އައްޑޫ ހަންކެޑެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހާއްސަ ކުންފުންޏެއް ރައީސް އުފައްދަވައިފި

ޚަބަރު ފަހުގެ

ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމަށް “އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް” ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ކުންފުންޏެއް މިއަދު އުފައްދަވައިފި އެވެ.

ކުންފުނިތަކުގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރައީސް ނެރުއްވި ގަރާރަކުން އެ ކުންފުނި އުފެއްދެވީ، އައްޑޫ ހަންކެޑެ މަޝްރޫއު ރާވައި، ހިންގުމާއި އެ މަޝްރޫއުގެ އެންމެހާ ކަންކަން ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ އެ ކުންފުންޏާ ހަވާލުކުރުމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރައީސް އޮފީހުން ބުނީ އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އުފެއްދުމުގެ މައިގަނޑު މަގުސަދަކީ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލަކަށް “އައްޑުއަތޮޅު ހަންކެޑެ” ތަރައްގީ ކުރުމަށެވެ.

އޭގެ އިތުރުން އައްޑޫގެ ޓޫރިޒަމް ސިނާއަތް އިތުރަށް ފުޅާކުރުމާއެކު، އެ ސިނާއަތުން ލިބޭ މަންފާ މުޅި އައްޑު އަށް ހަމަހަމަކަމާ އެކު، ފޯރުކޮށްދިނުމާއި އެ ދާއިރާގައި އައްޑޫގެ ބައިވެރިވުން އިތުރުކުރުމަށް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެ މަޝްރޫޢުގެ ދަށުން ސަރުކާރުން ކަނޑައަޅާފައިވާ އިގްތިސާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމަކީ ވެސް އެ ކުންފުނި އުފެއްދެވުމުގެ ބޭނުމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިދިޔަ ސަރުކާރުގެ ދުވަސްވަރު މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ވަނީ ހަންކެޑެ ތަރައްގީކުރަން ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްފަ އެވެ. އޭގެ ފަހުން މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު، މިދިޔަ އަހަރުގެ އޭޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ބަޑިބޭހުގެ ކުޅިވަރުތަކާ އެކު، ހަންކެޑެ ތަރައްގީ ކުރުމުގެ އެ މަޝްރޫއު އަލުން އިއުލާން ކުރިޔަސް މަސައްކަތް ފަށައިފައެއް ނުވެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އައްޑު އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ހަންކެޑެ ހެދުމަށް އެންމެ ބޮޑު ދަތިކަމެއް ކުރިމަތިވީ އެންމެ ފަހުން ވެރިކަންކުރި އެމްޑީޕީގެ ސަރުކާރުން އެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް ފައިސާ ހަމަނުޖެހިގެން ކަމަށާއި އެކަން ކުރެވޭތޯ ދޮޅު އަހަރު ދުވަސް ވަންދެން މި ސަރުކާރުން މަސައްކަތް ކުރި ކަމަށެވެ.

އެކަމަކު، އިތުރަށް އެ މަޝްރޫއު ލަސްކުރަން ބޭނުން ނުވާތީ، އެއްބަސްވުން ބާތިލުކޮށް، އަލުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ތުރުކީގެ ކުންފުންޏަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރައީސް އޭރު ވިދާޅުވެފައިވެ އެވެ.

މިދިޔަ އެމްޑީޕީގެ ސަރުކާރުން ޗައިނާގެ ބޭންކަކުން 142 މިލިއަން ޑޮލަރުގެ ލޯނެއް ނަގައި، އިންޓަގްރޭޓަޑް ޓޫރިޒަމް މަޝްރޫއެއް ހަންކެޑޭގައި ކުރިއަށްގެންދަން ނިންމާފައިވާ ނަމަވެސް މި ސަރުކާރުން ހަންކެޑެ ތަރައްގީ ކުރަން ނިންމާފައި ވަނީ ހަލާލް ޓޫރިޒަމްގެ ކޮންސެޕްޓަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ