މާލޭގެ މިސްކިތްތަކުގައި ޖަމާޢަތުގެ ނަމާދުކުރާއިރު ގައިދުރުކުރަން އަންގައިފި

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

މިއަދުން ފެށިގެން މާލޭގެ މިސްކިތްތަކުގައި ޖަމާޢަތުގެ ނަމާދުކުރާއިރު ގައިދުރުކުރަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19ގެ ޙާލަތު ގޯސްވެފައިވުމާ ގުޅިގެން ފަތުވާ ދޭ އެންމެ މަތީ މަޖިލިހުގެ ލަފައާއި ދީނީ ޢިލްމުވެރިންގެ މަޝްވަރާގެ މަތިން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާޢަތުގެ ނަމާދު ގައިދުރުކޮށް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޖަމާޢަތުގެ ނަމާދުގައި ގައިދުރުކުރަން ފަށާނީ މާޗު މަހުގެ 1 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން ކަމަށްވެސް އެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި މި ޙާލަތުގައި ބަލި ހަންމަތަކުރުމަށް މިސްކިތް ބަންދުކުރުމަކީ ރައްޔިތުންނަށް ވަރަށް ހިތްދަތިކަމަކަށްވާނެ ކަމަށާއި، މި ޙާލަތުގައި މިސްކިތް ބަންދުކުރުމުގެ ބަދަލުގައި ކުރަންޖެހޭ ކަމަކީ ގައިދުރުކޮށް ޖަމާޢަތުގެ ނަމާދުކުރުން ކަމަށް ފަތުވާދޭ މަޖިލިހާއި ޢިލްމުވެރިން ލަފާދެއްވާފައިވާ ކަމަށެވެ.

ޖަމާޢަތުގައި މިސްކިތުގައި ނަމާދުކުރާއިރު، ނަމާދުކުރުމަށް ހުޅުވާލައި މިސްކިތްތަކުގައި ކާޕެޓު ނުބެހެއްޓުމާއި، ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތް މޮޕްލައި ސާފުކުރުމަށާއި، ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު މިސްކިތުގައި ހަމަޖެއްސުމާއި، ކޮންމެހެން ބޭނުން ޖެހިއްޖެ ހާލަތެއްގައި ނޫނީ އެއާކޯނު ނުޖެއްސުމާއި، އެއާކޯނު ބޭނުންކުރާނަމަ ދޭތެރެ ދޭތެރެއިން މިސްކިތުގެ ދޮރުތައް ހުޅުވައި ވައި ބަދަލުކުރުމަށް ސިޓީ ކައުންސިލުން ސަމާލުވުމަށް މިނިސްޓްރީގެ ބަޔާނުގައި އެދިފައިވެއެވެ.

ނަމާދަށް ދާ މީހުން ގެއިން ވުޟޫކޮށްގެން ދިއުމަށާއި، މުސައްލަ ހިފައިގެން ދިއުމާއި، އެ މީހެއްގެ މުސައްލަ މަތީގައި ނަމާދުކުރުމަށް ސަމާލުވުމަށާއި، މާސްކު އެޅުމާއެކު، ނަމާދުގައި ގައިދުރުކަން ބެހެއްޓުމަށާއި، އުމުރުން ދުވަސްވީ މީހުންނާއި ބަލީގެ އަލާމާތްތައް ހުންނަ މީހުން ގޭގައި ނަމާދުކުރުމަށް މިނިސްޓްރީން އެދިފައިވެއެވެ.

އަދި އިމާމުން ކިބައިން މިނިސްޓްރީން އެދިފައިވަނީ ބަންގިއަށްފަހު 5 މިނިޓުގެ ތެރޭގައި ގަމަތްދީ ނަމާދު ފެށުމަށެވެ. އެއްވެސް ނަމާދެއް 7 މިނިޓަށްވުރެ ދިގުނުކުރުމަށާއި، ހުރިހާ ނަމާދެއްގައިވެސް ފާތިޙާގެ އިތުރަށް ޟުޙާ ސޫރަތުން ތިރީގެ ސޫރަތް ކިޔެވުމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ