ކޮބާ ދުފާތަބައް؟

އިޖުތިމާޢީ ފަހުގެ ޞިއްހަތު

ކޮބާ ދުފުންގަނޑެއްނެއް؟ ދުފާލާކައްނުދާނަންތަ؟ މިއީ ކޮންމެ ދުވަހަކު އެތައްފަހަރަކު އަޑުއިވެމުންދާ، އަހަރެމެން ދިވެހިންނާ ވަރަށް ގާތް ރަހުމަތްތެރި ޖުމުލަތަކެކެވެ. ދިވެހިންގެ ތެރެއިން ބައެއްގެ ކަށީގައި ހިފާފައިވާ ނުރަނގަޅު އާދައެކެވެ. މިއާދަ އަށަގެންފައިވާ މީހުން ދެކޭގޮތުގައި މިއީ ފަޚުރުވެރި މޮޅުކަމެކެވެ. އެހެނަސް ދަންނަވަންތޯއެވެ. މިއީ ނުރައްކާތެރިކަމާއި ގެއްލުން ބޮޑުކަމެކެވެ.

ތަފާތު އެކިނަންނަމުގައި އެކިގޮތްގޮތައް ތައްޔާރުކޮށް އެކިސިފަސިފާގައި ދުފަންބޭނުންކުރާ ފުވައް އަހަރެމެންގެ ތެރޭގައި ބޭނުން ކުރެވެމުންދެއެވެ. ހެދިބިލަތް، މޮޅުބިލަތް، ސުޕާރީ، ހަނާކުރިފުވައް، ކިއްލި، ޖަބުލާނީ ފަދަ ރީތިނަންނަމުގައެވެ. އެހެނަސް ކަމަކީހަމަ އެއްކަމެވެ. ބޭނުމަކީވެސް ހަމަ އެއްބޭނުމެކެވެ. އަނގަމީރުކޮށްލާ، ހިތްހަމަޖައްސާލުމެވެ. ކަމުގަހުރި ނުރައްކާތެރިކަން ހަމަނުވިސްނޭތީއެވެ.

އިޝްތިހާރު
އިޝްތިހާރު

ބައެއްމީހުން ބުނާގޮތުން ދުފުމަކީ އެކަނިވެރިކަން ފިލުވައިދޭ، ހިތައް އުފާވެރިކަން ގެނެސްދޭ ކަމެކެވެ. އަނެއްބަޔަކު ބުނާގޮތުން ދުފުމަކީ އެމީހުންނަށް ލިބޭ ހިތްހަމަޖެހުމެކެވެ. އަދި ބައެއްމީހުން ދެކޭގޮތުގައި ދުފުމަކީ އެމީހުން ކުރާމަސައްކަތައް ލިބޭ ހަލުވިކަމަކާ ބާރެކެވެ. އެނަސް ދަންނަވަންތޯއެވެ. ތިކުރެވެނީ ވަރަށްބޮޑު ކުންހީއެކެވެ.

ދުފުމަކީ ހީވެސް ނުކުރާފަދަ ނުރައްކާތެރި ޞިއްހީ މައްސަލަތަކަކަށް ތިމާ ހުށަހެޅިގެންދާ ނުބައި އާދައެކެވެ. ޞިއްހީ މައްސަލަތައް ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވާގޮތުގައި ދުފުމަކީ އަނގައިގެ ކެންސަރު ޖެހުމަށްމެދުވެރިކުރުވާ ސަބަބެކެވެ. އަދި ދަތްތަކުގެ ރީތިކަން ގެއްލި، ހިރުގަނޑު ހަލާކުކޮއްލާ ކަމެކެވެ. އަދި ދައްނަވަންތޯއެވެ. ތިމާގެ ރީތި ހިނިތުންވުން ހުތުރުކޮއްލާ ކަމެކެވެ.

ދުފުމަކީ ކުރެވޭ މޮޅުކަމެއްކަމަށް ތިމާއަށް ގަބޫލުކުރެވުނަސް ހުރިހާ ގޮތަކުން ބެލިޔަސް އެއީ ރަނގަޅު މޮޅުކަމެއްކަމަން ނުބުނެވޭނެއެވެ. ދުފާމީހުންނަށް އިހުސާސް ނުކުރެވުނުކަމަކު،  އެމީހުންގެ މިޢަމަލުގެ ސަބަބުން އަހަރެމެން ދިރިއުޅޭ މާހައުލުގެ ސާފުތާހިރުކަން ގެއްލެއެވެ. މަގުތައްމައްޗަށް ޖަހާލާފަހުންނަ ބޮޑެތި ރަތްކުޅުގަޑުގަޑާއި، އަނގައިންނެރެ އުކާލާފައި ހުންނަ ހައްޕުޑުގަޑުތަކަކީ މަގުމަތީގެ ރީތިކަމާއި ސާފުކަން ގެއްލުވާލާ، ޞިއްހީ ނުރައްކަލަކަށް މުޖުތަމައު ވައްޓާލާ ދައްފެންވަރުގެ އަމަލެކެވެ. އެހެނަސް މިކަމާމެދު ވިސްނާމީހުން މަދުކަމީ ހިތާމަހުރި ކަމެކެވެ.

ދުފާތަބައް ހޯދަން އެއްހޮޓަލުން އަނެއްހޮޓަލަށް ނުވަތަ އެއްގެއިން އަނެއްގެއަށް ދިއުމުގެ ބަދަލުގައި ތިމާއަށް މާތްﷲ ދެއްވާފައިވާ ފުރިހަމަ ޞިއްހަތާ މެދު ފުންކޮން ވިސްނާލަމާތޯއެވެ. މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަމާމެދު ވިސްނާ، މިނުބައި އާދަޔާ ދުރުހެލި ވަމާތޯ. މި ނޭދެވޭ ޢަމަލު އަހަރެމެންގެ ތެރެއިން ނައްތާލަން މަސައްކަތްކުރާ މީހަކަށްވުމަށް އަޒުމް ކަނޑައަޅަމާތޯއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ