ކަނޑުމަތީގެ ހަމަލާތައް ފެށުމަށް އީރާނުން އެމެރިކާގެ ލަޝްކަރަށް ފާރަލަނީ

ޚަބަރު ފަހުގެ ދުނިޔެ

އީރާނާ ގާތުގައި ކަނޑުގެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް ފާރަލަމުންދާ ކަމަށާއި، ކަނޑުމަތީގެ އަސްކަރީ ކުރިމަތިލުމެއް ފެށުމުގެ ވަގުތު ގާތްވަމުން އަންނަ ކަމަށް އީރާނުގެ އިންގިލާބީ ލަޝްކަރުން އިހަށްދުވަހު ބުނެފައި ވެއެވެ.

އެމެރިކާއިން އީރާނާ ގާތަށް ފޮނުވާފައިވާ ހަނގުރާމަމަތީ މަތިންދާ ބޯޓުތައް އުފުލާ މަންވަރުތަކާއި، އަސްކަރީ މަނަވަރުތަކަށް ވަރަށް ގާތުން ފާރަލަމުންދާ ކަމަށްވެސް އިންގިލާބީ ލަޝްކަރުން ބުނެފައި ވެއެވެ. އެގޮތުން، އެމެރިކާގެ ވަރަށް ޚާއްސަ މަނަވަރުތަކެއް ކަނޑުމަތީގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯއެއްވެސް އާންމުކޮށްފައި ވެއެވެ. އެއީ، އީރާނުގެ ނޭވީން ނަގާފައިވާ ފޮޓޯއެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް އެމެރިކާގެ ކަނޑުގެ ސިފައިންގެ ލަޝްކަރެއް އަރަބި ކަނޑުގެ ސަރަހައްދުގައި އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެހެން ނަމަވެސް، އެ ލަޝްކަރު މިހާރު އީރާނާ ގާތަށް ޖެހެމުންދާ ކަމަށް އީރާނުން ބުނެއެވެ. އެހެންވެ، އީރާނު ކަނޑުގެ ސިފައިން މިހާރު ތިބީ ހަމަލާތައް ފެށުމަށް ތައްޔާރީ ހާލަތުގައެވެ.

އެމެރިކާ ކަނޑުގެ ސިފައިންގެ ލަޝްކަރަށް ސިއްރުން އީރާނު ކަނޑުގެ ސިފައިން އެމެރިކާގެ ލަޝްކަރަށާއި، މަނަވަރުތަކަށް ފާރަލަމުންދާކަން އެނގުމަކީ އެމެރިކާ ސިފައިން ވަރަށް ކަންބޮޑުވާނޭ ކަމެއް ކަމަށް ބެލެވިފައި ވެއެވެ.

އެމެރިކާ ސިފައިން އީރާނުގެ ހޮރްމޫޒު އައްސޭރިފަށުގެ ސިޓީތަކަށާއި، ހޮރްމޫޒުގައި ހުރި ޖަޒީރާ ރަށްތަކަށް އުދުވާނީ ހަމަލާތައް ދިނުމަށްފަހު ހަމަލާތައް މިހާރު އަމާޒުކުރަމުން ގެންދަނީ ބްރިޖްތަކަށާއި، އިންޖީނުގެތަކަށާއި، އެއަރޕޯޓްތަކާއި، ފެން ޕްލާންޓްތަކާއި، ރޭލުމަގުތަކަށް ހަމަލާތައް ފުޅާކުރުމުން އީރާނުންވެސް ރައްދު ހަމަލާތައް ފުޅާކޮށް  ވަރުގަދަ ކޮށްފައި ވެއެވެ.

އީރާނުން މިހާތަނަށް ރައްދު ހަމަލާތައް ދީފައިވަނީ ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި، އެމެރިކާ ސިފައިން ތިބޭ ތަންތަނަށެވެ. އަދި އެމެރިކާއަށް ހަމަލާދޭން ބޭނުންކުރާ ގައުމުތަކުގެ އިންޖީނުގެތަކަށާއި، ޑިސަލިނޭޝަން ޕްލާންޓްތައް ފަދަ ތަންތަނަށްވެސް އީރާނުން ހަމަލާތައް ފުޅާކޮށްފައި ވެއެވެ.

އެހެން ނަމަވެސް، ކަނޑުމަތިން އީރާނަށް ހަމަލާދޭން ބޭނުންކުރާ މަތިންދާ ބޯޓު އުފުލާ މަނަވަރުތަކާއި، ހަމަލާދޭ މަނަވަރުތަކާއި، އަސްކަރީ ހަތިޔާރު އުފުލާ މަނަވަރުތަކާ ދެކޮޅަށް އީރާނުން އަދި ވަކި އޮޕަރޭޝަނެއް ނުފަށައެވެ. އެކަމަކު، އީރާނުގެ އިންގިލާބީ ލަޝްކަރުގެ ކަނޑުގެ ސިފައިން މިހާރު ގެންދަނީ ކަނޑުމަތީގައި ހުރި އެމެރިކާގެ މަނަވަރުތަކާ ދެކޮޅަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފެށުމަށް ތައްޔާރުވަމުންނެވެ.

އެމެރިކާގެ މަނަވަރުތައް ހުރި ދިމަދިމާއާއި، ތަންތަނާއި، އެމީހުންގެ ހަތިޔާރާއި، ހަރަކާތްތަކަށް އީރާނުން ފާރަލަމުން ގެންދަނީ އެހެންވެގެންނެވެ.

އިންގިލާބީ ލަޝްކަރުގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރު އަލީ އުޒްމާއީ ވިދާޅުވީ، “އެމެރިކާގެ އަސްކަރިއްޔާގެ ހަރަކާތްތަކާއި ޑިޕްލޮއިމަންޓްތައް އޮތީ އަހަރެމެންގެ ޔުނިޓްތަކުގެ ފުރިހަމަ ފާރަވެރިކަމުގެ ދަށުގައި” ކަމަށެވެ. އީރާނުގެ މިސައިލްތައް ފޯރާ ހިސާބުގައި ކަމަށެވެ. އަދި ވިދާޅުވީ “ބަލަން ތިބޭ” މިހެންނެވެ.

ޚާއްސަކޮށް އީރާނާ ގާތުގައި ހަރަކާތްތެރިވާ މަތިންދާ ބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް އަބްރަހަމް ލިންކަންއާއި، ޔޫއެސްއެސް ބުޝްއަށް ގާތުން ފާރަލަމުން ގެންދާ ކަމަށް އަލީ އުޒްމާއީ ވިދާޅުވިއެވެ.

އިންގިލާބީ ލަޝްކަރުގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރު އަލީ އުޒްމާއީ ވަނީ، އެމެރިކާ ސިފައިންނަށް އެ ކަނޑަކީ “ނަރަކައަކަށް” ހައްދަވާނޭ ކަމަށް ވައުދުވެވަޑައި ގެންފައެވެ.

ހޮރްމޫޒު ކަނޑުއޮޅި އެއްކޮށް ބަންދުކޮށް އީރާނު ކަނޑުގެ ލަޝްކަރުގެ އާރާއި ބާރު ހުރި ވަރު އެމެރިކާއަށް މިހާރުވަނީ އެނގި ހާމަވެފައެވެ. އީރާނުން ހޮރްމޫޒު އެއްކޮށް ބަންދުކުރުމުން އެމެރިކާއަށް އެ ކަނޑުއޮޅިން އެންމެ ފީފާއެއްގެ ތެޔޮވެސް ބޭރު ނުކުރެވި ވަނީ ހުއްޓިފައެވެ. އެމެރިކާގެ މަނަވަރުތަކުން ހިމާޔަތް ދޭނޭ ކަމަށް ބުނެ ވަސްވާސްދީގެން ހޮރްމޫޒު ހުރަސްކުރަން އުޅުނު ބޮޑު ދެ ތެޔޮ ޓޭންކަރަކަށް އީރާނުން އިއްޔެވަނީ ހަމަލާދީ ބޮޑެތި ގެއްލުންތައް ދީފައެވެ. އަދި އެމެރިކާގެ ބަހަށް ހެއްލިގެން ހޮރްމޫޒު ހުރަސްކުރަން ނޫޅުމަށްވެސް އުޅަނދުފަހަރު ދުއްވާ ކުންފުނިތަކަށް ގޮވާލާފައި ވެއެވެ.

އީރާނުން ބުނަމުންދަނީ، އީރާނުގެ ބަނދަރުތައް ބްލޮކްކޮށް، އީރާނުން ތެޔޮ ބޭރުކުރިޔަނުދީ ހުއްޓުވުމަށްފަހު އެމެރިކާއަކަށް އަދި ގަލްފްގެ އެހެން ގައުމަކަވެސް ހޮރްމޫޒުން އެންމެ ތެޔޮ ތިއްކެއްވެސް ބޭރު ނުކުރެވޭނޭ ކަމަށެވެ. އެ ފުރުސަތު ނުދޭނޭ ކަމަށެވެ.

އީރާނުގެ އިންގިލާބީ ލަޝްކަރުގެ ގާބިލް ކަމާއި ކުޅަދާނަކަން އިއްޔެވެސް މިވަނީ އެމެރިކާއަށް ހާމަކޮށްދީފައެވެ. ތައިލެންޑްގެ ޓޭންކަރަށް ހަމަލާދިން ވަގުތާއި، އަދި އެ އުޅަނދުގައި އަލިފާން ރޯވެފައިވާ މަންޒަރުގެ ވީޑިއޯ އީރާނު ކަނޑުގެ ސިފައިންވަނީ އާންމުކޮށްފައެވެ. މިއީ، ތެޔޮ ޓޭންކަރަކަށް އީރާނުން ހަމަލާދޭ މަންޒަރު ވީޑިއޯކޮށް އާންމުކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

އަނެއްކޮޅުން، އިންޑިއާކަނޑުގެ ސަރަހައްދުން ދަތުރުކުރި އެމެރިކާގެ މަނަވަރަކަށް އަމާޒުކޮށް އީރާނުން ކްރޫޒް މިސައިލެއް އުދުއްސާލުމުން މަނަވަރުވަނީ އަނބުރާ އައިކޮޅަށް ގޮސްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ