ރޮނާލްޑޯގެ ލަނޑާއެކު ޔުވެންޓަސްއަށް މޮޅެއް

ކުޅިވަރު ފަހުގެ

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ރޯމާ އަތުން އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ޔުވެންޓަސްއިން ވަނީ ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު ހަ މެޗުންވެސް މޮޅުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 13 ވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ ދާދި ފަހުން 36 އަހަރު ފުރުނު ރޮނާލްޑޯ މި ސީޒަނުގެ އިޓާލިއަން ލީގުގައި ކާމިޔާބުކުރި 16 ވަނަ ލަނޑެވެ. އަދި މިއީ 30 އަހަރު ފުރުން ފަހުން ރޮނާލްޑޯ ކާމިޔާބުކުރި 300 ވަނަ ލަނޑެވެ.

ރޮނާލްޑޯގެ ލަނޑުން މެޗުގެ ކުރީކޮޅު ޔުވެންޓަސްއިން ލީޑު ނެގި ނަމަވެސް، އޭގެ ފަހުން ރޯމާއަށް ވަނީ ނަތީޖާ އެއްވަރުކުރަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެއާއެކު މެޗުގެ 69 ވަނަ މިނެޓުގައި ޔުވެންޓަސްއިން ލީޑު ފުޅާކުރިއިރު، މި ލަނޑަކީ ރޯމާގެ ރޮޖާ އިބެނޭޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މޮޅާއެކު ޔުވެންޓަސް އޮތީ ތާވަލުގެ ތިންވަނައިގައި ކުޅުނު 20 މެޗުން ލިބުނު 42 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް އިންޓަ މިލާނަށް 21 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އޭސީ މިލާނަށް 20 މެޗުން ވަނީ 46 ޕޮއިންޓް ލިބިފައެވެ. އަދި ޔުވެންޓަސް އަތުން ބަލިވި ރޯމާ އޮތީ ތާވަލުގެ ހަތަރުވަނައިގައި 21 މެޗުން 40 ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ