އަސްލާ އެއްގޮތަށް ތައްޔާރުކޮށްގެން ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއް ރާއްޖެ އެތެރެކޮށް ވިއްކަމުންދާކަން ކަށަވަރުކުރެވިފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފި އެވެ.
އެ އިދާރާއިން މިއަދު ނެރުނު އެލާޓެއްގައި ބުނީ އަސްލާ އެއްގޮތަށް ތައްޔާރުކޮށްގެން ރާއްޖެއަށް އެތެރެކޮށް ވިއްކަމުން ދަނީ އޮޕްޑިވޯ ބްރޭންޑުގެ ނުވޮލިޔުމެބްގެ 10 މިލިލީޓަރުގެ ބެޗު ނަންބަރު، 8081399 ކަމަށެވެ.
އެމްއެފްޑީއޭއިން ވަނީ، ނުވޮލިޔުމެބްގެ އެ ބެޗުގެ ބޭސް އެއްވެސް ގޮތަކަށް ރާއްޖެއަށް އެތެރެކޮށް ވިއްކާ އަދި ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފަ އެވެ.
މީގެ ކުރިން، މެއި މަހުގެ ތެރޭގައި ވެސް ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ހުއްދަ ނެތް ފަރާތްތަކުން ގަވާއިދާ ހިލާފަށް އެތެރެކޮށް ވިއްކަމުންދިޔަ 21 ބޭހެއްގެ ލިސްޓު އާންމުކޮށް ސިއްހީ ނުރައްކަލުގެ އިންޒާރު ދީފަ އެވެ.
އެ އިދާރާއިން އޭރު ބުނީ، ހުއްދަ ނެތް ފަރާތްތަކުން ބޭސް އެތެރެކޮށް އޮންލައިން ޕްލެޓުފޯމުތަކާއި އާދައިގެ ފިހާރަތަކުގައި ވިއްކާ ކަމަށެވެ.
ރާއްޖެއަށް ބޭސް އިމްޕޯޓް ކުރެވޭނީ އެ އިދާރާގައި ބޭސް އިމްޕޯޓްކުރާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީވެގެންނެވެ. އަދި އެތެރެކުރާ ބޭސްތަކަކީ ބޭސް ރަޖިސްޓްރީކުރުމުގެ އުސޫލާ އެއްގޮތަށް ރަޖިސްޓްރީކޮށް، އެޕްރޫވްޑް ޑްރަގުލިސްޓުގައި ހިމަނާފައިވާ ބޭސްތަކަކަށް ވާން ޖެހެ އެވެ.


