ނަޕޯލީ އަތުން މިލާން ބަލިވެ، އިންޓައަށް ނުވަ ޕޮއިންޓުގެ ލީޑެއް

ކުޅިވަރު ފަހުގެ

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ ނާޕޮލީ އަތުން އޭސީ މިލާން ބަލިވުމުން، ތާވަލުގެ އެއްވަނައިގައި އިންޓަ މިލާނަށް ނުވަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން އިންޓަ މޮޅުވީ ޓޮރީނޯ އަތުން 2-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އިންޓައިންނެވެ. އެގޮތުން މެޗުގެ 62 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އިންޓައަށް ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫއެވެ. މިއީ އޭރިއާ ތެރެއިން އިންޓަގެ ލަޓާރޯ މާޓިނޭޒަށް ޓޮރީނޯގެ އާމަންޑޯ އިއްޒޯ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

އެކަމަކު އޭގެ އަށް މިނެޓު ފަހުން ޓޮރިނޯގެ އެންޓޯނިއޯ ސަނާބްރިއާ ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ނަމަވެސް މި މެޗުން އިންޓަ މޮޅުވީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް މާޓީނޭޒް ޖެހި ލަނޑުންނެވެ. މިއީ މި ފަހަރު ލީގުގައި މާޓީނޭޒް ޖެހި 15 ވަނަ ލަނޑެވެ.

މި މެޗުން އިންޓަ މޮޅުވިއިރު، އާދީއްތަ ދުވަހުގެރޭ ނާޕޮލީ އަތުން މިލާން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

މިލާން ކޮޅަށް މި މެޗުގައި ނާޕޮލީން ޖެހި ހަމައެކަނި ލަނޑު މެޗުގެ 49 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މަޓެއޯ ޕޮލިޓާނޯއެވެ. އޭނާ މި ލަނޑު ޖެހީ ޕިއޮޓްރޭ ޒިއެލިންސްކީ ދިން ބޯޅައަކުންނެވެ. ދެ ޓީމުންވެސް ގިނަ ހަމަލާތަކެއް އުފެއްދި މި މެޗު މިލާނުން ނިންމާލަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އިތުރު ވަގުތުގައި އެ ޓީމުގެ އަންޓޭ ރެބިޗަށް ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ.

މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި އިންޓައަށް ނުވަ ޕޮއިންޓުގެ ލީޑެއް ލިބުނުއިރު، އެ ޓީމަށް ވަނީ ކުޅުނު 27 މެޗުން 65 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައިގައި އޮތް މިލާނަށް 27 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ