ށ. ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވިމިނެއްގައި ކުރިއަށް ދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
މި މަޝްރޫޢުގެ ދަށުން، ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތުގެ %50 ވެސް ވަނީ ނިމިފައެވެ.
މި މަޝްރޫޢުގެ ދަށުން، 31،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާނެއެވެ.
ޅައިމަގުގައި ރިވެޓްމެންޓް ޖަހަން ހަމަޖެހިފައި ވަނީ 500 މީޓަރުގެ ސަރަޙައްދެއްގައެވެ. މީގެ އިތުރުން ނެރު ބައްތި ހަރުކޮށް މަގުބައްތި ހަރުކުރުމަކީ ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ހައުސިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ 56.3 މިލިއަން ރުފިޔާގެ އަގަކަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް އެކުންފުނިން ފެށީ 2020 ވަނަ އަހަރުގެ ޑިސެންބަރ ނުވަ ވަނަ ދުވަހުއެވެ.