ރޮނާލްޑޯގެ ރިކޯޑު ލަނޑާއެކު ޔުވެންޓަސްއަށް ފަސޭހަ މޮޅެއް

ކުޅިވަރު ފަހުގެ

އިޓާލިއަން ލީގުގައި އަންގާރަ ދުވަހުގެރޭ ތަޖުރިބާކާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ ރިކޯޑު ލަނޑާއެކު ސްޕެޒިއާ އަތުން އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފުގައި އަލްވާރޯ މޮރާޓާ ވަނީ ޔުވެންޓަސްއަށް ލީޑު ނަގައިދީފައެވެ. އަދި އޭގެ ނުވަ މިނެޓު ފަހުން ޔުވެންޓަސްއަށް ލީޑު ފުޅާކޮށްދިނީ މި ފަހަކަށް އައިސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ފެޑެރީކޯ ކިއޭސާއެވެ. ދެން މި މެޗުގައި ޔުވެންޓަސްއިން ކާމިޔާބުކުރި އަނެއް ލަނޑު ރޮނާލްޑޯ ޖެހީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ.

މި ސީޒަނުގެ އިޓާލިއަން ލީގުގެ ލަނޑު ލިސްޓުގެ އެއްވަނައިގައި ރޮނާލްޑޯ އޮތްއިރު، މި މެޗުގައި ރޮނާލްޑޯ ޖެހީ މި ފަހަރު ލީގުގައި އޭނާ ކާމިޔާބުކުރި 20 ވަނަ ލަނޑެވެ. އެއާއެކު އޭނާ ވެފައިވަނީ ފާއިތުވި 12 ސީޒަނުގައި ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތެރެއިން ކޮންމެ ސީޒަނެއްގައި މަދުވެގެން 20 ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ޔުވެންޓަސް މޮޅުވިއިރު، މި މޮޅާއެކު އެ ޓީމުން ވަނީ ތާވަލުގެ އެއްވަނައިގައި އޮތް އިންޓަ މިލާނާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފައެވެ. އެގޮތުން ކުޅުނު 24 މެޗުން 56 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އިންޓަ އޮތްއިރު، އަންގާރަ ދުވަހުގެރޭގެ މޮޅާއެކު ތާވަލުގެ ތިންވަނައިގައި އޮތް ޔުވެންޓަސް ވަނީ 24 މެޗުން 49 ޕޮއިންޓް ހަމަކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ