އިޓާލިއަން ކަޕުގެ ސެމީފައިނަލުގައި އެގްރިގޭޓް ނަތީޖާއިން އިންޓަ މިލާން ކަޓުވާލުމަށްފަހު މުބާރާތުގެ ފައިނަލަށް ޔުވެންޓަސް ދަތުރުކޮށްފިއެވެ.
އަންގާރަ ދުވަހުގެރޭ ޔުވެންޓަސް ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެކަމަކު މިދިޔަ ހަފުތާގައި އިންޓަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ޔުވެންޓަސް ވަނީ 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެހެންކަމުން އެގްރިގޭޓުން ޔުވެންޓަސްއަށް ވަނީ ކުރި ލިބިފައެވެ.
އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނަގަން އިންޓަގެ ތަޖުރިބާކާރު ފޯވާޑް ރޮމެލޫ ލުކާކޫއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި މި ހާފުގައި ޔުވެންޓަސްއިންވެސް ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ހަމަލާ އިންޓަގެ ގޯލްކީޕަރު ސާމިރު ހަންޑަނޯވިޗް ވަނީ ދިފާއުކޮށްފައެވެ.
މި މެޗުގެ ދެވަނަ ހާފުގައި ރޮނާލްޑޯ މޮޅު ކުޅުމެއް ދެއްކިއިރު، މި ހާފުގައި އޭނާއަށް ވަނީ އޭރިއާ ތެރެއިން ހުސް ދެ ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭރިއާ ތެރެއިން ރޮނާލްޑޯ ފޮނުވާލި ދެ ހަމަލާވެސް އިންޓަގެ ގޯލްކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި މި ހާފުގައި އިންޓަގެ ހަމަލާތައް ހުއްޓުވުމުގައި ޔުވެންޓަސްގެ ޑިފެންޑަރުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
އިންޓަ ކަޓުވާލުމަށްފަހު ޔުވެންޓަސް ފައިނަލަށް ދަތުރުކުރިއިރު، އިޓާލިއަން ކަޕުގެ އެންމެ ކާމިޔާބު ޓީމަކީ ޔުވެންޓަސްއެވެ. އެގޮތުން ޔުވެންޓަސްއިން ވަނީ މިހާތަނަށް މި މުބާރާތް 13 ފަހަރު ކާމިޔާބުކޮށްފައެވެ. އަދި އެންމެ ފަހުން ޔުވެންޓަސްއިން އިޓާލިއަން ކަޕް ކާމިޔާބުކުރީ 2018 ވަނަ އަހަރުއެވެ.
ފައިނަލަށް ޔުވެންޓަސް ދަތުރުކުރިއިރު، ފައިނަލުގައި ޔުވެންޓަސް ބައްދަލުކުރަން ޖެހޭނީ ބުދަ ދުވަހުގެރޭ ދެވަނަ ސެމީގައި އެޓަލަންޓާ އާއި ނާޕޮލީ ކުޅެގެން މޮޅުވާ ޓިމަކާ ދެކޮޅަށެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.