ކަސްޓަމްސް ބްރޯކަރުންގެ ލައިސަންސް އޮންލައިންކޮށް އައު ކުރެވޭނެ ގޮތަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހަމަޖައްސައިފިއެވެ.
ކަސްޓަމްސް މެދުވެރީންގެ ލައިސަންސްގެ މުއްދަތަކީ ލައިސަންސް ދޫކުރި ތާރީޚުން ފެށިގެން މީލާދީ 1 އަހަރެވެ. މިގޮތުން، މުއްދަތު ހަމަވުމުން ކުރިން އަމަލުކުރަންޖެހޭ ގޮތަކީ ލައިސަންސް އާކުރުމަށް އެދި ކަސްޓަމްސް އަށް އެޕްލިކޭޝަން ހުށަހެޅުމެވެ.
މިއަދު ކަސްޓަމްސް އިން ހާމަކޮށްފައިވާ ގޮތުގައި، ކަސްޓަމްސް ބްރޯކަރ ކުންފުނިތަކުގެ ލައިސަންސް އާކުރުމަށް އެޕްލިކޭޝަން ފޯމު ކަސްޓަމްސް އަށް ހުށަހެޅުމުގެ ބަދަލުގައި ކަސްޓަމްސް އީ-ޕޯޓަލް މެދުވެރިކޮށް، ވެރިފަރާތައް ލައިސަންސް އައުކުރެވޭގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ. އެގޮތުން، ލައިސަންސް މުއްދަތު ހަމަވުމުން ކަސްޓަމްސްގެ “އަސިކުޑާ” ސިސްޓަމުން ޚިދުމަތް މެދުކެނޑޭނެއެވެ.
އަސިކުޑާގެ ހިދުމަތް އަލުން ހޯއްދެވުމަށް ކަސްޓަމްސް އީ. ޕޯޓަލް މެދުވެރިކޮށް ކުންފުނީގެ ލައިސަންސް ރިނިއުކޮށް، ޕޭމަންޓް ދެއްކެވޭނެ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ. ލައިސެންސް ރިނިއު ކުރުމަށްޓަކައި އަމަލުކުރައްވަން ޖެހޭ ގޮތް ކަސްޓަމްސް އިން ވަނީ މިއަދު ހާމަކޮށްފައެވެ. އެގޮތުން:
1- ކަސްޓަމްސް ޕޯޓަލްއަށް ލޮގިން ކުރެއްވުމަށްފަހު ޑޭޝްބޯޑް ޕޭޖުގެ ރިނިއު ބްރޯކާ ލިންކަށް ފިއްތާލައްވާށެވެ.
2- ޕެންޑިންގ ޕޭމެންޓްސް ޕޭޖްގައިވާ ޕޭއޮންލައިން ބަޓަނަށް ފިއްތަވާލައްވާށެވެ.
3- ބޭންކް އޮފްމޯލްޑިވްސްގެ ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް އޮންލައިން ޕޭމެންޓް ހައްދަވާށެވެ.
4- ޕޭމެންޓް ހެއްދެވުމުން ބުރޯކަރ ލައިސަންސް އައުކޮށްދެވޭނެއެވެ.
އީ. ޕޯޓަލް މެދުވެރިކޮށް ލައިސަންސް އައުކުރި ކަމުގައި ވިއަސް އެކުންފުނީގައި އެވަގުތު މަސައްކަތްކުރަމުން ގެންދާ ބްރޯކަރުގެ މަޢުލޫމާތާއި، ބްރޯކަރު ވަޒީފާ އަދާކުރާކަމުގެ ލިޔުން އަދި ކުންފުނީގެ ޑައިރެކްޓަރުންގެ ބޯޑަށް ބަދަލެއް އައިސްފައިވާނަމަ، އެކަން އެނގޭނެ ލިޔުމެއް، ކަސްޓަމްސްގެ އީ-މެއިލް (admin@customs.gov.mv) އަށް ފޮނުއްވަން ޖެހޭނެ ކަމަށްވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
ބްރޯކަރ ކުންފުނިތަކުގެ ލައިސަންސް މުއްދަތު ހަމަވެ، ލައިސަންސް އާނުކުރާ ފަރާތްތަކުގެ ޚިދުމަތް މި ފެށޭ އެޕްރީލް މަހުގެ 01 ވަނަ ދުވަހުންފެށިގެން މެދުކެނޑޭނެ ކަމަށްވެސް ކަސްޓަމްސް އިން ވަނީ ހާމަކޮށްފައެވެ.