ޣައްޒާގައި ވެރިކަންކުރާ ގާޒާ ސިޓީގެ އައް ޒައިތޫން އަވަށަށް އިސްތިއުމާރީ ސިފައިން ދިން ޓެރަރިސްޓު ހަމަލާތަކުގައި ވައްޓާލާފައިވާ ގެތަކާއި އިމާރާތްތަކުގެ ދަށުން ފެނުނު 100 މީހުންގެ ކަށިތައް ވަޅުލައިފިއެވެ.
މިއީ، އިސްތިއުމާރީ ސިފައިންގެ ހަމަލާތަކުގައި ޝަހީދުކޮށް މިހާތަނަށް ނުފެނިވާ ބައެއް މީހުންގެ ކަށިތަކެވެ.
އައް ޒައިތޫން އަވަށުން ފެނުނު ކަށިތަކުގެ ތެރޭގައި ގިނައިން ހިމެނެނީ ކުޑަކުދިންގެ ކަށިތައް ކަމަށް، ގާޒާގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ. އެއީ 70 ކުޑަކުދިނެވެ.
ގާޒާ ސިޓީގައި މިއަދު ވަނީ އެ ހުރިހާ އެންމެންގެ މައްޗަށް ކަށުނަމާދުކޮށް ޖަނާޒާ ބާއްވާފައެވެ. ވައްޓާލާފައިވާ ގެތަކާއި އިމާރާތްތަކުގެ ދަށުން ފެނުނު ކަށިތައް ވަޅުލާފައިވަނީ ވަކިވަކި ސަންދޯއްތަކުގައެވެ. ޖަނާޒާގައި ޣައްޒާގެ އެތަކެއްސަތޭކަ މީހުން ބައިވެރިވިއެވެ.
ވެއްޓިފައިވާ ގެތަކާއި އިމާރާތްތަކުގެ ދަށުވެ ގެއްލިފައިވާ ކުޑަކުދިންނާއި އަދި އާއިލާތަކުގެ ލޯބިވާ މީހުންގެ ހަށީތައް ނުނެގި ލަސްވެގެންދިޔައީ އިސްތިއުމާރީ ސިފައިން ޣައްޒާއަށް ދެމުންގެންދިޔަ އުދުވާނީ ހަމަލާތައް ހުއްޓާނުލާތީއާއި، އިމާރާތްތަކުގެ ގާފުނިތަކާ އާންމުން ގާތްވިޔަނުދޭތީއެވެ.
މިއީ، އިސްތިއުމާރީ ސިފައިން ޣައްޒާގައި ހިންގަމުންގެންދާ ނަސްލުނައްތާލުމުގެ ޖަރީމާތަކުގައި، ހަނގުރާމައިގެ ކުރީކޮޅު ހަމަލާދީ ޝަހީދުކޮށްލާފައިވާ މީހުންނެވެ. އެތަކެއްމަސް ފަހުން އާއިލާތަކަށް މިވަނީ ކަށިތައް ނަގައި އެމީހުންގެ މައްޗަށް ހެޔޮދުޢާކޮށް ޖަނާޒާ ބޭއްވުމުގެ ފުރުސަތު ލިބިފައެވެ. ފޮޓޯތަކާއި ވީޑިއޯތަކުން ފެނުނީ ހިތްދަތި މަންޒަރުތަކެކެވެ. އާއިލާތައް ތަހައްމަލްކުރަމުންދާ ވޭނާއި ކެކުޅުންތަކެވެ.
ޣައްޒާގެ ސިވިލް ޑިފެންސް ޓީމުތަކުން މަސައްކަތްކޮށް، ޣައްޒާގެ އެކި ރަށްރަށުން މިގޮތަށް އިމާރާތްތަކުގެ ދަށުވެ ގެއްލިފައިވާ މީހުން ހޯދައި ޖަނާޒާ ބާއްވަމުން ގެންދެއެވެ. ވައްޓާލާފައިވާ ގެތަކާއި، އިމާރާތްތަކުގެ ދަށުން ޝަހީދުވެފައިވާ މީހުންގެ ކަށިތައް ނަގައި ވަޅުލަމުން ގެންދާއިރު، އިސްތިއުމާރީ ސިފައިން ފައިބައިގެންދިޔަ ބައެއް ރަށްރަށުން ބޮޑެތި ބިޔަ ކަށްވަޅުތައްވެސް ދަނީ ފެންނަމުންނެވެ. އެއީ، އެއްތާކަށް ޖަމާކޮށް ބަޑިޖަހައި ޝަހީދުކޮށް ބޮޑެތި ވަޅުގަނޑުތައް ކޮނެ އަޅާފައިވާ މީހުންގެ ހަށިތަކެވެ.
އެގޮތުން، މިހާތަނަށް ފެނިފައިވާ ބޮޑެތި ކަށްވަޅުތަކުން ފެނިފައިވާ މީހުން ތިބީ ދެއަތް ފުރަގަހަށްލައި އަދި ކަނުބަނދެފައެވެ. މިއީ، އަނިޔާވެރިކަމުގެވެސް އިންތިހާއެވެ.
އިސްތިއުމާރީ ސިފައިން ބޮންއަޅައިގެންނާއި، މިސައިލުން ހަމަލާދީގެންނާއި، ބޮޑުބަޑީގެ ހަމަލާތައް ދީގެން ޣައްޒާގެ އެތަކެއްހާސް ގެއަކާއި، އާންމުން ދިރިއުޅޭ އިމާރާތްތައް ވައްޓައި ބިނާހަމަކޮށްލާފައި ވާއިރު، އިމާރާތްތަކުގެ ދަށުވެ ގެއްލިފައިވާ ކަމަށް އާއިލާތަކުން ރިޕޯޓް ކޮށްފައިވާ މީހުންގެ އަދަދު 15،000 އިން މައްޗަށް އަރާ ކަމަށް ޣައްޒާ އިންފޮމޭޝަން އޮފީހުން ކުރިން ހާމަކޮށްފައި ވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްތިއުމާރީ ސިފައިން ޣައްޒާއަށް ދެމުންގެންދާ ޓެރަރިސްޓު ހަމަލާތަކުގައި ޝަހީދުކޮށްލި ކަމަށް މިހާތަނަށް ހަމާކުރި ރަސްމީ އަދަދު 73،000 އަށްވުރެ މައްޗަށް ގޮސްފައިވާއިރު، އިމާރާތްތަކުގެ ދަށުވެ ގެއްލިފައިވާ މީހުންގެ އަދަދުތައް އިތުރުކުރުމުން އަދަދު 88،000 އަށްވުރެ މައްޗަށް އަރައެވެ.
އެހެން ނަމަވެސް، ތަޖުރިބާކާރުން ބުނަނީ، އިސްތިއުމާރީ ސިފައިން ހަމަލާދީ ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު ދޮޅުލައްކަ ނުވަތަ ދެލައްކައާ ގާތްކުރާ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
ޣައްޒާގެ އާންމުން ޝަހީދުކޮށް، މުޅި ޣައްޒާ ސުންނާފަތިކޮށް ބިމާހަމަ ކުރަމުން ގެންދާއިރުވެސް، މިއީ ނަސްލުނައްތާލުން ކަމަށް އެމެރިކާ އަދި ޔޫރަޕްގެ ބައެއް ގައުމުތަކުން ގަބޫލެއް ނުކުރެއެވެ. އެ ގައުމުތަކުން މިހާރުވެސް ގެންދަނީ އިސްތިއުމާރީ ދައުލަތަށް ހަތިޔާރު ފޯރުކޮށްދީ ހިތްވަރުދެމުންނެވެ.



