އާރުބީޖީ ސްޕޯރޓްސް ކުލަބުން މިއަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކޮށްފި

ޚަބަރު ފަހުގެ

އއ.އަތޮޅުގައި ތަފާތު ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ރެވޮލިއުޝަނަރީ ބޮޑުފޮޅުދޫ ޖެނަރޭޝަން ސްޕޯރޓްސް ކުލަބުން އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ކުލަބުގެ އަންހެން މެމްބަރުންނަށް ސަޕްރައިޒްއެއް ދީ ހުރިހާ ކަނބަލުން ހެއްވާލާއިފިއެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 10 މާރޗް 2021 ވަނަ ދުވަހުގެ ރޭ އާރުބީޖީ އޮފީހުގައެވެ. މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ބައިވެރިވެފައިވާއިރު ބޮޑުފޮޅުދޫ ސްކޫލްގެ ޕްރިންސިޕަލް މޫސާ ނިމާލްވެސް ބައިވެރިވިއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ރަސްމިއްޔާތު ފައްޓަވާދެއްވަމުން އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ، މީ އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ފިރިހެން މެމްބަރުންގެ ދީލަތި އެހީތެރިކަމާއިއެކު ކުރިއަށް ގެންދެވޭ ވަރަށް ކާމިޔާބު ހާއްސަ ރަސްމިއްޔާތެއްކަމަށާއި، އާރުބީޖީ އަކީ އަބަދުވެސް ތަފާތު ކާމިޔާބު ހަރަކާތްތަކެއް ހިންގަމުން އަންނަ ކުލަބެއްކަމަށާއި، އަންހެނުންގެ ދުވަހުގެ ތަހުނިޔާ ކުލަބުގެ ހުރިހާ އަންހެން މެމްބަރުންނަށް އަރިސްކުރާކަމަށެވެ.

އިތުރަށް ވާހަކަ ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ފިރިހެނުންގެ ދުވަސް މިކުލަބުގެ އަންހެން މެމްބަރުން ފާހަގަ ކޮށްފައިވުމާއިއެކު އަންހެނުންގެ ދުވަސް ކުލަބުން ފާހަގަ ނުކުރާތީ ބައެއް މެމްބަރުން މާޔޫސްވެފައި ތިބިކަމަށާއި އެހެންނަމަވެސް ލަސްކޮށްލީ ހަމަ ސަޕްރައިޒްއެއް ދިނުމުގެ މަޤްސަދުގައި ކަމަށެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ސުޖާއު އާދަމް ގެ ވާހަކައިގައި މިދުވަހުގެ މުނާސަބަތާއި ގުޅިގެން އާރުބީޖީއިން އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި މި އިވެންޓް ތައްޔާރު ކުރުމުގެ އެންމެ އިސް ރޯލެއް އަދާކުރީ އެބޭފުޅާ ޤަބޫލުކުރާ ގޮތުގައި އާރުބީޖީގެ އަންހެން ކަނބަލުން ކަމަށާއި، ސަބަބަކީ އެ ކަނބަލުން ކުލަބު ކުރިއަށް ގެންދިއުމުގައި މިހާތަނަށް ކޮށްފައިވާ މަސައްކަތް އެބޭފުޅުން ޤަބޫލުފުޅު ކުރައްވާތީ ކަމަށާއި، ބައެއް ތަންތަނުގައި ކުލަބުގެ ވެރިންނާއި އެކު ކޮފީ މޭޒުތަކުގައި އިށީންދެ ވާހަކަ ދައްކާލާ މީހެއްގެ ހައިސިއްޔަތުން އެބޭފުޅުން ދައްކާ ވާހަކަތަކުން އެނގިގެންދިޔައީ ނުވަތަ ޤަބޫލުކުރެވުނީ ކުލަބުން ހިންގާ ހަރަކާތްތަކާއި ކުލަބު މިއަދު މިހިސާބަށް އައުމުގައިވެސް އެންމެ އިސް ރޯލެއް އަދާކުރާ ބަޔަކީ ކަނބަލުން ކަމުގައެވެ. އަދި ކައުންސިލްގެ ރައީސް ވިދާޅުވީ ހަމަގައިމުވެސް މިވަރުގެ އިވެންޓެއް ރަށު ފެންވަރުގައި މިހަތަނަށް ބޭއްވިފައި ނުވާކަމަށެވެ.

އާރުބީޖީ ސްޕޯރޓްސް ކުލަބުން ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އެ ކުލަބުގެ އަންހެން މެމްބަރުންނަށް ބޭއްވި މި ރަސްމިއްޔާތުގައި ކުލަބުގެ 35 އަންހެން މެމްބަރުންނަށް ކުރިއަށް އޮތް ރަމަޟާން މަހަށް ބޭނުން ހިފޭފަދަ އަގުހުރި ސާމާނު ހަދިޔާކޮށްފައި ވެއެވެ.

އޭގެ ތެރޭގައި މިކްސަރާއި، ކޭކް ފުއް ގިރާ މެޝިނާއި، ކެއްކުމަށް ބޭނުންކުރާ ތެލި ސެޓް ފަދަ ސާމާނު ހިމެނެއެވެ. މި ހަދިޔާތައް ކަނބަލުންނާއި ހަވާލުކޮށްދެއްވީ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް އާއި، ސްކޫލްގެ ޕްރިންސިޕަލް މޫސާ ނިމާލްއާއި، ކެޕްޓަން މޯލްޑިވްސްގެ އެމްބެސެޑަރ މުހައްމަދު ޝިރުޚާންގެ އިތުރުން އާރުބީޖީގެ ހާއްސަ މެމްބަރު ހުސެއިން މޫސާއެވެ.

އާރުބީޖީގެ ރައީސް ގޮށްކޮޅަށް މައުލޫމާތު ދެއްވަމުން ފާހަގަކުރެއްވީ އާރުބީޖީ އަކީ އާއިލާއެއްކަމަށާއި މި އާއިލާގެ ދިރުމަކީ ކުލަބުގެ މެމްބަރުންގެ މެދުގައި މި އޮންނަ އެކުވެރި އެއްބައިވަންތަ ގުޅުންކަމަށާއި، ހަރަކާތްތައް ކާމިޔާބުކަމާއިއެކު ނިންމާލުމުގެ ސިއްރަކީ އަންހެން މެމްބަރުން ކުލަބަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުންކަމަށެވެ.

އިބްރާހިމް ނަސީމް އިތުރަށް ވިދާޅުވީ މި ހަރަކާތް ކުރިއަށް ގެންދިއުމަށް ޓަކައި ކުލަބުގެ ފިރިހެން މެމްބަރުންގެ އިތުރުން އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހައި ފަރާތްތަކަށް ކުލަބުގެ ހިންގާކޮމިޓީގެ ނަމުގައި ޝުކުރު އަދާކުރައްވާކަމަށާއި ހާއްސަ ޝުކުރެއް އެ ކުލަބުގެ ސެކެރެޓަރީ މުސްތަފާ އަހުމަދުއަށް ދަންނަވާކަމަށެވެ.

ނިމިދިޔަ ހަފްތާގައި މިކުލަބުން ހިންގަމުން ގެންދާ ހޭންޑްބޯލް ޓްރެއިނިންގް ކޭމްޕްގެ ބައިވެރިންނަށް ކުލަބުގެ ފަރާތުން ވާނީ ”ފްރުޓް ޑޭ”ގެ ނަމުގައި ތަފާތު ވައްތަރުގެ މޭވާ ފަރިއްކުޅުވުމުގެ ރަސްމިއްޔާތެއް ހޭންޑްބޯލް ކޯޓް ގައި ކުރިއަށް ގެންގޮސްފައެވެ.

މިފަދަ ހަރަކާތެއްގެ މަގްސަދަކީ ކަސްރަތުގެ ތެރެއިން ދުޅަހެޔޮ، ހަށިގަނޑަށް ފައިދާ ހުރި ކާނާ ބައިވެރިންނަށް ފޯރުކޮށްދިނުން ކަމަށް އެ ކުލަބުން މައުލޫމާތު ދެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ