ފްރެންޗް ލީގުގައި އާދީއްތަ ދުވަހުގެރޭ ރެލިގޭޝަން ޒޯނުގައި އޮތް ލޮރިއެންޓް އަތުން އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ބަލިވެއްޖެއެވެ.
ރަށުން ބޭރުގައި ކުޅުނު މި މެޗުން ޕީއެސްޖީ ބަލިވި 3-2 ގެ ނަތީޖާއަކުންނެވެ. މިއީ ޕީއެސްޖީގެ ކޯޗުގެ މަގާމާ މައުރީސީއޯ ޕޮޗެޓީނޯ ހަވާލުވި ފަހުން އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ލޮރިއެންޓުންނެވެ. އެގޮތުން މެޗުގެ 36 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ލައުރެންޓް އަބެގެލްއެވެ. އެކަމަކު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ނޭމާ ވަނީ ޕީއެސްޖީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ނޭމާއަށް ލޮރިއެންޓުގެ މެންޑޭސް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.
އަދި ދެވަނަ ހާފު ފަށައިގެން 13 ވަނަ މިނެޓުގައި ލިބުނު އިތުރު ޕެނަލްޓީއަކުން ނޭމާ ވަނީ ޕީއެސްޖީއަށް ލީޑު ނަގައިދީފައެވެ. މިއީ އޭރިއާ ތެރެއިން ޕީއެސްޖީގެ މައުރޯ އިކާޑީއަށް ލޮރިއެންޓް މެންޑޭސް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. މި މެޗުގައި ލޮރިއެންޓުން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔޯއަން ވިއްސާއެވެ. އަދި މި މެޗުން ލޮރިއެންޓް މޮޅުވީ އިތުރު ވަގުތުގައި ތެރެމް މޯފީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި މެޗުން ބަލިވުމާއެކު ޕީއެސްޖީ އޮތީ ތާވަލުގެ ތިންވަނައިގައި ކުޅުނު 22 މެޗުން ލިބުނު 45 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް ލިލްއަށް 22 މެޗުން 48 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ލިޔޯނަށް 22 މެޗުން ވަނީ 46 ޕޮއިންޓް ލިބިފައެވެ. އަދި ޕީއެސްޖީ ބަލިކުރި ލޮރިއެންޓް އޮތީ ތާވަލުގެ 18 ވަނައިގައި 21 މެޗުން 18 ޕޮއިންޓާއެކުއެވެ.