ރާއްޖެއިން ފުރަތަމަ ފަހަރަށް ފަލަސްޠީނަށް ސަފީރަކު ޢައްޔަންކުރަނީ – ރިޔާސީ ބަޔާން

ޚަބަރު ފަހުގެ

ރާއްޖެއިން ފުރަތަމަ ފަހަރަށް ފަލަސްޠީނަށް ނޮން ރެސިޑެންސް ސަފީރެއް ޢައްޔަންކުރުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ނިންމަވައިފިއެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވައިދެއްވާ އިއްވެވި ރިޔާސީ ބަޔާނުގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮތް ޚާރިޖީގުޅުން ވަރުގަދަކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައް ހާމަކުރައްވާފައެވެ. އެގޮތުން ރާއްޖެއިން ފުރަތަމަ ފަހަރަށް ފަލަސްޠީނަށް ނޮން ރެޒިޑެންޓް ސަފީރެއް އައްޔަންކޮށް، ދެޤައުމުގެ ގުޅުން މިހާރަށްވުރެ ހަރުދަނާކުރުމަށް އެމަނިކުފާނު ނިންމަވާފައިވާކަން އިއުލާންކުރެއްވިއެވެ. ރައިސް ވިދާޅުވީ ފަލަސްޠީނުގެ އިތުރުން، އެހެން ޤައުމުތަކާއެކުވެސް ގުޅުން ބަދަހިކުރުމަށް ސަފީރުން އައްޔަންކުރުމަށް ނިންމަވާފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“ކޮވިޑް-19 ގެ ދަތިކަމުގައިވެސް، ރަޙުމަތްތެރި ޤައުމުތަކުންނާއި ބައިނަލްއަޤުވާމީ ޖަމާޢަތްތަކުން ފޯރުކޮށްދިން ދީލަތި އެހީތެރިކަމަކީ ޚާރިޖީ ގުޅުންމިހާރު ބަދަހިވެފައިވާ މިންވަރު ދައްކުވައިދޭ އަލިގަދަ ހެއްކެއް.ރާއްޖޭގެ ޚާރިޖީ ގުޅުން އިތުރަށް ވަރުގަދަކުރުމުގެގޮތުން އިތުރު ޤައުމުތަކަށް ނޮން ރެސިޑެންސް ސަފީރުން ކަނޑައެޅުމަށް މިއަންނަނީ މަސައްކަތްކުރަމުން.މިގޮތުން ފުރަތަމަ ފަހަރަށް ފަލަސްޠީނަށް ނޮން ރެސިޑެންސް ސަފީރެއް މިއަހަރުގެތެރޭގައި ޢައްޔަންކުރުމަށް އަޅުގަނޑު ގަސްތުކުރާ ވާހަކަ ދަންނަވަން.” ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން ފަލަސްޠީނަށް ސަފީރަކު ޢައްޔަންކުރައްވަން ނިންމެވުމަކީ ރާއްޖެއިން ފަލަސްޠީނާދެމެދު އޮތް ގުޅުން ރަމްޒުކޮށްދޭ މުހިއްމު ނިންމެވުމެކެވެ. ރާއްޖެއިން އަންނަނީ ފަލަސްޠީނުގެ މިނިވަންކަމަށް ބައިނަލްއަޤުވާމީ އެކި ޕްލެޓްފޯމްތަކުގައި ވަކާލާތުކުރަމުންނެވެ. އަދި އިޒްރާއީލުން ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުން އަންނަ ލާއިންސާނީ އެކި ޖަރީމާތައް ކުށްވެރިކޮށް އެފަދަ ޢަމަލުތައް ހުއްޓުވާ ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކޮށް ފަލަސްޠީނުގެ ބިންތައް އިންސާފުވެރިކަމާއެކު އަނބުރާ ހޯދައިދިނުމަށް މަސައްކަތްކުރުމަށް ރާއްޖެއިން އަންނަނީ ދުނިޔޭގެ ބޮޑެތި ޤައުމުތަކަށް ގޮވާލަމުންނެވެ.

ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19ގެ ޙާލަތުގައި ރާއްޖެއަށް ބޭރުގެ އެކި ޤައުމުތަކުން ވެދިން އެހީތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޤައުމުތަކާ އެކު އޮތް ގުޅުން ވަރުގަދަވުމަކީ ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއާއި ގުޅިފައިވާކަމެއްކަން ފާހަގަކުރައްވާ ރައިސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއްދެއްވަނީ ޚާރިޖީ ގުޅުން ވަރުގަދަކުރުމަށްކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ