އިސްވެ ގޯސްހެދީ އެމެރިކާ، އީރާނު މިފަހަރު އޮތީ ދޫދޭގޮތަކަށްނޫން، ހަމަލާދޭން އަނެއްކާވެސް ތައްޔާރުވަނީ

ޚަބަރު ފަހުގެ ދުނިޔެ

ޖުލައިމަހުގެ ފަހުކޮޅުން ފެށިގެން ހަމަލާތައް ހުއްޓާލާފައި އޮތްއޮތުން ނިމުމަކަށް ގެނައީ އެމެރިކާއިން އަމިއްލައަށެވެ. އެމެރިކާ ސިފައިން އިސްވެ ރޭގައި އީރާނުގެ ލަރާކް އައިލެންޑަށް ހަމަލާ ދިނީއެވެ. އެއީ، ހޮރްމޫޒުގައި މައިން އަޅަން އުޅޭކަމަށް ތުހުމަތުކޮށެވެ. އީރާނުން ހަމަލާއެއް ދީގެނެއް ނޫނެވެ.

އެމެރިކާ ސިފައިންގެ ހަމަލާތަކުގައި އީރާނު ސިފައިންގެ އެތައް ބަޔަކާއި އާންމުންގެ އެތައް ބަޔަކު މަރުވި ކަމަށް އީރާނުގެ އިންގިލާބީ ލަޝްކަރުން ހާމަކޮށްފައި ވެއެވެ. ނަމަވެސް، މަރުވީ ކިތައް މީހުންކަމެއް ނުބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމެރިކާ ސިފައިންގެ ހަމަލާތަކުގެ ރައްދުގައި އީރާނުގެ ލަޝްކަރުތަކުން މިއަދު ހެނދުނުވަނީ އުރުދުންއާއި، ޔޫއޭއީގައި އެމެރިކާ ސިފައިން ތިބޭ އަސްކަރީ ތަންތަނަށް ޑްރޯންއާއި، މިސައިލް ބޭނުންކޮށްގެން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ.

ޔޫއޭއީން އީރާނުގެ ޑްރޯން ފައުޖުގެ ހަމަލާތައް އަމާޒުވީ، އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރުތައް ބަހައްޓާ އަދި އެމެރިކާ އަސްކަރިއްޔާގެ ލޮޖިސްޓިކް ވަރަށް މުހިންމު ބޭހަކަށެވެ. އެ ބޭހަށް އެއްފަހަރާ އީރާނުން އެތައް ޑްރޯންއެއް ފޮނުވާލިއެވެ.

މީގެއިތުރުން، އުރުދުންގައި އެމެރިކާ ސިފައިން ތިބޭ ތަންތަނަށް އީރާނުން އެއްފަހަރާ އެތައް މިސައިލެއް ފޮނުވައި ދީފައިވަނީ ވަރަށް ވަރުގަދަ ހަމަލާތަކެކެވެ. މި ހަމަލާތަކުގެ ސަބަބުން އުރުދުން ބޭހަށް ބޮޑެތި ގެއްލުންތައް ލިބުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނުން ދިން ވަރުގަދަ ރައްދު ހަމަލާތަކުގައި އެމެރިކާ ސިފައިންނަށާއި، އެމީހުންގެ ހަތިޔާރުތަކާއި ތަންތަނަށް ބޮޑެތި ގެއްލުންތައް ލިބުނުކަން ހާމަވަނީ، އީރާނުން އުރުދުންއަށް ދިން ހަމަލާގެ ބަދަލު ހިފާނޭ ކަމަށާއި، އެމެރިކާގެ ރައްދު ހަމަލާ ވަރަށް ވަރުގަދަ ވާނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރި އިންޒާރުތަކާ ގުޅިގެންނެވެ.

ޚަބަރުތައް ބުނާގޮތުގައި، އެމެރިކާއިން އިސްވެ އީރާނަށް ވައިގެ ހަމަލާތައް ދިނުމާ ގުޅިގެން އީރާނު މިހާރު ތައްޔާރުވެފައިވަނީ ހަމަލާތައް ހުއްޓާލާ ގޮތަކަށްނޫނެވެ. އީރާނުން އަނެއްކާވެސް ތައްޔާރުވަމުންދަނީ އެމެރިކާގެ އަސްކަރީ ތަންތަނަށް ވައިގެ ހަމަލާތައް ދިނުމަށެވެ.

އީރާނުގެ އިންގިލާބީ ލަޝްކަރުގެ ތަރުޖަމާނު ރޭގައި ވިދާޅުވެފައިވަނީ އެމެރިކާއިން އިސްވެ އުދުވާނު ފެށުމުން، އެމެރިކާއަށް އަސްކަރީގޮތުންނާއި އިގްތިސާދީގޮތުން ބޮޑެތި ގެއްލުންތައް ދިނުމަށް އީރާނުން ނިންމާފައިވާ ކަމަށެވެ. މާނައަކީ، ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ އަދި އިގްތިސާދާ ގުޅުންހުރި މަސްލަހަތުތަކަށް އީރާނުން ރައްދު ހަމަލާތައް ދޭން ނިންމާފައިވާ ކަމެވެ.

އުރުދުންއަށް އީރާނުން ދިން މިސައިލް ހަމަލާތަކުން ދިފާއުވާން އެކަނިވެސް އެމެރިކާއަށް 630 މިލިއަން އެމެރިކާ ޑޮލަރު ބޭކާރަށް ދުއްވާލަން ޖެހުނެވެ. އިތުރު ދެދުވަހު އީރާނުން ހަމަލާ ދީފިނަމަ އެއަރ ޑިފެންސް މިސައިލް ހުސްވެ، އުރުދުންގައި އަމިއްލަ ދިފާއަށް އެއްވެސް ކަމެއް ކުރުމުގެ ބާރު އެމެރިކާއަށް ނެތިގެންދާނެއެވެ.

އެމެރިކާގެ ތަންތަނަށް ހަމަލާދޭން އީރާނުން މިހާރު އަނެއްކާވެސް ތައްޔާރުވަމުންދާކަމުގެ ރިޕޯޓްތައް ފެތުރިގެން ގޮސްފައިވަނީ، އެމެރިކާ ބަލިކޮށް ނިކަމެތިކޮށް ސަރަހައްދުންވެސް ބޭރުކޮށްލުމުގެ ބޭނުމުގައި ކަމަށް ބެލެވިފައި ވެއެވެ.

އީރާނާއެކު ދިގުލައިގެންދާ ހަނގުރާމައެއް ކުރެވޭ ވަރަށް އެމެރިކާ ސިފައިންގެ އަތުގައި ހަތިޔާރު ނެތްކަމަށް އަސްކަރިއްޔާގެ އިސް ވެރިން ތަކުރާރުކޮށް ޓްރަމްޕް ގާތު ބުނަމުން ގޮސްފައި ވެއެވެ. އީރާނުގެ ހަމަލާތަކުގައި އަސްކަރިއްޔާގެ އެތައް މަނަވަރެއް ހަލާކުކޮށްލާފައި ކަމަށްވެސް އެމީހުން ބުނެއެވެ. ނަމަވެސް، އެއިން އެއްވެސް ވާހަކައެއް އަޑުއަހާކަށް ޓްރަމްޕް ބޭނުމެއް ނުވެއެވެ. އޭނާ އަނގަޔަކުން ދެރައެއް ނުވެއެވެ.

އަނެއްކޮޅުން، ޓްރަމްޕް އޭނާގެ އަމިއްލަ ޓުރުތު ސޯޝަލްގައި އީރާނާ ގުޅުވައި ޕޯސްޓްކުރަމުންދާ އޭއައި ވީޑިއޯތަކުގެ މައްސަލާގައިވެސް އެމެރިކާ އަސްކަރިއްޔާގެ ވެރިން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް އަޑުތައް އިވެއެވެ. ޓްރަމްޕް އެންމެފަހުން ޕޯސްޓްކޮށްފައިވަނީ އެމެރިކާ ސިފައިން އީރާނުގެ ޚާރްޖް އައިލެންޑަށް އަސްކަރީ ހަމަލާތައްދޭ މަންޒަރު ފެންނަ އޭއައި ވީޑިއޯއެކެވެ. ނަމަވެސް، އަސްކަރިއްޔާގެ ވެރިން ބުނަމުންދަނީ އެފަދަ  ހަމަލާއެއް ދިނުމަށް ސިފައިން ތައްޔާރު ނޫން ކަމަށާއި، އެކަމަށް ބޭނުންވާ ހަތިޔާރުވެސް ނެތް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ