އިތުރު 25 ރަށަކަށް ސޯލާ ހައިބްރިޑް ނިޒާމު

ޚަބަރު ފަހުގެ

އިތުރު ފަންސަވީސް ރަށެއްގައި ޤާއިމުކުރި 6.4 މެގަވޮޓުގެ ސޯލާ ފޮޓޯވޮލްޓައިކް (ޕީވީ) ހައިބްރިޑް ކަރަންޓުގެ ނިޒާމުތައް ރަސްމީކޮށް އިފްތިތާޙުކޮށްފި އެވެ.

މިއީ ސަރުކާރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް، އީއައިބީ ގުޅިގެން ރ. އަތޮޅާއި ބ. އަތޮޅުގެ ރަށްތަކުގައި ހިންގި މަޝްރޫއެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިއީ ހަކަތައިގެ ރައްކާތެރިކަން އިތުރު ކުރުމަށާއި، ރާއްޖެއަށް އެތެރެކުރާ ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ އިތުރުން ތިމާވެށީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ. އަދި މިއީ، “ޕްރިޕެއަރިން އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނަޖީ ޑިވެލޮޕްމެންޓް (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.

ރ. ކިނޮޅަހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކަން ރަސްމީކޮށް ފައްޓަވައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ޢަލީ ޝަރީފެވެ.

މިއަދު އިފްތިތާޙުކުރި 25 ރަށުގެ ނިޒާމުތަކުގައި ޖުމްލަ 6.36 މެގަވޮޓު ޕީކުގެ ސޯލާ ޕީވީއާއި 10 މެގަވޮޓު އަވާގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ހިމެނެ އެވެ. އަދި މި ނިޒާމުތަކުން އަހަރަކު 10.4 ގިގަވޮޓް އަވާގެ ސާފު ހަކަތަ އުފައްދާނެ އެވެ. މީގެ ސަބަބުން އަހަރަކު 3 މިލިއަނަށް ވުރެ ގިނަ ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި، ޖައްވަށް ދޫކުރާ ކާބަންޑައިއޮކްސައިޑުގެ މިންވަރު 8،400 މެޓްރިކް ޓަނުން މަދުކުރެވޭނެ އެވެ.

މި ނިޒާމް އިފްތިތާޙުކުރި ރަށްތަކާއެކު، ޖުމްލަ 97 ރަށެއްގައި ޕޮއިސްޑް ޕްރޮޖެކްޓުގެ ދަށުން މަސައްކަތް ނިމި، ޖުމްލަ 19.8 މެގަވޮޓުގެ ސޯލާ ޕީވީ ކެޕޭސިޓީއާއި 20.6 މެގަވޮޓު އަވާގެ ބެޓަރީ ސްޓޯރޭޖް ޤާއިމުކޮށް ނިމި ބޭނުން ކުރަމުންދާނެ އެވެ. މީގެ އިތުރުން 23 ރަށެއްގެ މަސައްކަތް މިހާރު ކުރިއަށްދާ އިރު، އެ މަސައްކަތްތައް އަންނަ އަހަރު ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޕޮއިސްޑް މަޝްރޫޢުގެ މައިގަނޑު މަޤުޞަދަކީ، ރާއްޖޭގެ 160 ރަށެއްގައި ޤާއިމުކޮށްފައިވާ ޑީސަލުން ކަރަންޓު އުފައްދާ ނިޒާމުތައް ސޯލާ ޕީވީ ހައިބްރިޑް ނިޒާމުތަކަކަށް ބަދަލުކުރުމެވެ.

މި މަޝްރޫޢުގެ ދަށުން މިހާތަނަށް 72 ރަށެއްގެ މަސައްކަތް ނިމި، އެ ރަށްރަށުގައި އަންނަނީ ހައިބްރިޑް ނިޒާމުތައް ބޭނުން ކުރަމުންނެވެ. މި ރަށްތަކުގައި ޖުމްލަ 13.4 މެގަވޮޓު ޕީކުގެ ސޯލާ ޕީވީއާއި، 10.6 މެގަވޮޓު އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) ޤާއިމުކުރާނެއެވެ. އަދި މިސިސްޓަމްތަކަށް ބޭނުންވާ އެނަޖީ މެނޭޖްމަންޓް ސިސްޓަމް (އީއެމްއެސް) ހަރުކުރުމުގެ އިތުރުން އެކަމަށް ބޭނުންވާ ގްރިޑް އަޕްގްރޭޑް ކުރުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން 27 މެގަވޮޓުގެ ޑީސަލް ޖަނަރޭޓަރު ވެސް ވަނީ ފޯރުކޮށްދީފައެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ