މެދުއިރުމަތީގައި އިތުރު ހަނގުރާމައެއް ފެށިއްޖެއެވެ.
ޔަމަނުގެ ވެރިރަށް ސަންއާ އިންޓަރނޭޝަނަލް އެއަޕޯޓަށް ހޯމަދުވަހު ހަމަލާ ދިނުމާ ގުޅިގެން ޔަމަނުގެ ބޮޑުބައެއްގައި ވެރިކަންކުރާ ހޫޘީން މިހާރުވަނީ ސައުދީ އަރަބިއްޔާއަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދީފައެވެ.
ހޫޘީން ހަމަލާ ދީފައިވަނީ ސައުދީ އަރަބިއްޔާގެ އަބްހާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ކަމަށާއި، އެއަރޕޯޓަށް ހަމަލާ ދީފައިވަނީ ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ކަމަށް ހޫޘީ އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ހޫޘީންގެ ވަރުގަދަ ހަމަލާތަކާއެކު އެއަރޕޯޓުގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތައް ލިބިފައިވާ މަންޒަރުތައް ކަމަށް ބުނާ ވީޑިއޯތަކެއް ހޫޘީ މީޑިއާ ސެންޓަރުން އާންމުކޮށްފައި ވެއެވެ.
ސައުދީ އަރަބިއްޔާގެ ދެކުނުހުޅަނގު ފަޅީގައި އޮންނަ އެއަރޕޯޓަށް ހޫޘީން ދިން ހަމަލާތަކާއެކު ސައުދީ އިމަޖެންސީ ޓީމުތަކުން ހަރަކާތްތެރިވަމުންދާ މަންޒަރުވެސް އެ ވީޑިއޯތަކުން ފެނެއެވެ. އެއަރޕޯޓުގެ އިތުރުން ކިންގް ޚާލިދު އެއަރބޭހަށްވެސް ޙޫޘީން ހަމަލާ ދިން ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.
ވެރިރަށް ސަންއާގެ ސަންއާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ރަންވޭއަށް ހަމަލާ ދީފައިވަނީ ސައުދީ އިމާ ގާތުގައި ގާއިމްކޮށްފައިވާ ބައިނަލްއަގްވާމީ މުޖުތަމައުން ގަބޫލުކުރާ ޔަމަނުގެ ސަރުކާރުގެ ސިފައިން ކަމަށް އެ ސަރުކާރުން ބުނި ނަމަވެސް، ޙޫޘީ އަސްކަރިއްޔާއިން ބުނެފައިވަނީ ހަމަލާ ދިނީ ސައުދީ އަރަބިއްޔާގެ ސިފައިން ކަމަށެވެ.
ސަންއާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭއަށް ހަމަލާދިނީ އީރާނުގެ މަހާން އެއަރގެ މަތިންދާ ބޯޓެއް ޖައްސަން އުޅުމުން އެކަން ހުއްޓުމަށެވެ. ސައުދީ އަރަބިއްޔާއިން އޮންނަނީ ޔަމަނުގެ ވައިގެ ސަރަހައްދު މަތިންދާ ބޯޓުތަކަށް ބަންދުކޮށްފައެވެ.
އީރާނުން ޔަމަނަށް އައި މަތިންދާ ބޯޓުން ދަތުރުކުރީ އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާއަށް އީރާނަށް ދިޔަ ހޫޘީ ސަރުކާރުގެ ވަފުދާއި، ޔަމަނުގެ ރައްޔިތުންނާއި އީރާނުގެ ރައްޔިތުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސަންއާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ނުޖެއްސިގެން އީރާނު މަތިންދާ ބޯޓު ޖެއްސީ ޔަމަންގެ ހުދައިދާ އެއަރޕޯޓަށެވެ.
ސަންއާ އެއަރޕޯޓަށް ދިން ހަމަލާއާއެކު ހޫޘީ އަސްކަރިއްޔާއިން ސައުދީ އަރަބިއްޔާ ވަރަށް ބޮޑަށް ކުށްވެރިކޮށް ބުނެފައިވަނީ ސައުދީން ދިން ހަމަލާގެ ބަދަލު ހިފާނޭ ކަމަށެވެ. ހަމަ އެއައެކު، ހަމަލާތައް ހުއްޓާލުމަށް ހޫޘީންނާއި ސައުދީ އަރަބިއްޔާއާ ދެމެދު ވެފައިވާ އެއްބަސްވުން ނިމުމަކަށް އައީ ކަމަށްވެސް އިއުލާން ކުރިއެވެ.
ސައުދީ އަރަބިއްޔާގެ އަބްހާ އެއަރޕޯޓަށް ހަމަލާ ދިނުމަށްފަހު ހޫޘީ އަސްކަރިއްޔާގެ ތަރުޖަމާނު ޔަހްޔާ ސަރައީވަނީ، ސައުދީއާ ދެކޮޅަށް ހޫޘީން އަދިވެސް ހަމަލާތައް ދޭނޭ ކަމަށާއި، އެހެންކަމުން އެމީހުން ވަކި އެއްޗެއް އަންގަންދެން ސައުދީ ވައިގެ ސަރަހައްދުން އެއްވެސް މަތިންދާ ބޯޓެއް ދަތުރުކުރުން މަނާކޮށްފައެވެ.



