މާޒިޔާ އަތުން ނިއުއަށް ފުރަތަމަ މޮޅު

ކުޅިވަރު ފަހުގެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކޮޅަށް ފަހު ވަގުތު ޑޮރިއެލްޓަން ގޮމޭޒް (ޑޯރީ) ޖެހި ގޯލުން 3-2 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓުން މެޗު ކާމިޔާބުކޮށްފިއެވެ.

މީއީ ލީގަށް ނިއުރޭޑިއަންޓް ޕްރޮމޯޓްވި ފަހުން މާޒިޔާ އަތުންވި ފުރަތަމަ މޮޅެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ފަސްވަނަ މިނިޓްގައި ނިއުގެ ގޮމޭޒް ޑަ ސިލްވާ ގޯލު ޖެހި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ. އޭގެ ފަހުން މެޗުގެ އަށްވަނަ މިނިޓުގައި ނިއުގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ލަނޑު ޖަހަން މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވިއެވެ. އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ ރާއިފް ފޮނުވާލި ހަމަލާ މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް ވަނީ ދިފާއުކޮށްފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މާޒިޔާއިންނެވެ. މެޗުގެ 16 ވަނަ މިނިޓްގައި މާޒިޔާއަށް ލީޑު ނަގައިދިނީ އިބްރާހީމް އައިސަމް (އައިކޮ) އެވެ. މިއީ މާޒިޔާގެ އަހުމަދު އައިހަމް ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ ގޯލުގެ މެދަށް އަމާޒުކޮށްލައިގެން އައިސަމް ކާމިޔާބުކޮށްދިން ލަނޑެކެވެ.

އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއުއިން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިއީ މާޒިޔާގެ އޭރިއާ ތެރެއިން މުޅިން ހުސްކޮށްލައިފައި ޑޯރީ ރާއިފްއަށް ދިން ބޯޅައެއް ގޯލުގެ ދުރުކަނަށް އަމާޒުކޮށްލައިގެން ޖެހި ލަނޑެކެވެ.

ދެވަނަ ހާފު ފަށައިގެންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 62 ވަނަ މިނިޓްގައި މާޒިޔާއިން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގައިފައެވެ. މިއީ އައިހަމް ނަގައިދިން ހުރަހަކަށް މުޅިން ހުސްކޮށް އަރައި ގޯލަށް ފޮނުވާލައިގެން އައިސަމް ކާމިޔާބުކޮށްދިން ލަނޑެކެވެ.

އެކަމަކު މެޗުގެ 68 ވަނަ މިނިޓްގައި ބަދަލަކަށް ކުޅެން ނުކުތް އަލީ ފާސިރު (ސެންޓޭ) ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މެޗުގެ ފަހު ހާފުގައި ހިނގި ހަމަ ނުޖެހުމަކާ ގުޅިގެން މާޒިޔާގެ ހުސެއިން ޝިފާޒް (ޑުންގާ) އަދި ނިއުގެ އިބްރާހީމް މައިސާން އަށް ރަތް ކާޑު ދައްކުމާއި ގުޅިގެން ފަހު 15 ވަރަކަށް މިނިޓް ދެ ޓީމުން ކުޅުނީ 10 ކުޅުންތެރިންނާއެކުގައެވެ.

މީގެއިތުރުން މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒޭރަށްވެސް ވަނީ ރަތް ކާޑު ދައްކާފައެވެ.

މެޗުން ނިއު މޮޅުކޮށްދިން ގޯލު މުހައްމަދު ޔަޒްދާން ހުސެއިން ނަގައިދިން ހުރަހަކުން މުޅިން ހުސްކޮށް އަރައި ކާމިޔާބުކޮށްދިނީ ޑޯރީއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ