ދިވެހިބަސް ކުރިއަރަންޖެހޭ ސަބަބެއް ނެތެވެ. މިހެން ބުނެފިނަމަ ދިވެހިބަހަށް ލޯބިކުރާ ފަރާތްތަކަށް އެ ޖުމްލައަކީ އެހައި އަޑު އަހައިލަން ފަސޭހަ ޖުމްލައަކަށް ނުވާނެއެވެ. އަޅުގަނޑަށް ވެސް ފަސޭހައެއް ނޫނެވެ. ނަމަވެސް ހަޤީޤަތެއް ހަމަ ވާނީ ހަޤީޤަތަކަށްތާއެވެ.
ސަބަބެއްނެތި ކަމެއް ނުހިނގާނެއެވެ. ދިވެހިންގެ ފަޚުރެއް ކަމުގައިވާ ދިވެހިބަސް ވަޅުޖެހެމުންދާ ވާހަކައަކީ އަބަދުވެސް އިވެމުންދާ ވާހަކައެކެވެ. އެހެންކަމަށް ވާނަމަ ވަޅުޖެހެން މެދުވެރިވާ ސަބަބެއް ނުވަތަ ސަބަބުތަކެއް އޮންނާނެކަމީ ދެބަސްވެވެން ނެތް ހަޤީޤަތެވެ.
މިއީ އަޅުގަނޑުގެ ޚިޔާލެވެ. ތަޖުރިބާއެވެ. މި ޚިޔާލުގެ މައްޗަށް ނުވަތަ މި ތަޖުރިބާގެ މައްޗަށް އެހެން މީހުންގެ ޤަބޫލުކުރުން ބިނާކުރުމަށް އަޅުގަނޑު މަޖުބޫރު ނުކުރާނަމެވެ. ނަމަވެސް ކަން ވަމުންދާ ގޮތް އަޅުގަނޑަށް ކުޅަދާނަވީ ވަރަކުން ބަޔާންކޮށްދެވޭތޯ މަސައްކަތް ކުރާނަމެވެ.
އުނގެނުމުގެ މަރުހަލާގައި ދިވެހި ބަހުން ކިޔަވައިދޭ އޮންނަނީ ދެ މާއްދާއެވެ. އެއީ އިސްލާމާއި ދިވެހި މި ދެ މާއްދާއެވެ. ޖުމްލަ އަށް މާއްދާ ސްކޫލުގައި ކިޔެވިއިރު އޭގެތެރެއިން ހަ މާއްދާ ކިޔަވައިދެނީ އިނގިރޭސި ބަހުންނެވެ.
ހަފްތާއަކު ފަސް ދުވަހު ސްކޫލުގެ ކިޔެވުން އޮންނައިރު ކޮންމެ ދުވަހަކު ސްކޫލުގައި ހަ ގަޑިއިރު ހޭދަކުރަން ޖެހެއެވެ. ހޭދަކުރާ ހަ ގަޑިއިރުގެ ތެރެއިން ފަސް ގަޑިއިރު ހޭދަކުރަނީ އިނގިރޭސި ބަހުން ލިޔެފައިވާ ފޮތްތަކުގައިވާ ފިލާވަޅުތައް ލިޔުމާއި، ކިޔުމާއި އަޑު އެހުމުގައެވެ. ދިވެހި ބަހުން ލިޔެފައިވާ ފޮތްތަކާއި އެކު ހޭދަކުރަން ސްކޫލުގައި ލިބެނީ ހަފްތާއަކަށް ބެލިނަމަވެސް ޖުމްލަ ފަސް ގަޑިއިރެވެ. ނަމަވެސް އިނގިރޭސި ބަހުން ލިޔެފައިވާ ފޮތްތަކާއިއެކު ހަފްތާއަކު 25 ގަޑިއިރު ހޭދަކުރަން ޖެހެއެވެ.
ސަބަބުތަކެއް އޮވެގެން ވިޔަސް ކިޔެވުމުގެ މަރުހަލާގައި ދިވެހިބަހަށް ވުރެ އިނގިރޭސިބަހަށް އިސްކަން ދޭން މަޖުބޫރު ކޮށްފައި އޮތުމުން ދިވެހި ބަހާއި ދުރުވާނެކަން މިއީ ކަންވާނެ ގޮތެވެ.
އަށް މާއްދާ ކިޔަވާނަމަ ހަ މާއްދާއިން ރަނގަޅު ނަތީޖާއެއް ހޯދަން ބޭނުންނަމަ ދިވެހި ބަސް އުނގެނުމަށްވުރެ އިނގިރޭސި ބަސް އުނގެނުމަށް އިސްކަން ދޭން މަޖުބޫރެވެ. ގިނަވަގުތު އިނގިރޭސި ބަހުން ލިޔެފައި ހުންނަ ފޮތްތައް ކިޔާނަމަ ވާހަކަ ދެއްކުމުގައްޔާއި ލިޔުމުގައި ވެސް ބޭއިޚްތިޔާރުގައި އެ ލަފުޒުތައް ބޭނުން ކުރެވޭނެއެވެ. އެއީ އިންސާނާގެ ތޮބީޢަތެވެ.
ދިވެހިންގެ މާދަރީބަސް ނިކަމެތިވާން މެދުވެރިވާ ސަބަބުތައް ދިވެހި ބަހުގެ މާހިރުން ބަޔާންކޮށްފައި ވާއިރު އެ ސަބަބުތަކުގެ ތެރޭގައި ވެސް އިނގިރޭސި ބަސް، އުނގެނުމަށް ނުވަތަ އުނގަންނައި ދިނުމަށް، ދެވޭ އަހަންމިއްޔަތު އިތުރުވުން ހިމެނެއެވެ.
އުނގެނުމުގެ މަރުހަލާގައި ފިލާވަޅުތަކާއި ގުޅުންހުރި މަޢުލޫމާތު ހޯދުމަށް ފޮތްތަކާއި އިންޓަނެޓްގެ ޒަރިއްޔާއިން މަސައްކަތް ކުރަން ޖެހެނީ މަދެއްކޮށެއް ނޫނެވެ. ދިވެހި ބަހަށް ތަރުޖަމާ ކުރެވިފައިވާ ޢިލްމީ ފޮތްތައް މަދުވުމުގެ ސަބަބުން މަޢުލޫމާތު ހޯދުމަށް އިންޓަނެޓް މެދުވެރިކޮށް އިނގިރޭސި ބަހުން ލިޔެފައި ހުން ލިޔުންތައް ކިޔަން ޖެހުމަކީ ވެސް ދިވެހި ބަހަށް ވުރެ އިނގިރޭސިބަހަށް އިސްކަމެއް ދެވިފައިވާ ސަބަބުތަކެވެ.
މި ޤައުމުގެ ތަޢުލީމީ މަރުހަލާ ނިންމާފައި ނުކުންނަ ކޮންމެ ކުއްޖަކަށް ވެސް މި ދެންނެވި މަރުހަލާތަކާއި ކުރިމަތިލާން ޖެހޭނެއެވެ. އެހެންކަމަށް ވާނަމަ ދިވެހިބަހަށް އިސްކަން ދޭންވާނެއޭ ބުނުމަކުން އެކުދިން ދިވެހިބަހަށް ދޭނެ އިސްކަމެއް ނޯންނާނެކަމީ ޤަބޫލުކުރަންޖެހޭ ހިތި ހަޤީޤަތެވެ. ކިޔުމާއި ލިޔުމާއި ވާހަކަ ދެއްކުމުގައި މިއަދުގެ ޒުވާނުންގެ ފުށުން ފެންނަމުން މިދަނީ މިކަމުގެ އަސަރެވެ.