ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންނަށް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ފަންނީ ތަމްރީނުތައް ހޯދައިދިނުމަށް ބީއެމްއެލް އެކެޑަމީން އިންސެފް ޔުނިވަރސިޓީއާއެކު ސްޓްރެޓެޖިކް ޕާޓްނަރޝިޕެއް ގާއިމުކޮށްފި އެވެ.
ބީއެމްއެލްއިން ބުނެފައިވަނީ މި އެއްބަސްވުމުގެ ދަށުން، އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އިންސެފް ޔުނިވަރސިޓީން ހިންގާ ބައިނަލްއަގުވާމީ ފެންވަރުގެ ޕްރޮގްރާމްތަކާއި، އެގްޒެކެޓިވް އެޑިއުކޭޝަން، ޕްރޮފެޝަނަލް ސެޓިފިކޭޝަން އަދި ހާއްސަ ތަމްރީނުތައް ބޭންކުގެ މުވައްޒަފުންނަށް ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން، މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ މައުލޫމާތު ހިއްސާކުރުމާއި، ލީޑަޝިޕް ތަރައްގީކުރުމާއި، ސިނާއީ ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތުތައް ވެސް މި އެއްބަސްވުމުގެ ދަށުން ފަހިވެގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެ އެވެ.
ބީއެމްއެލް އެކެޑަމީއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ތައުލީމާއި ތަމްރީނު މެދުވެރިކޮށް، ބޭންކިންގ ދާއިރާގެ ފަންނީ މީހުން ތަރައްގީކުރުމަށް ބޭންކުން ގާއިމުކޮށްފައިވާ އެކެޑަމީއެކެވެ. މީގެ ކުރިންވެސް މި އެކެޑަމީން ވަނީ ބޭންކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަރޑް ބޭންކާސް، ސިންގަޕޯ މެނޭޖްމަންޓް ޔުނިވަރސިޓީ އާއެކު އެއްބަސްވުންތައް ގާއިމުކޮށްފަ އެވެ.
ބީއެމްއެލްއިން ބުނެފައިވަނީ ރާއްޖޭގެ ބޭންކިންގ އަދި މާލީ ހިދުމަތްތަކުގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވެދޭނެ، ފެންވަރު ރަނގަޅު އުނގެނުމުގެ ފުރުސަތުތައް ފުޅާކުރުމަށްޓަކައި، ބީއެމްއެލް އެކެޑަމީން ދުނިޔޭގެ ކުރިއަރާފައިވާ މުއައްސަސާތަކާއެކު މަސައްކަތްކުރަމުންދާ ކަމަށެވެ.


