އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ލުބުނާނުގެ ދެކުނަށް އަރައި، ލުބުނާނުގެ ދެކުނު އިސްތިއުމާރު ކޮށްގެން ތިބި ތިބުމުގެ ޒިންމާ އުފުލަން ޖެހޭނީ ހިޒްބުﷲއިން ކަމަށް އެމެރިކާއިން ބުނެފިއެވެ.
މިގޮތަށް މި ވާހަކަ ދައްކާފައިވަނީ އެމެރިކާ ސަރުކާރުގެ ޚާރިޖިއްޔާއިންނެވެ.
އިސްތިއުމާރީ ސިފައިން މިދިޔަ ހޮނިހިރު ދުވަހުވަނީ، ލުބުނާނުގެ ދެކުނުގެ އަވަށްތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއްދީފައެވެ. މި ހަމަލާތަކުގައި އާންމުންގެ 11 މީހުން މަރުވިއިރު، އޭގެތެރޭގައި 3 ކުޑަކުދިންނާއި، ދެ އަންހެނުންވެސް ހިމެނެއެވެ. އެއް އާއިލާގެ 6 މެމްބަރުން މަރުވެފައި ވެއެވެ. ޒަޚަމްވި އާންމުންގެ އަދަދު 19 އަށް އަރައެވެ.
އިސްތިއުމާރީ ސިފައިން ލުބުނާނުގެ ދެކުނުގެ އަވަށްތަކަށް ވަރުގަދައަށް ބޮންއަޅައި، މަނާ ހަތިޔާރުގެ ބޭނުންކޮށްގެންވެސް ދެކުނަށް ހަމަލާތައް ދީފައިވަނީ ހިޒްބުﷲގެ ޑްރޯންއެއް ފެނިގެން ކަމަށް ބުނެއެވެ. ހިޒްބުﷲއިން މަސައްކަތް ކުރީ، ލުބުނާނުގެ ދެކުނުގެ އިތުރު އަވަށެއް ހިފަން އިސްތިއުމާރީ ސިފައިން ކުރިއަށް ޖެހުން ހުއްޓުވުމަށެވެ. އެކަމުގެ ތެރޭގައި ހިޒްބުﷲގެ ހަމަލާއެއް އަމާޒުވެ އިސްތިއުމާރީ ސިފައިންގެ 3 މީހުން ޒަޚަމްވިއެވެ.
ހިޒްބުﷲއިން ސިފައިންނަށް ހަމަލާ ދިން ކަމަށްބުނެ ތަނެއްދޮރެއް ނުބަލައި ދެކުނުގެ އެތައް އަވަށަކަށް އުދުވާނީ ހަމަލާތައްދީ، އެތައްބަޔަކު މަރައި ބޮޑެތި ގެއްލުންތައް ދިނުމުން އެކަމުގެ ކަންބޮޑުވުންތައް ލުބުނާނާއި، އަދި ދުނިޔޭގައި ފާޅުކުރަން ފެށުމުން އިސްތިއުމާރީ ސިފައިން އެކިއެކި ހުއްޖަތްތައް ދައްކާފައި ވެއެވެ.
އެކަމުގެ ދިފާއުގައި ވާހަކަ ދައްކަމުން އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ބުނީ “ހިޒްބުﷲ އަތުން ހަތިޔާރު އަތުލަންވީ މިހެންވެގެން” ކަމަށެވެ. އިސްރާއީލުން ދެއްކި ހުރިހާ ވާހަކައެއް އެމެރިކާއިން ގަބޫލުރިއެވެ.
އާންމުންގެ ބޮލަށް ބޮންއަޅައި އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ޒަޚަމްވި ވާހަކައެއް އެމެރިކާއިން ނުދައްކައެވެ. އިސްތިއުމާރީ ސިފައިން ހިންގި އުދުވާނުގެ ވާހަކައެއް ނުދައްކައެވެ. އެމީހުން މަނާ ހަތިޔާރު ބޭނުންކުރީމާ އެ ވާހަކައެއްވެސް ނުދައްކައެވެ. އިސްތިއުމާރީ ސިފައިން އެއްވެސް ގޯހެއް ހެދިކަމަށް އެމެރިކާ ނުދެކެއެވެ.
އެމެރިކާއަށް ކަންބޮޑުވީ ހިޒްބުﷲއިން ކަމެއް ކުރީމައެވެ. ގޯސްވީ ހިޒްބުﷲއެވެ. އެމެރިކާ މެދުވެރިވެގެން ހެދި އެއްބަސްވުމާވެސް ޚިލާފްވެ ލުބުނާނުގެ ދެކުނު އިސްތިއުމާރުކޮށްގެން އިސްރާއީލު ސިފައިން ލުބުނާނުގައި ތިބި ތިބުން އެމެރިކާއަށް ގޯހެއް ނުވިއެވެ. ހިޒްބުﷲއިން އެމީހުންގެ އަމިއްލަ ފަސްގަނޑުގައި ތިބި ޓެރަރިސްޓުންތަކެއް ބޭރުކޮށްލަން ކުރާ މަސައްކަތް އެމެރިކާއަށް ބަލައެއް ނުގަނެވެއެވެ.
އެމެރިކާ މެދުވެރިވެގެން ލުބުނާނު ސަރުކާރާއި އިސްރާއީލާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އިސްރާއީލު ސިފައިން ހަވާލުކުރަންޖެހޭ އެއްވެސް އަވަށެއް ލުބުނާނު ސިފައިންނާ ހަވާލުކޮށްފައެއް ނުވެއެވެ. ނުވިތާކަށް ލުބުނާނު ސިފައިން ގޮސްތިބި ބައެއް ސަރަހައްދުތަކަށްވެސް ހަމަލާދެނީއެވެ. މިހާތަނަށްވެސް ލުބުނާނު ސިފައިންގެ އެތައް ބަޔަކު މަރާލައިފިއެވެ. މިއިން އެއްވެސް ކަމެއް އެމެރިކާއަށް ގޯހެއް ނުވެއެވެ.
އެކަމަކުވެސް ބުނަމުންދަނީ، ލުބުނާނަށް ސުލްހަ އަންނާނީ ހިޒްބުﷲއިން ހަތިޔާރު ބަހައްޓައިގެން ކަމަށެވެ. ހިޒްބުﷲ އަތުން ހަތިޔާރު އަތުލަން އުޅެނީ ލުބުނާނުގެ ބިންތައް އިސްތިއުމާރުކުރަން އުޅޭ ޓެރަރިސްޓުން ހުއްޓުވަން ހިޒްބުﷲ މަސައްކަތް ކުރާތީއެވެ.



