މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު ނިޔާވެއްޖެ

ޚަބަރު އިޖުތިމާޢީ ފަހުގެ

ހއ.ބާރަށުގައި މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު ނިޔާވެއްޖެއެވެ.

މާބަނޑު މީހާގެ އާއިލާއާ ހަވާލާދީ “ވަގުތު” ނޫހުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ދަރިފުޅު ނިޔާވިއިރު މާބަނޑު މީހާގެ ބަނޑަށް ހަމަސް ފުރިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އައިލާގެ ފަރާތުން އެ ނޫހަށް މައުލޫމާތު ދިން މީހާ ބުނީ ރަށް ރަށަށް އަރައި ފޭބުން މަނާ ކޮށްފައި އޮތުމާ ގުޅިގެން ބާރަށުން ފުރައިގެން އެ އަތޮޅު ހޮސްޕިޓަލު ހުންނަ ދިއްދުއަށް ނުދެވި، މާބަނޑު މީހާ ޑޮކްޓަރަށް ދައްކަން ޖެހޭ ދުވަހަށް ޑޮކްޓަރަށް ނުދެއްކި ދުވަސްތަކެއް ވުމަށްފަހު، ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ދެވޭ ގޮތްވީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

“ދިއްދު އަށް ދިއުމުން ޑޮކްޓަރު ބަލާފައި މިބުނީ ކުޅުދުއްފުއްޓަށް ދާށޭ ދަރިފުޅުގެ ވިންދެއް ނެތޭ. ކުޅުދުއްފުއްޓަށް ދިއުމުން މިބުނަނީ ދަރިފުޅުގެ ވިންދެއް ނެތޭ، ނިޔާވެފައި އޮތް ކަމަށޭ ބެލެވެނީ. އެޑްމިޓް ކުރަންށޭ ޖެހެނީ. ނަމަވެސް ދެން ފަހުން ބުނެފި ދިއްދުއަށް ދާން. އެހިސާބުން ދެމަފިރިން އައީ ފުރަތަމަ ބާރަށަށް.” އާއިލާ އިން މައުލޫމާތު ދިން މީހާ ބުންޏެވެ.

އޭނާ ބުނީ ރަށުގައި ހުއްޓާ މިއަދު މާބަނޑު މީހާގެ ބަނޑުގައި ރިއްސާތީ ބާރަށު ހެލްތު ސެންޓަރަށް ދެއްކި ކަމަށާއި، ހެލްތު ސެންޓަރުން ބަލާފައި ބުނީ ދިއްދުއަށް ދާން ކަމަށެވެ. މިއަދު ދިއްދުއަށް ދިއުމުން އަނެއްކާ ދިއްދުއިން މާބަނޑު މީހާ ވަނީ ކުޅުދުއްފުއްޓަށް ފޮނުވާފައެވެ.

“މިހުރިހާ ދަތުރެއް ކުރަން މިޖެހެނީ ވެސް އަމިއްލައަށް. އެއްވެސް ދަތުރަކަށް އާސަންދަ ވެސް ހަމައެއް ނުޖެހޭ.” މައުލޫމާތު ދިން މީހާ ބުންޏެވެ.

މީގެ ކުރިން ތޮއްޑޫއާއި ނަރުދޫ ވެސް ބަނޑަށް ދަރިފުޅު ނިޔާވެފައިވެއެވެ. އަދި ކުޑަހުވަދޫ ހޮސްޕިޓަލްގައި ދުވަސް ނުފުރައި ވިހޭ އެއްމާބަނޑު ދެކުއްޖަކު ނިޔާވި ހާދިސާއެއް ވެސް މި ފުރަބަންދުގެ ތެރޭގައި ފެންމަތިވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ