ލައިޕްޒީގް އަދި ބާސާ ކަޓުވާލުމަށްފަހު،ލިވަޕޫލް އާއި ޕީއެސްޖީ ކުއާޓާއަށް.

ކުޅިވަރު ފަހުގެ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން އާރްބީ ލައިޕްޒީގް އަދި ބާސެލޯނާ ކަޓުވާލުމަށްފަހު މުބާރާތުގެ ކުއާޓާ ފައިނަލަށް ލިވަޕޫލް އަދި ޕީއެސްޖީ ދަތުރުކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ލިވަޕޫލާއި ލައިޕްޒީގުގެ ދެ ލެގުވެސް ކުޅެފައިވަނީ ހަންގޭރީގެ ބުޑަޕެސްޓުގައި ހުންނަ ޕުސްކަސް އެރީނާގައެވެ. އެގޮތުން ބުދަ ދުވަހުގެރޭ ކުޅުނު ދެވަނަ ލެގުން 2-0 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވިއިރު، ފުރަތަމަ ލެގުންވެސް ލިވަޕޫލް ވަނީ 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެހެންކަމުން 4-0 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ލިވަޕޫލް ވަނީ ކުއާޓާއަށް ދަތުރުކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ބުދަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، މި ހާފުގައި އެ ޓީމުގެ ޑިއޯގޯ ޔޮޓާ އާއި މުޙައްމަދު ސަލާހަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މުޅި މެޗުގައިވެސް ލިވަޕޫލުގެ ފަރާތުން ރަނގަޅު ކުޅުމެއް މި މެޗުގައި ފެނިގެންދިޔައިރު، އެ ޓީމުން ލީޑު ނަގާފައިވަނީ މެޗުގެ 70 ވަނަ މިނެޓުގައެވެ. ޔޮޓާ ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަލާހެވެ.

އަދި އޭގެ ހަތަރު މިނެޓު ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑިވޮކް އޮރީގީ ހުރަސްކޮށްދިން ބޯޅައަކުން ސަޑިއޯ މާނޭ ވަނީ ލިވަޕޫލަށް ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ލައިޕްޒީގަށް ލަނޑެއް ޖަހައިދިނުމާ އެންމެ ގާތަށް ޖެހިލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލެކްސަންޑަ ސޯލޯތުއެވެ. އެގޮތުން އޭނާ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ދެވަނަ ބުރުގެ ދެ ލެގުންވެސް ލައިޕްޒީގް ބަލިކޮށް މުބާރާތުގެ ކުއާޓާއަށް ލިވަޕޫލް ދަތުރުކުރިއިރު، މިހާތަނަށް ހަތަރު ޓީމެއް ވަނީ ކުއާޓާގެ ޖާގަތައް ޔަގީންކޮށްފައެވެ. މި މުބާރާތުގެ ކުއާޓާ ފައިނަލުގެ ގުރުއަތުލުން އޮންނާނީ މި މަހު 19 ވަނަ ދުވަހުއެވެ.

މީގެ އިތުރުން ބުދަ ދުވަހުގެރޭ ޕީއެސްޖީގެ ކުޅުނު ދެވަނަ ލެގުގެ މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވި ނަމަވެސް، ބާސާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ޕީއެސްޖީ ވަނީ 4-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެހެންކަމުން 5-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ޕީއެސްޖީ ވަނީ ކުއާޓާއަށް ދަތުރުކޮށްފައެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ބާސާއިން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގެ ކުރީކޮޅު އެ ޓީމަށް ވަނީ ލިޑު ނަގަން ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެކަމަކު ލިބުނު ފުރުސަތުތައް ބާސާއިން ބޭކާރުކޮށްލިއިރު، މެޗުގެ 31 ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ ލީޑު ނަގާފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ތަރި ކީލިއަން އެމްޕާބޭއެވެ. މިއީ އޭރިއާ ތެރެއިން ޕީއެސްޖީގެ މައުރޯ އިކާޑީއަށް ބާސާގެ ކެލްމެންޓް ލޯންގްލޭ ކުރި ފައުލަކަށް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ގެ އެހީ ހޯދުމަށްފަހު ރެފުރީ ދިން ޕެނަލްޓީއެކެވެ.

އެކަމަކު އޭގެ ހަ މިނެޓު ފަހުން އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ބާސާގެ ކެޕްޓަން ލިއޮނެލް މެސީ ވަނީ އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ ބާސާއަށް ވަނީ ލީޑު ނަގަން ޕެނަލްޓީއެއް ލިބިފައެވެ. މިއީ އޭރިއާ ތެރެއިން ބާސާގެ އެންޓޮއިން ގްރީޒަމަނަށް ޕީއެސްޖީގެ ލަވިން ކުރްޒާވާ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އެކަމަކު މެސީ ފޮނުވާލި މި ޕެނަލްޓީ، މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕީއެސްޖީގެ ގޯލްކީޕަރު ކޭލޯ ނަވާސް ވަނީ ދިފާއުކޮށްފައެވެ. މިއީ 2015 ވަނަ އަހަރަށްފަހު މެސީ އަތުން ޗެމްޕިއަންސް ލީގުގައި ނާކާމިޔާބުވި ފުރަތަމަ ޕެނަލްޓީ އެވެ.

މި ނަތީޖާއާއެކު ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރާ ހަމައިން ބާސާ ކެޓިއިރު، އެ ޓީމު އެންމެ ފަހުން މި މުބާރާތުގެ ދެވަނަ ބުރުން ކަޓާފައިވަނީ 2006-2007 ވަނަ އަހަރުގެ ސީޒަނުގައެވެ. އަދި ބާސާގެ އިތުރުން ޔުވެންޓަސްވެސް މުބާރާތުގެ ދެވަނަ ބުރުން އަލްވަދާއު ކިޔަން ޖެހުމާ ގުޅިގެން، މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ނުފެންނާނެއެވެ. އެހެންކަމުން މިއީ 2005 ވަނަ އަހަރަށްފަހު އެ ދެ ކުޅުންތެރިން ކުޅޭ ޓީމެއް ނެތި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް މެޗުތައް ފެންނާނެ ފުރަތަަމަ ފަހަރެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ