އީރާނުން ހަނގުރާމައިގެ އުކުޅުތައް ބަދަލުކޮށްފި، ބޭނުންވަނީ ޓްރަމްޕްގެ ސިޔާސީ ކެރިއަރު ނިމުމަކަށް ގެނައުމަށް

ޚަބަރު ފަހުގެ ދުނިޔެ

އީރާނުގެ އަސްކަރިއްޔާ މިހާރުވަނީ އެމެރިކާގެ ހުރިހާ ބަލިފައެއް ދެނެގެންފައެވެ. އެމެރިކާގެ ބަލިފައިތައް ދެނެގަތުމަށްފަހު އެމެރިކާއާ ދެކޮޅަށް ދޭ ރައްދު ހަމަލާތަކުގެ އުކުޅުވެސް އީރާނުން މިހާރުވަނީ ބަދަލުކޮށްފައެވެ.

އެމެރިކާއަށް ރައްދު ހަމަލާތައް ދޭނޭ ވަގުތުތަކާއި، ތަންތަންވެސް އީރާނުން މިވަނީ ބަދަލުކޮށްފައެވެ. އީރާނުން ސީދާ ހަމަލާތައް ދޭން ބޭނުންވާ ތަންތަން ކުރިން ދެނެގަނެ، އަމާޒަށް ހަމަލާދިނުންވެސް މިވަނީ އިތުރު ކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މީގެއިތުރުން، އެމެރިކާ އެންމެ ކަންބޮޑުވި ކަމަކަށް ވެގެންދިޔައީ، އީރާނުން އެމެރިކާގެ އަސްކަރީ ތަންތަނަށް އިސްވެ ހަމަލާތައް ދޭން ފެށުމުންނެވެ. އީރާނަށް ހަމަލާއެއް ދިނުމަށް ނުވަތަ އީރާނަށް ނުރައްކަލެއް ކުރިމަތި ކުރަންއުޅޭ ކަމަށް ބެލެވޭ ދިމަދިމާ ކުރިން ދެނެގަނެ، އީރާނުން މިހާރުވަނީ އެމެރިކާގެ އަސްކަރީ މަގާމުތަކަށް ހަމަލާތައް ދޭން ފަށާފައެވެ.

އެގޮތުން، ކުއްލި ހަމަލާތައް ދިނުމާއި، އެމެރިކާއިން މެދުއިރުމަތީގައި ވަރަށް ސިއްރިއްޔާތުގައި އަސްކަރީ ހަރަކާތްތައް ހިންގަމުންގެންދިޔަ ތަނަކަށްވެސް އީރާނުން އިހަށްދުވަހު ވައިގެ ހަމަލާދިނުން ވެގެންދިޔައީ އެމެރިކާއަށް ސިހުން ގެނުވި ކަމަކަށެވެ. އަދި އެމެރިކާއިން ސިއްރިއްޔާތުގައި ޖާސޫސީ ހަރަކާތްތައް ހިންގާ ތަންތަންވެސް ދެނެގަނެ ގެންދަނީ ހަމަލާތައް ދެމުންނެވެ.

ނުވިތާކަށް، އީރާނުގެ ނުފޫޒުގަދަ އިންގިލާބީ ލަޝްކަރުގެ ކަނޑުގެ ސިފައިން މިހާރުވަނީ، ހޮރްމޫޒު ކަނޑުއޮޅީގެ ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ މަނަވަރުތަކަށްވެސް ސީދާ ހަމަލާތައް ދޭން ފަށާފައެވެ. މިކަމަށް އީރާނުން ބޭނުންކުރަނީ ކަނޑުގެ ލޮނުގަނޑާ ގާތުން އުދުހޭ ޚާއްސަ މިސައިލްތަކެވެ. އެގޮތުން އެމެރިކާގެ ދެ މަނަވަރަކަށް އީރާނުން ރޭގައި ހަމަލާދިނުމުން އެމެރިކާ އަސްކަރިއްޔާ ވަރަށް ރުޅިއައިސްގެން އީރާނަށް ރައްދު ހަމަލާތައް ދޭން ފަށާފައިވެސް ވެއެވެ.

ހަނގުރާމައިގައި އީރާނު އަސްކަރިއްޔާ މިހާރު ބޭނުން ކުރަމުންދާ އުކުޅުތަކާއި، ހަމަލާތަކުގެ އަމާޒުތައް ބަދަލުކުރުމުގެ ބޭނުމަކީ އެމެރިކާ ނާއުންމީދުކޮށްލުން ކަމަށް، އެމެރިކާގެ އެތެރެއިން ހާމަކުރަމުންދާ ޖާސޫސީ ރިޕޯޓްތައް ބުނެއެވެ. އީރާނުން އެމެރިކާގެ މަނަވަރުތަކަށާއި، އަސްކަރީ ބޭސްތަކަށް މިހާރު ދެމުންގެންދާ ލިމިޓެޑް ހަމަލާތަކެއް ނަމަވެސް، އީރާނުގެ ހަމަލާތައް އިތުރަށް ފުޅާކުރުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ޖާސޫސީ ރިޕޯޓްތައް ބުނެއެވެ. އެމެރިކާ ސަރުކާރުގެ ވެރިން މިހާރު ގެންދަނީ ޖާސޫސީ ރިޕޯޓްތައް ރިވިއުވެސް ކުރަމުންނެވެ.

އެމެރިކާގެ ނިއުޔޯކް ޓައިމްސް އިން ބުނެފައިވަނީ، އެމެރިކާއާ ދެކޮޅަށް އީރާނުން މަސްތަކެއް ވަންދެން މެދުކެނޑުމެއްނެތި ކުރަމުންދިޔަ ހަނގުރާމަތަކުން، އީރާނުގެ އަމިއްލަ އަސްކަރީ ވަރުގަދަކަން ރަނގަޅަށް ދެނެގަނެ، އަސްކަރިއްޔާގެ ގާބިލްކަމަށް ބޮޑު އިތުބާރެއް ލިބިގެންގޮސްފައިވާ ކަމަށެވެ.

ނުވިތާކަށް، އެމެރިކާގެ އަސްކަރިއްޔާގެ ގާބިލްކަމާއި، އަދި އެމެރިކާއާ ކުރިމަތިލާނޭގޮތްވެސް އީރާނު ނިކަން ރަނގަޅަށް ދެނެގެންފައިވާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ. އަދި ސަރަހައްދުގައި ހުރި އެމެރިކާގެ ނާޒުކު މަސްލަހަތުތަކަށް ގެއްލުން ދިނުމުން އެމެރިކާއަށް ކުރާ އަސަރުތައްވެސް އީރާނު ދެނެގެންފައިވާ ކަމަށް ބުނެފައި ވެއެވެ.

އީރާނުން ހޮރްމޫޒުގެ ދަތުރުފަތުރަށް ހުރަސްއެޅުމުން، ހޮރްމޫޒުން ލާފައި ތެޔޮ ބޭރުކުރުން ހުއްޓި، އޭގެ އަސަރު އެމެރިކާއަށް ވަރަށް ބޮޑަށް ކުރަމުން އެބަދެއެވެ. އެމެރިކާގައި ޑީސަލްގެ އަގު އިންތިހާއަށް ވަނީ މައްޗަށް ގޮސްފައެވެ. ޑީސަލް ފީފާއެއްގެ އަގު މިހާރުވަނީ 200 އެމެރިކާ ޑޮލަރަށް މައްޗަށް ގޮސްފައެވެ. ތަކެތީގެ އަގުތައްވެސް އެމެރިކާގައި ދަނީ އިންތިހާއަށް މަތިވަމުންނެވެ. ޓްރަމްޕަށް ޕްރެޝަރވެސް ދަނީ ބޮޑުވަމުންނެވެ.

ހަނގުރާމަ ހުއްޓާލުމަށް އީރާނާއެކު ވާހަކަ ދައްކަން ބޭނުން ނުވާކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ފާޅުގައި ބުނިނަމަވެސް، ވާހަކަތައް ފެށޭތޯ ގައުމުތަކުން ކުރަމުންދާ މަސައްކަތަށް އެމެރިކާ ތާއީދުކުރާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާ ބޭނުންވަނީ އީރާނާއެކު އައު އެއްބަސްވުމެއް ހެދުމަށެވެ. ނަމަވެސް އީރާނު ބޭނުންވަނީ ކުރިންއޮތް އެމްއޯޔޫއަށް އެނބުރި ރުޖޫއަވުމަށެވެ. އެމެރިކާ އެގޮތެއް ބޭނުމެއް ނުވެއެވެ.

އެކަމަކު، އީރާނުން ހަނގުރާމަ ދިގުދަންމާލަން ޕްލޭންކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އީރާނު ބޭނުންވަނީ ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ މިޑްޓާމް އިންތިޚާބާ ހަމައަށް ހަނގުރާމަ ދަންމާލުމަށެވެ. އެއީ، އިންތިޚާބުން އެމެރިކާގެ ރައީސަށާއި، ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ބޮޑެތި ގެއްލުންވެ އިންތިޚާބުން ބަލިވުމަށް އީރާނު އެދޭތީއެވެ. މިޓްޓާމް އިންތިޚާބުން ބަލިވުމަކީ އެމެރިކާގެ ރައީސް ޓްރަމްޕްގެ ސިޔާސީ ކެރިއަރުގެ ނިމުމަށް ވެގެންދާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ