އީރާނު ސިފައިން ކުވައިތަށް އަރައިގެންފާނެތަ؟ އީރާނުން އަމާޒުހިފާފައިހުރީ ސަރަހައްދުން އެމެރިކާސިފައިން ފައްސާލުމަށް

ޚަބަރު ފަހުގެ ދުނިޔެ

އީރާނުން ހަތިޔާރު ހުސްވަމުންދާ ކަމަށް ބުނެ އެމެރިކާއިން ފަތުރާ ވާހަކަތަކަށް އީރާނުންވަނީ ޖޯކުޖަހާފައެވެ. އަދި އެމެރިކާއިން ފަތުރާ ވާހަތަކަކީ ތެދު ނޫންކަން ސާބިތުކޮށްދޭނޭ ކަމަށްވެސް ގެންދަނީ ބުނަމުންނެވެ.

އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، އެމެރިކާއާއި އަދި ދުޝްމަނުންނާ ދެކޮޅަށް “އެތައް އަހަރެއްވަންދެން” ހަނގުރާމަ ކުރަން ޖެހުނަސް މަދު ނުވާވަރަށް އީރާނުގައި ހަތިޔާރު އެބަހުރި ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ބުނެވޭގޮތުގައި އީރާނުގައި މިހާރުވެސް 70،000 ނުވަތަ 80،000 ބެލިސްޓިކް މިސައިލް ސްޓޮކްގައި އެބަ ހުއްޓެވެ. ނުވިތާކަށް ހަމަލާދޭން ބޭނުންކުރާ އެކި ބަވާތުގެ މިސައިލާއި ޑްރޯން އުފެއްދުމުގެ މަސައްކަތްވެސް އީރާނުގެ ހަތިޔާރު ކާރުޚާނާތަކުގައި ހުއްޓާނުލާ ކުރިއަށްދެއެވެ. ހަތިޔާރު އުފައްދާ ކާރުޚާނާތައް އީރާނުގެ އެކި ހިސާބުތަކުގައި ހުރިއިރު، އެ ތަންތަން ހުރިތަނެއް ދުޝްމަނުންނަށް ރޭކާވެސް ނުލާނެކަމަށް ވެއެވެ.

އީރާނުގެ ކަނޑުގެ ސިފައިންގެ ލަޝްކަރުތަކާއި، ވައިގެ ލަޝްކަރާއި މިސަލާއި ޑްރޯން ސައިޓްތައް މުޅިން ހަލާކުކޮށްލެވި ސުންނާފަތި ކޮށްލެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯއާއި، ހަނގުރާމައިގެ ވަޒީރު ޕީޓް ހެގްސެތު އެތައް ފަހަރަކު ބުނެފައި ވެއެވެ. ނަމަވެސް، އެމީހުންގެ ވާހަކަތަކަކީ ތެދުނޫން އީރާނުން ގެންދަނީ މިހާރުވެސް ސާބިތުކޮށްދެމުންނެވެ.

އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހޮރްމޫޒު ކަނޑުއޮޅީގެ ކޮންޓްރޯލް އެމެރިކާއަކަށް ނުނެގުނެވެ. ހޮރްމޫޒުން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ދޭ ހަމަލާތައް ހުއްޓުވަން އެމެރިކާ ސިފައިން ކުރި އެއްވެސް ކަމެއް ކާމިޔާބެއް ނުވިއެވެ. އީރާނާ ދެކޮޅަށް ހޮރްމޫން ތެޔޮ ބޭރުކުރުމަށް ކުރެވުނު ހުރިހާކަމެއް ފެއިލްވީއެވެ. އެންމެ ފީފާއެއްގެ ތެޔޮވެސް ބޭރެއް ނުކުރެވުނެވެ.

ހޮރްމޫޒުން ދަތުރުކުރާ އުޅަނދުފަހަރަށްދޭ ހަމަލާތައް ހުއްޓުވަން ކަމަށް ބުނެ އީރާނުގެ އައްސޭރިފަށުގައި ހުރި މިސައިލާއި ޑްރޯން ސައިޓްތަކާއި، ރާޑަރުތަކާއި، ކޮމިއުނިކޭޝަން ޓަވަރުތަކާއި، ކޮމާންޑް ސެންޓަރުރަކަށް އެތައް ފަހަރަކު ބޮމާއި މިސައިލުން ހަމަލާދީ އެތަންތަން ގޮއްވަމުން ގެންދާއިރުވެސް އީރާނު ގުޑާވެސް ނުލައެވެ. އީރާނުގެ ރައްދުވެސް ނުހުއްޓުވެއެވެ. ހޮރްމޫޒަށް ހުރަސްއެޅުންވެސް ނުހުއްޓުވެއެވެ.

ނުވިތާކަށް، އެމެރިކާއިން ހިންގަމުންގެންދާ އުދުވާނުތަކުގެ ރައްދުގައި އީރާނުން ގެންދަނީ، ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ކެނޑިނޭޅި ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާދީ އެތަންތަން ސުންނާފަތި ކުރަމުންނެވެ. އެމެރިކާގެ ބޭސްތަކަށް އީރާނުން މިހާރު ދެމުންގެންދާ ހަމަލާތައް ވަރަށް ވޭންދެނިވިވެފައި ގެއްލުން ބޮޑެވެ.

އީރާނުގެ މިހާރުގެ މަގްސަދަކީ، ސަރަހައްދުގެ ގައުމުތަކުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހުއްޓާނުލާ ހަމަލާދީ އެ ހުރިހާ ބޭސްތައް ބޭނުން ނުކުރެވޭގޮތް ހެދުމެވެ. އަދި އެމެރިކާ ސިފައިން އަސްކަރީ ބޭސްތައް ދޫކޮށް ސަރަހައްދުންވެސް ފުރައިގެން ދިއުމަށް މަޖުބޫރު ކުރުމެވެ.

އީރާނުގެ ހަމަލާތައް ކާމިޔާބުވަމުންދާކަން ފެންނަ މަންޒަރުތަކުންނާއި، ޚަބަރުތަކުން އެނގެއެވެ. އެމެރިކާ ސިފައިން މަރުވާ އަދަދު އިތުރުވެއްޖެއެވެ. ޒަޚަމްވާ އަދަދު އިތުރުވެއްޖެއެވެ. އެމެރިކާ އަސްކަރިއްޔާގެ ހަނގުރާމައިގެ ޖެޓުތަކާއި، ހެލިކޮޕްޓަރުތައް ހަލާކުކުރުން އިތުރުވެއްޖެއެވެ. ހަތިޔާރަށް ލިބޭ ގެއްލުންތައް ބޮޑުވެއްޖެއެވެ. ތަންތަން ހަލާކުވާން ފަށައިފިއެވެ. ރަށުތެރޭ ތާކަށް ހިމާޔަތް ހޯދަން ސިފައިން ދިޔަޔަސް އެތަނަކަށްވެސް ހަމަލާދޭން ފަށައިފިއެވެ.

އެމެރިކާ ސިފައިން އީރާނުގެ ބްރިޖްތަކާއި، އިންޖީނުގެތަކާއި، ޑީސަލިނޭޝަން ޕްލާންޓްތަކާއި، ފާލަންތަކަށާއި، ބިމުއަޑީގެ މަގުތަކަށާއި، އެއަރޕޯޓްތަކަށް ހަމަލާދޭން ފެށުމުން، ސަރަހައްދުގެ ގައުމުތަކުގެ އެފަދަ ތަންތަނަށްވެސް އީރާނުން މިހާރު ވަނީ ރައްދު ހަމަލާދޭން ފަށާފައެވެ. އެއީ، އީރާނުން ކުރިންވެސް އިންޒާރުކޮށްފައިވާ ކަމެކެވެ. ޚާއްސަކޮށް ކުވައިތާއި ބަހްރެއިންގެ އެފަދަ ތަންތަނަށް ދޭ ހަމަލާތައް އިތުރުކޮށްފައި ވެއެވެ.

ގަލްފްގެ ގައުމުތަކުގެ ތެރެއިން އީރާނާ އެންމެ ގާތުގައި އޮތީ ކުވައިތެވެ. އީރާނަށް ހަމަލާދޭން އެމެރިކާއިން އެންމެ ބޮޑަށް ބޭނުންކުރަމުންދަނީވެސް ކުވައިތެވެ. އެހެންވެ، އީރާނުން އެންމެ ވަރުގަދައަށް ރައްދު ހަމަލާތައްދީ އެންމެ ބޮޑެތި ގެއްލުންތައް ދެމުންގެންދަނީވެސް ކުވައިތަށެވެ. ކުވައިތުން އަދާކުރާ ނުބައި ދައުރު ބޮޑުވެގެންނެވެ.

އީރާނު ސިފައިން ކުވައިތަށް އަރަން އުޅޭކަމުގެ ރިޕޯޓްތަކެއްވެސް ފެތުރެމުން އެބަދެއެވެ. މިކަން ކަށަވަރު ނުވިނަމަވެސް މި ވާހަކައިގެ އަޑު ދަނީ ގަދަމުންނެވެ. އީރާނުން ކުވައިތަށް އަރަން އުޅެނީ އެމެރިކާގެ އަސްކަރީ ބޭސްތައް ހިފުމަށް ކަމަށް ވެއެވެ. އީރާނުން މަސައްކަތް ކުރަނީ ކުވައިތުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ދެ ބޭހެއް ހިފުމަށް ކަމަށް ވެއެވެ. މިއީ، އީރާނުގެ މިނިވަންކަމާއި އިސްތިގްލާލަށް ކުރަމުންދާ ނުރައްކާ ހުއްޓުވަން ކުރަން އުޅޭ ކަމެއް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އީރާނުގެ ނުފޫޒުގަދަ އިންގިލާބީ ލަޝްކަރުން ބުނެފައިވަނީ، އެމެރިކާއިން ދެމުންގެންދާ ހަމަލާތައް ނުހުއްޓައިފިނަމަ ސަރަހައްދުގެ އެއްވެސް ގައުމެއްގެ ބޯޑަރަށް ހިމާޔަތެއް އަދި ރައްކާތެރިކަމެއްވެސް ނެތް ކަމަށެވެ. މާނައަކީ އީރާނަށް ނުރައްކާ ކުރާނަމަ ކުވައިތަށް އަރައިގަތުމުގެ އިޚްތިޔާރުވެސް އެބައޮތް ކަމެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ