އެމެރިކާގެ ހަމަލާތަކުގައި އީރާނު އާންމުންގެ 30 މީހުން މަރު، ގަލްފުން ތެލާއި ގޭސް ބޭރުކުރުން ހުއްޓުވަން އީރާނުން އިންޒާރުކޮށްފި

ޚަބަރު ފަހުގެ ދުނިޔެ

އެމެރިކާ ސިފައިން މިހާރު އުދުވާނީ ހަމަލާތައް ދެމުންގެންދަނީ ހޮރްމޫޒު ކަނޑުއޮޅިއަށްވާ ގޮތަށް ހުރި އީރާނުގެ ސިޓީތަކާއި، ހޮރްމޫޒު ކަނޑުއޮޅީގެ އީރާނުގެ ޖަޒީރާ ރަށްތަކަށް ނަމަވެސް، އީރާނަށް ދެމުންގެންދާ ހަމަލާތައް އެހެން ސަރަހައްދުތަކަށް ފުޅާކޮށް ހަމަލާތައް އިހުނަށްވުރެ ވަރުގަދަކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނިންމާފައެވެ.

ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމްގައި އެމެރިކާގެ ރައީސް ޓްރަމްޕް، އޭނާގެ ހަނގުރާމައިގެ މުޖުރިމުންގެ ޓީމާއެކު ބައްދަލުކޮށް އީރާނަށް އިތުރަށް ގެއްލުން ދެވޭނޭ ގޮތްތަކާ ގުޅޭގޮތުން ވަނީ ސައްލާކޮށް ގޮތްތަކެއް ރާވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެގޮތުން ކުރި މަޝްވަރާތަކަށްފަހު ޓްރަމްޕާއި އޭނާގެ ޓީމުންވަނީ އީރާނުގެ ހުރިހާ ހިސާބަކަށް އުދުވާނީ ހަމަލާތައް ދިނުމަށް ނިންމާފައެވެ. އެގޮތުން، އީރާނުގައި ހުރި މުހިންމު ހުރިހާ ތާކަށް ހަމަލާދޭން ވަނީ ނިންމާފައެވެ.

ސިޗުއޭޝަން ރޫމްގެ މަޝްވަރާތަކަށްފަހު ފޮކްސް ނިއުސްއާ ވާހަކަ ދައްކަމުން ޓްރަމްޕް ބުނެފައިވަނީ، އަންނަ ހަފްތާގައި އީރާނަށްދޭ ހަމަލާތައް އަމާޒުކުރާނީ އީރާނުގެ އިންޖީނުގެތަކާއި، ބްރިޖްތަކަށް ކަމަށެވެ. އެމެރިކާ ސިފައިންގެ ހަމަލާތަކުގައި އީރާނުގެ ހުރިހާ ބްރިޖްތަކާއި އިންޖީނުގެތައް މުޅިން ހަލާކުކޮށްލާނެ ކަމަށްވެސް ޓްރަމްޕް އިންޒާރު ކޮށްފައި ވެއެވެ. މިއީ، ސީދާ ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގެ އިންޒާރުތަކެވެ.

މިދިޔަ ހަތަރު ދުވަހުގެ ތެރޭގައި އެކަނިވެސް އެމެރިކާ ސިފައިންވަނީ އީރާނު އަސްކަރިއްޔާގެ އެކި ތަންތަނަށާއި، އަދި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށްވެސް ބޮންއަޅައި އަދި މިސައިލުން ހަމަލާދީ ހަނގުރާމައިގެ އެތައް ޖަރީމާތަކެއް ހިންގާފައެވެ.

އެމެރިކާ ސިފައިން ރޭގައިވަނީ އީރާނުގެ އައިލާމް ޕްރޮވިންސް ކައިރީގައި ހުރި މިނެރަލް ވޯޓަރ އުފައްދާ ކާރުޚާނާއަކަށް މިސައިލް ހަމަލާދީ ގޮއްވާލާފައެވެ. ޚުޒެސްތާން ޕްރޮވިންސްގައި ހުރި ގޮދަނާއި، ގޮދަންފުށް ރައްކާކުރާ ދެ ގުދަނަކަށްވެސް ބޮންއަޅައި ގޮއްވާލާފައި ވެއެވެ.

އީރާނު ސަރުކާރުގެ ތަރުޖަމާނު ފާތިމާ މުހާޖިރާނީ މިއަދު ވިދާޅުވީ، އީރާނުގެ ދެކުނުގެ ސިޓީތަކާއި ރަށްތަކަށް އެމެރިކާއިން އެންމެފަހުން ދިން ހަމަލާތަކުގައި އާންމުންގެ ތިރީހަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ.

އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ ތަރުޖަމާނު ވިދާޅުވީ، މަރުވި މީހުންގެ އާއިލާތަކަށް ލިބިހުރި ހުރިހާ ވަސީލަތެއްގެ ބޭނުންކޮށްގެން ސަރުކާރުން އެހީތެރިވާނޭ ކަމަށެވެ.

އީރާނުގެ އިންގިލާބީ ލަޝްކަރުން ބުނެފައިވަނީ، އީރާނަށް ބޮންއަޅައި އާންމުން މަރައި، އާންމުންގެ ތަންތަނަށް ހަމަލާދީ ގެއްލުންދީ އަދި އީރާނު ބްލޮކޭޑްކޮށްގެން އެމެރިކާއަށް ކުރި ހޯދިދާނެ ކަމަށް ހީކުރުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ.

ހޮރްމޫޒު ބްލޮކް ކުރުމަށްފަހު ގަލްފް ސަރަހައްދުގެ އެހެން މަގުތަކުން ތެލާއި ގޭސް އުފުލަން އެމެރިކާއަށް ލާހިކަކުޅަދާނައެއް ނޫން ކަމަށް ބުނެ އީރާނުގެ ލަޝްކަރުތަކުން މިހާރުވަނީ ގަލްފްގެ ގައުމުތަކުގެ ތެލާއި ގޭހުގެ އިންފްރާސްޓްރަކްޗަރއަށް ސީދާ ހަމަލާތައް ދޭން ފަށާފައެވެ. އެންމެ ފުރަތަމަ ހަމަލާދީ ގޮއްވާލީ ޔޫއޭއީގެ ފުޖައިރާ ޕޯޓްގެ އޮއިލް ޓާމިނަލްއެވެ. ގަލްފްގެ އެހެން ގައުމުތަކުގައި ހުރި ތެލާއި ގޭހުގެ އިންފްރާސްޓްރަކްޗަރއަށް ވެސް އީރާނުގެ ހަމަލާތައް އަމާޒުވަމުން އެބަދެއެވެ.

އީރާނުގެ އިންގިލާބީ ލަޝްކަރުން ވަނީ، މެދުއިރުމަތީގެ އެއްވެސް ގައުމަކުން ހަކަތައިގެ އެއްވެސް ބާވަރެއް ބޭރުކުރިޔަ ނުދީ ހުއްޓުވާނޭ ކަމުގެ އިންޒާރު ދީފައެވެ. އީރާނު ބްލޮކޭޑްކޮށް އީރާނުގެ ތެޔޮ ބޭރުވިޔަ ނުދޭނަމަ އެހެން ބަޔަކަށްވެސް އެކަން ނުކުރެވޭނޭ ކަމަށް އިންގިލާބީ ލަޝްކަރުން އިންޒާރު ކޮށްފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ