ނޯންޓްސް އަތުން ބަލިވެ ޕީއެސްޖީއަށް ލީގުގެ ފުރުޞަތު ނަގާލައިފި

ކުޅިވަރު ފަހުގެ

ފްރެންޗް ލީގުގައި އާދީއްތަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ނޯންޓްސް އަތުން ބަލިވެ، ތާވަލުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީން ނަގާލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. ލީގުގައި އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް ޕީއެސްޖީ ބަލިވެފައިވާއިރު، މިއީ ފާއިިތުވި ނުވަ އަހަރު ތެރޭ ލީގުގައި ޖެހިޖެހިގެން ދެ މެޗު އަމިއްލަ ދަނޑުގައި ޕީއެސްޖީ ބަލިވި ފުރަތަމަ ފަހަރެވެ.

އިޝްތިހާރު
އިޝްތިހާރު

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޕީއެސްޖީންނެވެ. އެގޮތުން ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ޕީއެސްޖީއަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ހޫލިއަން ޑްރެކްސްލާއެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން 14 ވަނަ މިނެޓުގައި ރަންޑަލް ކޮލޯ މުއާނީގެ ލަނޑުން ނޯންޓްސްއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އަދި ފަހަތުން އަރައި ޕީއެސްޖީ އަތުން ނޯންޓްސް މޮޅުވީ މެޗުގެ 71 ވަނަ މިނެޓުގައި މޮސެސް ސިމޯން ކާމިޔާބުކުރި ލަނޑުންނެވެ.

މި މެޗުން ޕީއެސްޖީ ބަލިވިއިރު، ތާވަލުގެ ކުރީގައި އޮތް ތިން ޓީމުވެސް މި ހަފުތާގައި ކުޅުނު މެޗުތަކުން މޮޅުވެފައެއް ނުވެއެވެ. އެގޮތުން އެއްވަނައިގައި އޮތް ލިލް އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ލަނޑެއް ނުޖެހި މޮނާކޯއާ އެއްވަރުވިއިރު، ތާވަލުގެ ތިންވަނައިގައި އޮތް ލިޔޯން ވަނީ ހުކުރު ދުވަހުގެރޭ ރެއިމްސްއާ އެއްވަރުވެފައެވެ.

މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި ލިލް އޮތީ ކުޅުނު 29 މެޗުން ލިބުނު 63 ޕޮއިންޓާއެކުއެވެ. ދެވަނައިގައި 29 މެޗުން 60 ޕޮއިންޓް ހޯދައިގެން ޕީއެސްޖީ އޮތްއިރު، ތިން ވަނައިގައި އޮތް ލިޔޯނަށްވެސް 29 މެޗުން ވަނީ 60 ޕޮއިންޓް ލިބިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ