15 ރަށެއްގެ ފެނާއި ނަރުދަމާ ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޚަބަރު ފަހުގެ

15 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމާއި ގުޅޭ އެއްބަސްވުމުގައި 5 ކުންފުންޏަކާއެކު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރަސްޓްރަކްޗަރ އިން ސޮއިކޮށްފިއެވެ.

މިއަދު ސޮއި ކުރެވުނު 15 މަޝްރޫއުއަށް ޖުމްލަ 407،145،030.01 ރުފިޔާ ހަރަދުވާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ދިވެހި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މިއަދު އެކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 5 ކުންފުންޏަކާ އެކުއެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރުގްއެވެ. ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރީ އެމް.ޑީ އަހްމަދު އަސްލަމްއެވެ. މައިކްރޯން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއި ކުރެއްވީ އެމް.ޑީ އަލީ ނަޖީބްއެވެ. އަލްޓެކް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޖެނެރަލް މެނޭޖަރ ހުސެއިން ތަސްމީން ސޮއިކުރެއްވިއިރު، މާކެޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއި ކުރެއްވީ އެމް.ޑީ އަހްމަދު ނަސީމްއެވެ. ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއި ކުރެއްވީ އެމް.ޑީ ސައުދުﷲ އަހްމަދުއެވެ.

މި މަޝްރޫއުގެ ދަށުން ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެކު ސޮއި ކޮށްފައިވަނީ 6 ރަށެއްގެ މަސައްކަތް ކުރުމަށެވެ. އެއީ:

އއ. ބޮޑުފޮޅަދޫގައި ފެނާއި ނަރުދަމާ ނިޒާމު – 26،786،048 ރުފިޔާ
ގދ. ރަތަފަންދޫ ފެނާއި ނަރުދަމާ ނިޒާމް – 33،692،736 ރުފިޔާ
ތ. އޮމަދޫގައި ފެނާއި ނަރުދަމާ ނިޒާމު – 32،471،048 ރުފިޔާ
ދ. މާއެނބޫދޫގައި ފެނުގެ ނިޒާމު – 16،487،650 ރުފިޔާ
ހއ. އުތީމުގައި ފެނުގެ ނިޒާމް – 22،025،612 ރުފިޔާ
ހދ. ނައިވާދޫގައި ނަރުދަމާ ނިޒާމު – 12،885،746 ރުފިޔާ
މައިކްރޯން ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފައިވަނީ 3 ރަށެއްގެ މަސައްކަތް ކުރުމަށެވެ. އެއީ:

ފ. ފީއަލީގައި ފެނުގެ ނިޒާމު – 25،457،105 ރުފިޔާ
ރ. ރަސްމާދޫގައި ފެނުގެ ނިޒާމު – 24،990،358 ރުފިޔާ
ތ. ބުރުނީގައި ފެނުގެ ނިޒާމު – 26،705،436 ރުފިޔާ
އަލެޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފައިވަނީ 2 ރަށެއްގައި މަސައްކަތް ކުރުމަށެވެ. އެއީ:

ދ. ރިނބިދޫގައި ފެނާއި ނަރުދަމާގެ ނިޒާމު – 34،641،602 ރުފިޔާ
ތ. ވޭމަންޑޫގައި ފެނުގެ ނިޒާމު – 36،761،383 ރުފިޔާ
މާކްޓެކް ޕްރައިވެޓް ލިމިޓެޑާއެކުވެސް ސޮއި ކޮށްފައިވަނީ 2 ރަށެއްގެ މަސައްކަތް ކުރުމަށެވެ. އެއީ:

ގދ. ކޮނޑޭގައި ފެނާއި ނަރުދަމާގެ ނިޒާމު – 35،962،704 ރުފިޔާ
ރ. މާކުރަތުގައި ފެނުގެ ނިޒާމު – 31،427،728 ރުފިޔާ
މީގެއިތުރުން، ދެން ސޮއި ކޮށްފައިވަނީ ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކުއެވެ. އެ ކުންފުންޏާއެކުވެސް ސޮއި ކޮށްފައިވަނީ 2 ރަށެއްގެ މަސައްކަތް ކުރުމަށެވެ. އެއީ:

ދ. ހުޅުދެލީގައި ފެނުގެ ނިޒާމު – 20،341،216 ރުފިޔާ
ލ. ދަނބިދޫގައި ފެނުގެ ނިޒާމު – 26،508،651 ރުފިޔާ
މިއަދު ސޮއި ކުރެވުނު އެއްބަސްވުންތަކުގެ ދަށުން ހުރިހާ މަޝްރޫއުއެއްގެ މަސައްކަތްވެސް 780 ދުވަހުގެ ތެރޭގައި ނިންމާލެވޭނަކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މި މަޝްރޫއުތަކުގެ ދަށުން އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ތައް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ނަރުދަމާ ޕަމްޕް ސްޓޭޝަންތައް ގާއިމްކޮށް، ސީ އައުޓް ފޯލް އެއްވެސް ގާއިމްކުރެވިގެންދާނެއެވެ. ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަންވެސް ގުޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭންގެ ދުވަސްވަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ