ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ކަނޑުއަޑީގައި ހަރަކާތް ހުސްވެފައި ވަނިކޮށް ނަގައިގެން އެ ރަށު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ 17 ސެޕްޓެމްބަރު 2026 ވީ ދުވަހުގެ ހެނދުނު 09:18 އެހައިކަންހާއިރުއެވެ. އެގޮތުން ކަނޑުއަޑިން ހަރަކާތް ހުސްވެފައި ވަނިކޮށް އެ މީހާ ފެނިގެން ވަގުތުން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ނަމަވެސް އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. މި ހާދިސާގައި މަރުވެފައިވަނީ ކަޒަކިސްތާނަށް ނިސްބަތްވާ އުމުރުން 55 އަހަރުގެ ފިރިހެނެކެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.


