ބުރު ސްޕޯޓްސް ކުލަބްގެ މައްޗަށް ފަހު ވަގުތު ކާމިޔާބުކުރި ލަނޑުތަކުން އޮޑި ސްޕޯޓްސް ކުލަބަށް ފަސޭހަ މޮޅެއް

ކުޅިވަރު ފަހުގެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކުލަބްގެ މައްޗަށް ފަހު ވަގުތު ކާމިޔާބުކުރި ލަނޑުތަކުން އޮޑި ސްޕޯޓްސް ކުލަބަށް ފަސޭހަ މޮޅެއް ލިބިއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު އޮޑިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މެޗުގެ އަށްވަނަ މިނިޓްގައި އޮޑިން ވަނީ ގޯލު ޖަހައި ލީޑު ނަގައިފައެވެ. ލިބުނު ކޯނަރެއްގެ ފައިދާ ނަގާ މި ގޯލު އޮޑިއަށް ޖަހައިދިނީ މުޒްދާން ހަސަންއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ބުރުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ލިބުނު ކޯނަރެއްގެ ފައިދާ ނަގާ ބޮލުން މި ގޯލު ބުރަށް ޖަހައިދިނީ ޖުއާން އެޑުއާޑޯއެވެ.

ދެވަނަ ހާފު ފަށައިގެން ބުރުން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މި ހާފުގައި ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް އޮޑިން ވަނީ ތަނަވަސްކޮށްފައެވެ. ދެވަނަ ފަހަރަށް އޮޑިއަށް ލީޑު ނަގައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި، މުހައްމަދު ޝަޚާއުއެވެ. މިއީ އޭރިއާ ބޭރުން ޝަޚާއު ފޮނުވާލި ހަމަލާއެއް ގޯލުގެ ކައިރި ކަނަށް ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

އޮޑިއަށް ލީޑު ފުޅާކޮށްދިނީ މެޗުގެ ފަހު މިނިޓްގައި އަހުޒަމް ރަޝީދު ކާމިޔާބުކުރި ގޯލުންނެވެ. މިއީ ބުރުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ދުރުކަނަށް އަމާޒުކޮށް އަހުޒަމް ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ލަނޑެކެވެ.

އޮޑީގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ޖަހައިދިނީ އިބްރާހީމް ވަހީދު ހަސަން (ބޯބުޅި އިއްބެ) އެވެ.

ލީގުގައި އޮޑިން ދެން މެޗެއް ކުޅޭނީ އަންނަ މަހުގެ ނުވަވަނަ ދުވަހުގެ ރެޔެވެ. އެ މެޗުގައި އޮޑި ނުކުންނާނީ ގައްދޫ ރެކްރިއޭޝަން ކުލަބާ ދެކޮޅަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ