މަޝްވަރާކުރަންވެސް ހަނގުރާމަ ކުރަންވެސް ތައްޔާރު: އީރާނު

ޚަބަރު ފަހުގެ ދުނިޔެ

މަޝްވަރާގެ މޭޒުދޮށަށް އަންނާނެ ޝަރުތުތައް، މެދުއިރުއެއްގެ ދައުރު އަދާކުރާ ގައުމުތައް މެދުވެރިކޮށް އެމެރިކާއަށް ހުށަހަޅާފައިވާކަން އީރާނު ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް އިއްޔެގައި ވަނީ ހާމަކުރައްވާފައެވެ.

މުހައްމަދު ބާގިރު ގާލިބާފަކީ އީރާނުގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައި ގަންނަވާ އެންމެ އިސް މަންދޫބުވެސް މެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ގާލިބާފް ވިދާޅުވީ، ގައުމުގެ ދިފާއުގައި އީރާނުން ހަނގުރާމަވެސް ކުރާނޭ ކަމަށާއި، އަދި މަޝްވަރާވެސް ކުރަން އޮތީ ތައްޔާރަށް ކަމަށެވެ. އަދި ހަމަ އެއާއެކު އީރާނުން ހުށަހަޅާފައިވާ ޝަރުތުތައް ފުރިހަމަވާންދެން ހޮރްމޫޒް ކަނޑުއޮޅި އޮންނާނީ ބަންދުކޮށްފައި ކަމަށްވެސް ވިދާޅުވިއެވެ. އީރާނުގެ ޕޮޒިޝަންއަކީ މަޝްވަރާ ކޮށްގެން ބަދަލު ކުރެވޭނޭ ޕޮޒިޝަނެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ގާލިބާފް ވިދާޅުވީ، އޮޅުވާލުމާއި، ބިރުދައްކައި މަޖުބޫރުކޮށްގެން އީރާނު ލައްވައި ކަންކަން ކުރުވަން ލާޒިމުކުރުމުގެ މަގު މިހާރު ބަންދުވެފައިވާކަން ދުޝްމަނުންނަށް ރަނގަޅަށް އެނގޭނޭ ކަމަށެވެ.

އީރާނުން ހުށަހަޅާފައިވާ ޝަރުތުތައް ފުރިހަމަކޮށް، ފޭރިގަނެވިފައިވާ އީރާނުގެ ހައްގުތައް ބަލައިގަނެ، އެމެރިކާއިން އެމީހުންގެ ވައުދުތައް ފުއްދައި ނުދޭހާހިނދަކު ކުރީގެ މުއާމަލާތުގެ އޮނިގަނޑަށް އީރާނު އެނބުރި ނުދާނޭ ކަމަށާއި، އަދި ހޮރްމޫޒް ކަނޑުއޮޅިވެސް ނުހުޅުވާނޭ ކަމަށް އީރާނު ޕާލަމެންޓުގެ ރައީސް ވިދާޅުވެފައި ވެއެވެ.

އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަ މަންދޫބު މައިކް ވާލްޒް އެކްސްގައި ޕޯސްޓްކުރި މެސެޖެއްގައި ބުނެފައިވަނީ، އީރާނުން “ހެޔޮ ނިޔަތުގައި” ކުރާނަމަ މަޝްވަރާގެ މޭޒަށް ދިއުމުގެ ދޮރު އީރާނަށް އަދިވެސް ހުޅުވިފައި އެބައޮތް ކަމަށެވެ.

މައިކް ވާލްޒް ބުނެފައިވަނީ، އީރާނަށް ދުވަހަކުވެސް ނިއުކްލިއަރ ހަތިޔާރި ނުލިބޭނެކަން ކަށަވަރުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަޒުމް ކަނޑައަޅާފައިވާ ކަމަށާއި، ކުރެވުނުހާ ޕްރެޝަރެއް ކޮށްގެންވެސް އެކަން ހާސިލްކުރުމަށް ރައީސް ހުރީ ތައްޔާރަށް ކަމަށް ބުނެފައި ވެއެވެ.

އީރާނުން މަޝްވަރާގެ މޭޒުދޮށަށް އައުމަށް ދެކޮޅު ހަދަމުންދިއުމާއި، ހޮރްމޫޒު ކަނޑުއޮޅިވެސް ހުޅުވަން ދެކޮޅު ހަދަމުންދާތީ، “އެހެންގޮތެއް ނެތިގެން” އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާތައް އަލުން ފެށުމަށް އެމެރިކާއިން ތައްޔާރުވަމުންދާ ކަމުގެ ނިޝާންތަކެއް ދަނީ ފެންނަމުންނެވެ.

އެމެރިކާގެ ރައީސް ޓްރަމްޕްގެ ވަރުގަދަ އިންޒާރުތަކެއް އީރާނަށް އަމާޒުވެފައި ވަނިކޮށް، ސަރަހައްދުގައި ތިބޭ އެމެރިކާގެ ލަޝްކަރުތަކުގެ ހަރަކާތްތައްވެސް އިތުރުކޮށް ފުޅާކޮށްފައި ވެއެވެ. ހަނގުރާމައިގެ ބަރު ހަތިޔާރުތައް އެމެރިކާއިން ސަރަހައްދަށް ޖަމާކުރަމުންދާ ކަމަށް، މަސްރަހް ދިރާސާކުރާ ތަޖުރިބާކާރުން ބުނަމުން ގެންދެއެވެ.

އީރާނަށް ހަމަލާދިނުމަށް ޔޫރަޕްގެ ގައުމެއްގައި ސިއްރު ސައްލާތަކެއް ބާއްވައި، ހަމަލާދޭން ތައްޔާރުވަމުންދާ ކަމުގެ ޖާސޫސީ މައުލޫމާތު ލިބިފައިވާ ކަމަށް އީރާނު އަސްކަރިއްޔާއިން ހާމަކޮށްފައި ވެއެވެ.

އީރާނަށް އަސްކަރީ ހަމަލާތައް ދޭން ފެށުމަށް ސަރަހައްދުގެ ގައުމުތައް ބޭނުންކުރުމުގެ ފެހި ސިގުނަލް އެ ގައުމުތަކުން ދީފައިވާ ކަމަށްވެސް އީރާނުން ހާމަކޮށްފައި ވެއެވެ.

އީރާނު އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައި އެމެރިކާއަށާއި އަދި ސަރަހައްދުގެ ގައުމުތަކަށް އިންޒާރުކޮށްފައިވަނީ، އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާތައް އަލުން ފަށައިފިނަމަ އީރާނު ދިފާއުކުރުމާއި އަދި ރައްދު ހަމަލާތައް ދިނުމުގައި އީރާނުން ދެން އެއްވެސް ހިފެހެއްޓުމެއް ނުގެންގުޅޭނޭ ކަމަށާއި، ވޭންދެނިވި ރައްދުތަކެއް ދޭނޭ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ