ފުނަދޫއިން ގެވަޅު ދޫނުކުރެވިވަނީ ލިބެންޖެހޭ ހުއްދަ ނުލިބޭތީ: ކައުންސިލް

ޚަބަރު ފަހުގެ

ށ. ފުނަދޫއިން ގެވަޅު ބޭނުންވާ މީހުންނަށް ގެވަޅު ދޫނުކުރެވި ލަސްވަނީ ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުން ހުއްދަ ނުލިބޭތީކަމަށް ފުނަދޫ ކައުންސިލުން ބުނެފިއެވެ.

ކައުންސިލުން މިހެން ބުނެފައިވަނީ ފުނަދޫ ކައުންސިލުން 2020 ވަނަ އަހަރު ކުރެވުނު މަސައްކަތްތަކާއި 2021 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓް ގެ އިތުރުން ޕްރޮގްރާމްތައް ރައްޔިތުންނާއި ހިއްސާކުރުމަށް ބޭއްވި ޖަލްސާގައިއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ޖަލްސާގައި އާމުންކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމްފުުޅު ވިދާޅުވީ ފުނަދޫއިން 42 ގޯތި ދޫކުރުމަށް ހުއްދައަށް އެދި ޕްލޭނިންގ މިނިސްޓްރީގައި އެދިފައިވާނެކަމަށެވެ. އެހެންނަމަވެސް މިއަދާ ހަމައަށްވެސް ބިންބޭނުން ކުރުމުގެ ހުއްދަ އެމިނިސްޓްރީން ދީފައި ނުވާކަމަށެވެ. އަދި ހުއްދަ ލިބުނުހާ އަވަހަކަށް ގެވަޅު ދޫކުރާނެކަމަށާ ފުނަދޫގައި ގޯތިގެދޮރުގެ ދަތިކަން ހުރި މިންވަރު ފާހަގަ ކުރައްވާ އަހްމަދު ވިދާޅުވީ ސަރުކާރުގެ ފަރާތުން ޕްލޭނިންގ މިނިސްޓްރީން ހުޅުވާލި ގެވަޅުތަކުގައި ގެދޮރު އިމާރާތް ކޮށްދިނުމުގެ ޕްރޮގްރާމަށް ފުނަދޫއިން އެތައް ސަތޭކަ މީހުން އެދިފައިވާކަމަށާ، އެކަމަށް ބޭނުންވާ ހުރިހާ ލިޔެކިއުންތަކެއްވެސް މިނިސްޓްރީއަށް ފޮނުވާފައިވާނެކަމަށެވެ.

އެހެންނަމަވެސް ފަހުން މިނިސްޓްރީން ބުނެފައިވަނީ އެއީ ރައްޔިތުންގެ ޑިމާންޑް އޮތްވަރެއް ބަލާލަން ކުރި ކަމެއްކަމަށެވެ. އެހެން ކަމުން ފުނަދޫގައި ގެދޮރަށް ޑިމާންޑް އޮތް މިންވަރު ސަރުކާރަށް އެގިފައި އޮންނާނެކަމަށް ގަބޫލުކުރެއްވޭކަމަށާ، ކައިރި މުސްތަގްބަލެއްގައި ގެވަޅު ދޫކުރުމުގެ ހުއްދަ ލިބޭނެކަމަށް އުންމީދު ކުރައްވާކަމަށްވެސް އަހްމަދު ވިދާޅުވިއެވެ.

މީގެ އިތުރުން ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމްފުުޅާ ހަވާލާދީ “ފުނަދޫ ޓައިމްސް” ގައި ވަނީ ފުނަދޫއިން 42 ގެވަޅު ދޫކުރުމަށް ހުއްދައަށް އެދި ޕްލޭނިން މިނިސްޓްރީއަށް ހުށައަޅާތާ 2 އަހަރު ވެއްޖެކަމަށެވެ. އެހެންނަމަވެސް އަދި ވެސް ހުއްދަ ނުލިބޭކަމަށާ، މިއަހަރުވެސް އަލުން ހުއްދަ އަށް އެދި ހުށައަޅާފައިވާނެކަމަށެވެ. އަހްމަދު އިތުރަށް ވިދާޅުވީ ސިނާއީ ސަރަހައްދުން ބިންދޫކުރުމަށް ކައުންސިލުން ތައްޔާރު، އެކަމަށްވެސް ޕްލޭނިންގ މިނިސްޓްރީގެ ހުއްދައަށް އެދިފައިވާނެކަމަށެވެ. އަދި ހުއްދަ ލިބުނުހާ އަވަހަކަށް ރަށުތެރޭގައި ކުރަމުންދާ މަސައްކަތްތައް އެސަރަހައްދުތަކަށް ބަދަލު ވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ބިން ބޭނުން ކުރުމުގެ އުސޫލު މިހާރު އޮންނަ ގޮތުން ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ބިން ބޭނުން ކުރެވޭނީ ޕްލޭނިންގ މިނިސްޓްރީގެ ހުއްދަ ލިބުމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ