ފްރެންޗް ލީގުގައި ހޮނިހިރު ދުވަހުގެރޭ އެންޖާސް ބަލިކޮށް ތާވަލުގެ އެއްވަނައަށް އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ޖެހިލައިފިއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން މޮޅުވެ ޕީއެސްޖީން ވަނީ މެޗަކުން ބަލިނުވެ ހަތް މެޗު ހަމަކޮށްފައެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން މި މެޗުގައި ޕީއެސްޖީގެ ކޯޗުގެ މަގާމާ ދާދި ފަހުން ހަވާލުވި މައުރީސިއޯ ޕޮޗެޓީނޯ އިރުޝާދުދީފައެއް ނުވެއެވެ. އޭނާގެ ބަދަލުގައި ޓީމަށް އިރުޝާދުދިނުމަށް ބެންޗުގައި ހަރަކާތްތެރިވެފައިވަނީ އެސިސްޓަންޓް ކޯޗުން ކަމަށްވާ ހެސޫސް ޕެރޭސް އާއި މިގޭލް ޑީއަގަސްޓީނޯއެވެ.
މި މެޗުގައި ޕީއެސްޖީން އެންޖާސްގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޕީއެސްޖީން ކާމިޔާބުކޮށްފައިވަނީ 70 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ލަވިން ކުރްޒާވާއެވެ.
މި މޮޅާއެކު ތާވަލުގެ އެއްވަނައަށް ޕީއެސްޖީ ޖެހިލީ ކުޅުނު 20 މެޗުން ލިބުނު 42 ޕޮއިންޓާއެކުއެވެ. ތާވަލުގެ ދެވަނައިގައި އޮތް ލިޔޯނަށް 19 މެޗުން 40 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ލިލްއަށް 19 މެޗުން ވަނީ 39 ޕޮއިންޓް ލިބިފައެވެ. އަދި ހޮނިހިރު ދުވަހުގެރޭ ޕީއެސްޖީ އަތުން ބަލިވި އެންޖާސް އޮތީ ތާވަލުގެ ހަތްވަނައިގައި 20 މެޗުން 30 ޕޮއިންޓާއެކުއެވެ.