މިލާނާއި ޔުވެންޓަސްވެސް ބަލިވިއިރު، އިންޓައަށް ފުރުސަތު

ކުޅިވަރު ފަހުގެ

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުތަކުން އެއްވަނައިގައި އޮތް އޭސީ މިލާނާއި އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސްވެސް ބަލިވެއްޖެއެވެ.

މިލާން ބަލިވީ ރަށުން ބޭރުގައި ކުޅުނު މެޗުން ސްޕެޒިއާ އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، ސްޕެޒިއާ އިން ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖިއުލިއޯ މަގިއޯރެވެ. އަދި މެޗުގެ 67 ވަނަ މިނެޓުގައި ސިމޯން ބަސްޓޯނީ ވަނީ ސްޕެޒިއާއަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުން މިލާން ބަލިވުމުން ތާވަލުގެ ދެވަނައިގައި އޮތް އިންޓަ މިލާނަށް ވަނީ ލީގުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ލިބިފައެވެ. މި ވަގުތު މިލާން އެއްވަނައިގައި އޮތީ ކުޅުނު 22 މެޗުން ލިބުނު 49 ޕޮއިންޓާއެކުއެވެ. އިންޓަ ދެވަނައިގައި އޮތީ 21 މެޗުން 47 ޕޮއިންޓާއެކުއެވެ. އެހެންކަމުން އާދީއްތަ ދުވަހުގެރޭ ލާޒިއޯއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން އިންޓައަށް ލީގުގެ އެއްވަނައަށް އެރޭނެއެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޔުވެންޓަސް ބަލިވީ ރަށުން ބޭރުގައި ނާޕޮލީ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ޔުވެންޓަސްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، ނާޕޮލީން ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުގައެވެ. މެޗުގެ 31 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޮރެންޒޯ އިންސީނިއޭއެވެ. މިއީ އޭރިއާ ތެރެއިން ނާޕޮލީގެ އާމިރު ރަހްމަނީއަށް ޔުވެންޓަސްގެ ޖިއޯޖިއޯ ކިއެލީނީ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުން ޔުވެންޓަސް ބަލިވިއިރު، އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގައި ކުޅުނު 21 މެޗުން ލިބުނު 42 ޕޮއިންޓާއެކުއެވެ. އަދި ޔުވެންޓަސް ބަލިކުރި ނާޕޮލީ އޮތީ ތާވަލުގެ ހަތަރުވަނައިގައި 21 މެޗުން 40 ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ