މި މަހުގެ 28، 29 އަދި 30 ވަނަ ދުވަހު ކުރިއަށް ގެންދިޔަ، ބ. އަތޮޅު މަދަރުސާގެ އިންޓަރހައުސް ފުޓްސަލް އަދި ހޭންޑް ބޯލް މުބާރާތުގެ ތަށި އިމާދުއްދީން ހައުސް އުފުލާލައިފިއެވެ.
އިންޓަރހައުސް މުބާރާތާއި ބެހޭގޮތުން ގޮށްކޮޅަށް މައުލޫމާތު ހިއްސާ ކުރައްވަމުން އެ މަދަރުސާގެ ލީޑިންގ ޓީޗަރ އިބްރާހިމް ޝަފީގު ވިދާޅުވީ، ބ. އަތޮޅު މަދަރުސާގައި އޮންނަ އިމާދުއްދީން، ސޮލާހުއްދީން އަދި ކަމާލުއްދީން ހައުސްގެ ފިރިހެން ކުދިންނަށް ފުޓްސަލް އަދި އަންހެން ކުދިންނަށް ހޭންޑު ބޯލް މިފަހަރު ކުރިޔަށް ގެންދިޔަކަމަށެވެ. މި ދެ މުބާރާތްވެސް ކުޅުނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް ޕޮއިންޓު ތާވަލުގެ އެއްވަނަ އަދި ދެވަނަ ފައިނަލް ކުޅޭ ގޮތަށެވެ.
ފުޓްސަލް ތަށި އިމާދުއްދީނުން އުފުލާލީ ކަމާލުއްދީނާއި ވާދަކޮށް 5-6 ގެ ނަތިޖާއިން މެޗު ކާމިޔާބު ކޮށްގެންނެވެ. ހޭންޑު ބޯލް ތަށި އިމާދުއްދީނުން އުފުލާލީ ކަމާލުއްދީނާއި ވާދަކޮށް 4-5 ގެ ނަތީޖާއިން މޮޅުވެގެންނެވެ.
“އަޅުގަނޑުމެންގެ ދަރިވަރުންނަކީ ހަށިހެޔޮ ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކައި މިފަދަ ހަރަކާތްތައް ހިންގުމަކީ ވަރަށް މުހިންމު ކަމެއް. ގިނަ ދުވަސްތަކެއް ވަންދެން ދަރިވަރުން ސްކޫލާއި ދުރުގައި އުޅެފައި އައި މި ދަނޑިވަޅުގައި މިފަދަ މުބާރާތެއް ބޭއްވުން ވެގެން ދިޔައީ ދަރިވަރުންގެ ސިކުނޑި ތާޒާކޮށްލަން ލިބުނު ފުރުސަތަކަށް. ޖޫނިއަރ ކުދިންނަށް ފުރަތަމަ ޓާމުގައި ވާނީ މިފަދަ ހަރަކާތެއް (ކުރިއަށް) ގެންގޮސްފައި. ސީނިއަރ ކުދިންގެ މުބާރަތް މިހާ ލަސްވެގެން ދިޔައީ ކޮވިޑް ބަލިމަޑުކަމާއި ދިމާވެ، ދަރިވަރުން ގޭގައި ތިބެން ޖެހުނީމަ.” ޝަފީގު އިތުރަށް ވިދާޅުވިއެވެ.
މި ދެ މުބާރާތް ކުރިއަށް ގެންދިއުމަށް ދަރަވަންދޫ ކައުންސިލުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިފައިވާކަން ޝަފީގު ފާހަގަ ކުރެއްވިއެވެ.
ފޮޓޯ : ބ އަތޮޅު މަދަރުސާ