ހަނިމާދު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރާކަށް މިއަހަރުގައި ނުފަށާނެ – ރައީސް

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރާކަށް މިއަހަރުގައި ނުފަށާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އެމްޑީޕީގެ ފަރާތުން ކައުންސިލު އިންތިހާބުގައި ވާދަކުރާ ހަނިމާދޫ ކެންޑިޑޭޓުންގެ އިތުރުން ހދ އަތޮޅުގެ ކެންޑިޑޭޓުންނާއި، އޮންލައިންކޮށް ރޭގައި ބައްދަލުކުރައްވައި ކުރިއަށް ގެންދިޔަ ރަށްވެހި ފަތިސް ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުނެވެ.

އިޝްތިހާރު
އިޝްތިހާރު

“މިއަހަރުގެ ބަޖެޓުގައި އަޅުގަނޑުމެން އެކަން ނުހިމަނަން. އަޅުގަނޑުމެން ބެލިބެލުމުން ސިއްހީ ހިދުމަތް މިއަށްވުރެ ބޮޑަށް ބޭނުންވާ ރަށްރަށް ހުރުމުން އެރަށް ރަށަށް އިސްކަންދިނީ. އޭގެ މާނައެއް ނޫން އެޔަކީ ހަނިމާދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލު ނުކުރާނަމެކޭ. މިއަހަރު ކުރިޔަށް ނުދާގޮތަށް އަދި މިއޮތީ” ރޭގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވިއެވެ.

ހަނިމާދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ހަނިމާދޫގެ ރަތްޔިތުންއަށް ވެވަޑައިގެންފައިވާ ވައުދެކެވެ. ނަމަވެސް ރޭގެ ބައްދަލުވުމުގައި، އެކަން މިއަހަރު ކުރެއްވުމަށް ހަމަޖެހިފައިނުވާކަމަށް ވިދާޅުވިއިރު، އެ މަޝްރޫޢު ކުރިއަށް ގެންދަން ހަމަޖެހިފައިވާ ގޮތެއް ނުވަތަ ފެށޭނެ ތާރީޚެއް ފަދަ އެ މަޝްރޫޢުގެ އިތުރު ތަފްޞީލެއް އެމަނިކުފާނު ވިދާޅެއްނުވެއެވެ

ހަނިމާދޫ ސިއްހީ މަރުކަޒުގެ މިހާރު ހުރި އިމާރާތުގެ ހުޅަނގުން އޮތް ބިން ސިއްހީ މަރުކަޒުގެ ބިމަށް އިތުރު ކޮށްދެއްވާ ބިމުގެ ރަޖިސްޓްރީ ފޮނުވައި ދިނުމަށް، 2020 ވަނަ އަހަރު ޑިސެންބަރ މަހުގެ 30 ވަނަ ދުވަހު މިނިސްޓްރީ އޮފް ހެލްތު އިން އެދިފައިވާތީ އެގޮތުގެ މަތިން އެކަންވަނީ 2021 އަހަރު ޖެނުވަރީ މަހު ހަނިމާދޫ ކައުންސިލުން ފުރިހަމަ ކޮށްދީފައިކަމަށް އެ ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ