަމާއި އަދި ޕާޓީގެ ވެސް ރައީސް، ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު،” އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ޕާޓީގެ ކެންޑިޑޭޓުންނާއި އެބޭފުޅުންގެ މަންދޫބުންނާއި، އެބޭފުޅުންނަށް ތާއީދުކުރައްވާ ހުރިހާ ބޭފުޅުންވެސް ޕާޓީގެ މަސްލަހަތު ނަގަހައްޓަވައި، ސުލްހަވެރިކަމާއި ރައްކާތެރިކަން ދެމެހެއްޓެވުމަށް ވަރަށް ބޮޑަށް އިސްކަންދެއްވި ކަމަށެވެ. އެހެން ޕާޓީތަކުގެ އިންތިޚާބުގައި ފެންނަ ނޭދެވޭ އެއްވެސް ކަމެއް ނުފެނި އިންތިޚާބު ނިންމައިލެވުމަކީ އެ ޕާޓީއަކީ ތަފާތު ޕާޓީއެއްކަން ދައްކުވައިދޭ ކަމެއްކަން ޢަބްދުއްރަޙީމް ފާހަގަަކުރެއްވި އެވެ.
މި އިންތިހާބަކީ ޕީއެންސީގެ ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި ނައިބުރައީސުންނާއި އެކި މަގާމުތަކަށް މެމްބަރުން ހޮވަން ބޭއްވި އިންތިހާބެކެވެ.


