މެސީގެ ލަނޑާއެކު ބާސާ ކުއާޓާއަށް

ކުޅިވަރު ފަހުގެ

ސްޕެނިޝް ކަޕުގައި ބުދަ ދުވަހުގެރޭ ފަހަތުން އަރައި ރަޔޯ ވަޔެކާނޯ ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފިއެވެ.

ވަޔެކާނޯގެ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، ދެވަނަ ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވަޔެކާނޯއިންނެވެ. މެޗުގެ 63 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފްރޭންސިސްކޯ ގާސިއާއެވެ.

ވަޔެކާނޯއިން ލީޑުނެގިތާ ހަ މިނެޓު ފަހުން ބާސާއިން ވަނީ މި މެޗުގައި ނަތީޖާ އެއްވަރުކޮށްފައެވެ. އެންޓޮއިން ގްރީޒްމަން ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބާސާގެ ކެޕްޓަން ލިއޮނެލް މެސީއެވެ. މި މެޗަކީ ސްޕެނިޝް ސުޕަ ކަޕުގެ ފައިނަލް މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން ކުރިމަތިވި ދެ މެޗުގެ ސަސްޕެންޝަނަށް ފަހު މެސީ ކުޅުނު ފުރަތަމަ މެޗެވެ.

މެސީގެ ލަނޑުން ބާސާއިން މެޗުގައި ނަތީޖާ އެއްވަރުކުރިއިރު، އެ ޓީމުން ފަހަތުން އަރައި ލީޑު ނަގާފައިވަނީ މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށެވެ. ޖޯޑީ އަލްބާގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފްރެންކީ ޑި ޔޮންއެވެ.

ވަޔެކާނޯ ބަލިކޮށް ސްޕެނިޝް ކަޕުގެ ކުއާޓާއަށް ބާސާ ދަތުރުކުރިއިރު، ކުއާޓާއަށް މިހާތަނަށް ހަ ޓީމެއް ވަނީ ދަތުރުކޮށްފައެވެ. އަދި މި މުބާރާތުން ބާސާއާ އެންމެ ވާދަވެރި ރެއާލް މެޑްރިޑް ވަނީ ކަޓާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ