އަހަރުތަކެއް ވަންދެން ނަމާދު ނުކޮށް ހުރި މީހަކު، އަލުން ތައުބާވެ ހުރިހާ ނަމާދެއް ކޮށްގެން އުޅެން ބޭނުންވެއްޖެ ނަމަ، ފާއިތުވި ނަމާދުތަކާމެދު ހަދާނީ ކިހިނެއްތޯއެވެ؟

ފަހުގެ ދީން

ޝަރުޢީ ޢުޛުރަކާ ލައިގެން މެނުވީ އެއްވެސް ނަމާދެއް އެނަމާދުގެ ވަޤުތަށްވުރެ ފަސްކުރުމީ ހުއްދަކަމެއް ނޫނެވެ. މިއީ ބޮޑުވެގެންވާ ފާފައެކެވެ. މިދެންނެވި ޝަރުޢީ ޢުޛުރަކީ، ނިދުމާއި ހަނދާން ނެތުމެވެ. މިދެޙާލަތުން ކުރެ ޙާލަތެއްގައި ވަގުތަށްވުރެ ނަމާދެއް ފަސްކުރެވިއްޖެނަމަ، ހޭލެވުމުން ނުވަތަ ހަނދާންވުމުން ވަގުތުން އެނަމާދު ކުރަންވާނެއެވެ.

އެހެނެއްކަމަކު، ދެނަމާދު ޖަމާކުރަން ޤަސްތުކުރާ މީހަކުނަމަ، ޖަމަޢުކުރުމުގެ ނިޔަތުގައި އަނެއް ނަމާދުގެ ވަގުތަށް ކުރިއަށް އޮންނަ ނަމާދު ފަސްކުރެވިދާނެއެވެ. ސުވާލުގައި ވިދާޅުވެފައިވާ ފާއިތުވެ ގޮސްފައިވާ ނަމާދުތަކާމެދު ޢަމަލު ކުރަން ޖެހޭ ގޮތަކާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އެބަހުއްޓެވެ. ހަތަރު މަޛްހަބުގެ އިމާމުން ވިދާޅުވާ ގޮތުގައި އެނަމާދުތައް ޤަޟާކުރަން ވާނެއެވެ. އަދި އެދުވަސްތަކުގެ ޢަދަދު ނޭނގޭ ކަމުގައި ވާނަމަ ޔަޤީން ވާ މިންވަރަށް ފުރިހަމަ ކުރަންވާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް މިމައްސަލަ އިތުރަށް ދިރާސާކުރައްވައި ތަޙުޤީޤު ކުރައްވާފައިވާ ބޮޑެތި ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި، މިގޮތަށް އެތައް ދުވަސްތަކެއް ވާންދެން ނުކޮށް ދޫކޮށްލެވިފައިވާ ނަމާދުތައް ޤަޟާކުރުމެއް ނޯވެއެވެ. އޭގެ ބަދަލުގައި އޭނާގެ މައްޗަށް އޮތީ، ތައުބާވެ ގިނަގިނައިން އިސްތިޣްފާރުކޮށް، ﷲ ގެ ޙަޟްރަތުގައި ފާފަ ފުއްސެވުމަށް އެދި ދަންނަވައި، ސުއްނަތް ނަމާދުތައް ކުރުން އިތުރުކުރުމާއެކު، ގިނަގުނަ ހެޔޮ ޢަމަލުތައް އިތުރު ކުރުމެވެ. މިގޮތަށް ދެކެވަޑައިގަންނަވާ ޢިލްމުވެރިންގެ ތެރޭގައި ޝައިޚުލްއިސްލާމް އިބުނު ތައިމިޔާއާއި، އަލްއިމާމު އިބުނުލްޤައްޔިމާއި، ދާއޫދުއް ޡާހިރީއާއި، އަލްއިމާމު އިބްނު ޙަޒުމާއި، ފަޟީލަތުއްޝައިޚް ޑރ. ޔޫސުފު އަލްޤަރުޟާވީ ފަދަ ބޮޑެތި ޢިލްމުވެރިން ހިމެނި ވަޑައިގަންނަވައެވެ. މިމައްސަލައިގާ އިތުރަށް ދަންނަވަންޖެހޭ ނުކުތާއަކީ، ޤަޟާކުރަން ޖެހޭނޭ ކަމަށް ވިދާޅުވާ ޢިލްމުވެރިންވެސް އެއްބަސްވެ ވަޑައިގަންނަވާގޮތުގައި، އެނަމާދުތައް ޤަޟާކުރި ކަމުގައިވިއަސް ތައުބާ ނުވާހާ ހިނދަކު، ނަމާދު ވަގުތުން ފަސްކުރުމުގެ ފާފަ ފޮހެވިގެން ނުދާނެއެވެ.

އެހެންކަމުން މިމައްސަލައިގާ ބޮޑަށް ބުރަވެވެނީ، އެތައް ދުވަސްތަކެއްވާންދެން ދޫކޮށްލާފައިވާ ނަމާދުތައް ޤަޟާކުރުމަކީ އޮތްކަމެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި އޭނާގެ މައްޗަށްއޮތީ، ހިތްނިޔަތް ޚާލިސްކޮށްގެން ﷲގެ ޙަޟްރަތަށް ތައުބާވެ، ހެޔޮކަންތައް އިތުރުކޮށް، ގިނަގިނައިން އިސްތިޣްފާރު ކުރުމެވެ. ތައުބާވުމުން އިސްވެދިޔަތަން ފުއްސަވާނޭ ކަން އަންގަވަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. “التوبة تجب ما قبلها” މާނައީ”ތައުބާވުމުން އިސްވެދިޔަތަން ފުއްސަވާނެތެވެ”.

ނޯޓް: މިއީ ނުރުލްއިސްލާމްގައި 4 އޮކްޓޯބަރ 2011 ވަނަދުވަހު އަލްމަރުހޫމް ޑރ. ޢަބުދުލް މަޖީދު ޢަބުދުލް ބާރީ ލިޔުވަފައިވާ ލިޔުމުގެ ނަކަލެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ