މޯލްޑިވިއަނުން ޓްވިން އޮޓަ ކްލަސިކް 300-ޖީ މަތިންދާބޯޓު ގެންނަން އެއްބަސްވުމުގައި ސޮއިކޮށްފި

ޚަބަރު ފަހުގެ

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ޓްވިން އޮޓަގެ ދެ މަތިންދާބޯޓު ގެންނަން ކެނެޑާގެ ޑި ހެވިލަންޑް އެއާކްރާފްޓް ލިމިޑެޓާ އެކު އިއްޔެ ސޮއިކޮށްފި އެވެ.

އައިލެންޑް އޭވިއޭޝަނުން ގެންނަނީ ޑީއެޗްސީ 6 ޓްވިން އޮޓަ ކްލަސިކް 300-ޖީ މަތިންދާބޯޓެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ އެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ. އަދި ޑި ހެވިލަންޑް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އޭޝިއާ ޕެސިފިކް އަދި މިޑުލްއީސްޓް ސަރަހައްދުގެ ވައިސް ޕްރެޒިޑެންޓް ސޭލްސް ޔޮގޭޝް ގާގް އެވެ.

މިއީ ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި ޓްވިން އޮޓަ މަތިންދާބޯޓު ބޭނުންކުރާ ދިވެހިރާއްޖޭގައި، ޓްވިން އޮޓަ ކްލާސިކް 300-ޖީ މޮޑެލްގެ މަތިންދާބޯޓަކަށް އޯޑަރު ދިން ފުރަތަމަ ފަހަރެވެ.

ޓްވިން އޮޓަ މަތިންދާބޯޓަކީ ފާއިތުވި ދިހަވަރަކަށް އަހަރު، މާލެއިން ރިސޯޓުތަކަށާއި އެކި ރަށްރަށަށް ޓޫރިސްޓުން އުފުލައިދީ، ރާއްޖޭގެ ޓޫރިޒަމްގެ މައިބަދައިގެ ގޮތުގައި ފާހަގަކުރެވިފައިވާ ބޯޓުތައް ކަމަށާއި ކްލާސިކް 300-ޖީ އާ އެކު، އެއްގަމު ރަންވޭއެއް ނެތް ސަރަހައްދުތަކަށް ޓޫރިސްޓުން އުފުލުމުގައި މޯލްޑިވިއަންގެ ސީޕްލޭން އޮޕަރޭޝަންތައް އިތުރަށް ވަރުގަދަވެގެންދާނެ މޯލްޑިވިއަން އިން މީގެ ކުރިން ބުނެފައިވެ އެވެ.

ކްލަސިކް 300-ޖީ އަކީ ރާއްޖޭގެ އޮޕަރޭޝަންތަކަށް ބޭނުންވާ ކުރު ރަންވޭތަކުން އުދުއްސާލުމާއި ޖެއްސުމަށް ހާއްސަ ގާބިލްކަމާ އެކު އުފައްދާފައިވާ، އޭވިއޮނިކްސް ޒަމާނީކޮށްފައިވާ ބޯޓެކެވެ. ބޯޓުގެ ބަރުދަން ކުރިއަށްވުރެ ލުއިކޮށްފައި ވުމުން ދަތުރުވެރިންނާއި ލަޖެގް އުފުލުމަށް އިތުރު ޖާގަ ލިބޭނެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1،000 އަށްވުރެ ގިނަ މަތިންދާބޯޓު އުފައްދައި، އެތައް މިލިއަން ގަޑިއިރެއްގެ ދަތުރު ހަމަކޮށްފައިވާ ޓްވިން އޮޓަ އަކީ، އާކްޓިކް ސަރަހައްދުން ފެށިގެން ރާއްޖެ ފަދަ މާހައުލުތަކުގައި ވެސް ބޭނުންކުރާ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ޔޫޓިލިޓީ އެއާކްރާފްޓެވެ. އަދި މީގެ ބޯޓުތަކުގެ ބޭނުން އެންމެ ބޮޑަށް ހިފަނީ ރާއްޖޭގައި ކަމަށް ވާއިރު މިއީ ރައްކާތެރި އަދި އިތުބާރު ހުރި ދަތުރުފަތުރުގެ މިންގަނޑަކަށް ވަނީ ވެފަ އެވެ.

މޯލްޑިވިއަންގެ ފްލީޓްގައި 25 މަތިންދާބޯޓު ހިމެނެ އެވެ. މީގެ ތެރޭގައި އެއާބަސް އޭ330-200 ގެ ބޯޓަކާއި އެއާބަސް އޭ320 އަކާއި އޭޓީއާރްގެ ގެ 5 ބޯޓު، ޑޭޝް 8 ގެ 7 ބޯޓު އަދި ޑީސީއެޗް-6 ޓްވިން އޮޓަގެ 11 ބޯޓު ހިމެނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ