އިޓާލިއަން ލީގުގައި ހުކުރު ދުވަހުގެރޭ ފިއޮރެންޓީނާ ބަލިކޮށް ތާވަލުގެ އެއްވަނައަށް އިންޓަ މިލާން ޖެހިލައިފިއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން އިންޓަ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އިންޓައިން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 31 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނިކޯލޯ ބަރެއްލާއެވެ. އެކަމަކު އޭގެ ފަހުން ފުރަތަމަ ހާފުގައި ފިއޮރެންޓީނާގެ ޖިއަންކޮމޯ ބޮނަވެންޓޫރާ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.
މި މެޗުގައި އިންޓައިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުން ލީޑު ފުޅާކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައެވެ. އޭރިއާ ތެރެއިން އަޝްރަފް ހަކީމީ ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިވާން ޕެރިސިޗެވެ.
މި މޮޅާއެކު ތާވަލުގެ އެއްވަނައަށް އިންޓަ ޖެހިލީ ކުޅުނު 21 މެޗުން ލިބުނު 47 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އޭސީ މިލާނަށް 20 މެޗުން ވަނީ 46 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން ލީގުގައި އާދީއްތަ ދުވަހުގެރޭ ކްރޮޓޯނޭ ބަލިކޮށް ތާވަލުގެ އެއްވަނައަށް އަލުން އެރުމުގެ ފުރުސަތު މިލާނަށް އެބައޮތެވެ. މީގެ އިތުރުން ހުކުރު ދުވަހުގެރޭ އިންޓަ އަތުން ބަލިވި ފިއޮރެންޓީނާ އޮތީ ތާވަލުގެ 12 ވަނައިގައި 21 މެޗުން 22 ޕޮއިންޓާއެކުއެވެ.