ށ.ފުނަދޫ ކައުންސިލްގެ “ފުނަފެހި” ޕުރޮގުރާމުގެ ދަށުން ގިނަ އަދަދަކަށް ރުއް އިންދައިފިއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހަވީރު ފުނަދޫ ކައުސިލާއި އެރަށުގައި ތިމާވެށީގެ ދާއިރާއިން ޚާއްޞަކޮށް މަސައްކަތް ކުރަމުން އަންނަ ޔުނައިޓެޑް ނިއު ޖެނެރޭޝަން އެޑަލްޓްސް (އުންގާ) ޖަމިއްޔާއި ގުޅިގެންނެވެ.
ފުނަފެހި ޕުރޮގުރާމާއި ބެހޭ ގޮތުން ގޮށްކޮޅަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބުރާހިމްފުޅު ވިދާޅުވީ މިއަދު ކުރިއަށް މި ގެންދެވުނީ “ފުނަފެހި” ގެ ފުރަތަމަ ހަރަކާތްކަމަށާއި، މިއީ ކައުންސިލުން ވަކި ބަޖެޓެއް ކަޑައަޅާފައިވާ ހަރަކާތެއް ކަމަށެވެ.
“މިއަދު ސިނާއީ ސަރަހަދަށް ދާން އޮތް މަގުގެ ދެފަރާތުގައި ރުއް މި އިންދީ، 20 ފޫޓުން 20 ފޫުޓުން 300 ވަރަކަށް ރުއް އިންދިފައިވާނެ މިއަދު.” ކައުންސިލްގެ ރައީސް އަހުމަދު އިބުރާހިމްފުޅު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ކުރިއަށް ގެންދަވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ މިއަދުގެ ހަރަކާތަށް ކައުންސިލުން އުންގާ އަަށް ދައުވަތު ދިނުމުން ވަރަށް ފުރިހަމައަށް އިޖާބަދީ، އެ ޖަމިއްޔާގެ ގިނަ ކުދިން މި ހަރަކާތުގައި ބައިވެރިވެފައި ވާކަމަށާއި އެފަދަ ފުރިހަމަ އެއްބާރުލުމެއް ދެއްވީތީ އެ ޖަމިޔާއަށް ކައުންސިލްގެ ނަމުގައި އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރާކަމަށެވެ.
މި ހަރަކާތުގައި ފުނަދޫ ކައުސިލްގެ ހުރިހާ މުވައްޒަފުން ބައިވެރި ވެފައިވެއެވެ. މީގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ބައިވެރިވާން ބޭނުންވި ފަރާތްތަކައް އެ ފުރުސަތު ދީފައި ވެއެވެ.
ފުނަފެހި ޕުރޮގުރާމުގެ ދަށުން މަދުވެގެން 3 ޕުރޮގުރާމު އަހަރަކު ހިންގުމަށް ކައުންސިލުން ވަނީ ރާވާފައެވެ. މި ޕުރޮގުރާމުގެ މަގުސަދަކީ އެ ރަށް ފެހިކުރުމެވެ. މީގެ ކުރިން ރަށް ފެހިކުރުމުގެ ހަރަކާތްތައް އެކި ނަން ނަމުގައި ކުރިއަށް ގެންދިޔަ ނަމަވެސް ދެން އެފަދަ ހަރަކާތްތައް ކައުންސިލުން ކުރިއަށް ގެންދާނީ ” ފުނަފެހި” ނަމުގައި ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.
ފޮޓޯ : ފުނަދޫ ކައުންސިލުން