ނޭދެމޭ ވަކިވުމެއް

އަދަބިއްޔާތު ވާހަކަ ފަހުގެ

( 18 ޖޫން 2020 އާ ގުޅޭ )

“ދަރިފުޅާ ޒަޔާން، ބައްޕަގެ ވިޔަފާރީގައި އެންމެ އެހީތެރިވީ އެކަކު އިސްމާއިލަކީ، ބައްޕަމެން މިގަސްތުކުރަނީ މިގުޅުން އިތުރަށް ބަދަހިކޮށްލަން ދަރިފުޅާއި އީނާގެ ކައިވެނި ހަމަޖައްސަން” އިޙްސާނުގެ މިޖުމްލަ އާއިއެކު ޒަޔާންއަށް ސިހިފައި ބައްޕަގެ މޫނަށް ބަލައިލެވުނެވެ.

އިޝްތިހާރު
އިޝްތިހާރު

ލިބިގެންދިޔަ ސިހުމާއެކު ޒަޔާންއަށް މަންމަގެ މޫނަށް ބަލައިލެވުނެވެ. މަންމަގެ މޫނުމަތީގައިވާ ހިނިތުންވުން ދޭހަކޮށްދިނީ މިއީ ވަރަށް ކުރިއްސުރެވެސް ނިމިފައިވާ ކަމެއްކަމެވެ. ކުއްލިއަކަށް މިއިވުނު ޚަބަރުން ބުނާނެ އެއްޗެއްވެސް ނޭނގިފައި ޒަޔާންއަށް ހުރެވުނީއެވެ. ޒަޔާން އަކީ އަބަދުވެސް މައިންބަފައިންގެ ބަސްއަހާ ދަރިއެކެވެ. އެމީހުން އެދުނު އެއްވެސް ކަމަކަށް ނޫނެކޭ ބުނެ މޫނު އަނބުރާލުމަކީ އެއްއިރެއްގައިވެސް ޒަޔާން ކުރި ކަމެއްނޫނެވެ. އެހެން ނަމަވެސް ދެންމެ ކަހަލަ ގޮތަކަށް ބައްދަލުވި ކުއްޖަކާއި ކައިވެނިކުރަން އެއްބަސްވާނީ ކިހިނެއް ހެއްޔެވެ؟ ބުނާނެ އެއްޗެއް ނޭނގުމުން އެންމެފަހުން ގަދަކަމުން ކަހަލަ ގޮތަކަށް ޒަޔާން ހިނިތުންވެލިއެވެ. އެންމެންގެ ކުރިމަތީގައި މައިންބަފައިން ލަދުގަންނާވާލަން ޒަޔާން ބޭނުންނުވީއެވެ. ޙަފްލާ ނިމުނުހާ އަވަހަކަށް އެކަމާއި ގުޅޭގޮތުން ބައްޕަ އާއި ވާހަކަ ދައްކަން ޒަޔާން ނިންމިއެވެ.

ޒަޔާންގެ ހިނިތުންވުން އިޙްސާނާއި ޒިޔާނާ ދުށީ ފެހި ސިގްނަލެއްގެ ގޮތުގައެވެ. އެކައިވެނި ހަމަޖެއްސިއިރުވެސް ޒަޔާން ނޫނެކޭ ނުބުނާނެކަމުގެ ފުރިހަމަ ޔަގީންކަން އެދެމަފިރިންނަށް އޮތެވެ.

“ޒަޔާން ދާންވީނު އީނާއަށް ގޭތެރެ ދައްކާލާ ހަދާލަން، ދެކުދިން ވާހަކަދައްކާލާ އެކުވެރިވެލަންވާނެ، ތިއީ މުސްތަޤުބަލުގައި ދެމަފިރިން،” ޒިޔާނާ ހިނިތުންވެ ހުރެ އެހެން ބުނިކަމުގައިވިޔަސް ޒަޔާންގެ ބޮލުގައި ރިއްސާލިއެވެ. ޒަޔާން ފެށުނީއްސުރެ އީނާ ޒަޔާން އަށް ބަލަން ހުރިގޮތް ޒަޔާންއަށް ފާހަގަވިއެވެ. މިއީ އީނާއަށްވެސް އެނގިގެން ނިމިފައިވާ ކަމެއްބާއޭ ހިތަށް އެރުމުން ޒަޔާންއަށް އީނާ ދެކެވެސް ހިތްހަމަނުޖެހެވުނެވެ. ޒަޔާން އަންނާށޭވެސް ނުބުނެ ގޭގެ ސިޑިއާއި ދިމާލަށް ހިނގައިގަތެވެ. އީނާ ބަލައިލީ ޒިޔާނާއަށެވެ. ޒަޔާން ކަންތައް ކުރިގޮތުން ޒިޔާނާ ހިތްހަމަނުޖެހުނު ނަމަވެސް ޒަޔާން އާއިއެކު ދިއުމަށް އީނާއަށް އިޝާރާތްކޮށްލިއެވެ. ލަދުންހުރެ ޒަޔާންގެ ފަހަތުން އީނާވެސް މައްޗަށް އެރިއެވެ. އިތުރު ސިޑިއަކުން އެރުމަށްފަހު ޒަޔާން ނިކުތީ ގޭގެ ހާމަފެންޑާއަށެވެ. ޕޮޓްތަކުގައި ތަފާތު ވައްތަރުގެ ރީތި ގަސްތައް އެތަނުގައި ހައްދާފައި ހުއްޓެވެ. އެއްފަރާތެއްގައި ދެމީހަކަށް އިށީނދެވޭ ވަރުގެ އުނދޯޏެއް އެލުވާފައި ހުއްޓެވެ. އެތަނުގައިވެސް ކޮފީ މޭޒެއް ބަހައްޓާފައިހުރިއިރު ބާބަކިއު ހެދޭނެ އިންތިޒާމްވެސް ހަމަޖެހިފައި ހުއްޓެވެ. ޒަޔާން ގޮސް ހުއްޓެލީ ރެއިލިންގ ކައިރީގައެވެ. އީނާވެސް މަޑުމަޑުން އައިސް ޒަޔާން ކައިރީގައި މަޑުކޮށްލިއެވެ. ކިތަންމެ ވާހަކަދައްކާލާ ހިތުން ހުއްޓަސް އިސްވެ އެއްޗެކޭ ބުނުމަށް އީނާ ހުރީ ނުކެރިފައެވެ. ޒަޔާން އެއްޗެކޭ ބުނާނެ އިރަކަށް އީނާ އިންތިޒާރުކުރަމުން ދިޔައެވެ. އީނާއަށް ޒަޔާން ވަރަށް ކަމުދެއެވެ. އަދި ޒަޔާންއާއި ކައިވެނި ހަމަޖެހުމުން އީނާ ހުރީ ނުހަނު އުފަލުންނެވެ. ނަމަވެސް ޒަޔާން ދެކޭ ގޮތް ނޭނގޭތީ އެއްވެސް ވާހަކައެއް ފެށުމަށް ޖެހިލުންވަނީއެވެ. ފަނަރަވަރަކަށް މިނިޓު ފާއިތުވެގެން ދިޔައިރުވެސް ޒަޔާން ހަމަ އެހުރިގޮތަށް ބޭރަށް ނަޒަރު ހުއްޓާލައިގެން ހުރީއެވެ. އީނާ ވަރަށް ބޮޑަށް މާޔޫސްވެ ލަދުވެސްގަތެވެ. މާޙައުލަށް ވެރިވެފައިވަނީ އަޖައިބެއްފަދަ ހަމަހިމޭންކަމެކެވެ. އީނާއަށް ފުންނޭވާއެއް ބޭރުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. އެއަޑަށް ޒަޔާން ބަލައިލިއެވެ. އީނާއަށް ލަދުން އިސްދަށަށްޖަހާލެވުނެވެ. ޒަޔާން ރަނގަޅަށް އީނާއަށް ބަލައިލިއެވެ. އީނާއަކީވެސް ހުތުރު ކުއްޖެއްނޫނެވެ. އެހެން ނަމަވެސް ޒަޔާންގެ ހިތުގައި އީނާއަށް އެއްވެސް ޚާއްސަކަމެއް ނުދެވުނެވެ.

“ހިނގާ ދެން ތިރިއަށް ދަމާ” ޒަޔާން މިހެން ބުނެ މަޑުވެސްކޮށްނުލާ ތިރިއަށް ދިއުމަށް ހިނގައިގައިތެވެ. ކިތަންމެ ދެރަވިކަމުގައިވިޔަސް މަޑުކޮށްލާށޭ ބުނާކަށް އީނާއަކަށް ނުކެރުނެވެ. ވުމާއެކު ޒަޔާންގެ ފަހަތުން އީނާވެސް ތިރިއަށް އައެވެ. ޒަޔާންމެނަށް ތިރިއަށް އާދެވުނުއިރު ޙަފްލާ އޮތީ ގާތްގަނޑަކަށް ނިމިފައެވެ. ވަރަށް މަދު ބަޔަކު ނޫނީ އޭރު ނެތެވެ. ޒަޔާން ގޮސް މަންމަމެން ގާތު މަޑުކޮށްލިއެވެ.

“އަނހާ ދަރިފުޅުމެން އައީތަ، އީނާ އަންނަންދެން އީނާގެ ބައްޕަ މަޑުކޮށްލައިގެން އެހުރީ، އެހެން ދުވަހަކުން ކައިވެނީގެ ކަންކަން ހަމަޖައްސަން މިގެއަށް އަންނަންވާނެ އިނގޭ،” ޒިޔާނާ އިނާއާއި މުޚާތަބުކޮށް ބުނުމުން އީނާ މަޑުމަޑުން ބޯޖަހާލިއެވެ. އަދި އިސްމާޢިލް އާއިއެކު ގެއަށް ދިއުމަށް ނިކުތެވެ. އީނާގެ މިޒާޖަށް މަޑުމައިތިރިކަމެއް އައިސްފައިވާކަން ޒިޔާނާ އަށް ފާހަގަކުރެވުނެވެ. ޒަޔާން އަނެއްކާ އެއްޗެކޭ ބުނީ ބާއޭ ޒިޔާނާ ހިތަށްއެރިއެވެ. އެންމެން ގޮސް ގޭތެރެ ހިމޭންވުމުން ތިން މީހުންވެސް އައިސް އިށީނދެލީ ސޯފާގައެވެ. ޒަޔާން ވިސްނަމުންދިޔައީ ބައްޕަމެން ގާތުގައި އެކައިވެނީގެ ވާހަކަ ދައްކާނެ ގޮތަކާއި މެދުގައެވެ.

“ބައްޕާ، އަޅުގަނޑު ވާހަކައެއް ދައްކާލަން ބޭނުން” އެންމެފަހުން ބިރު އެއްފަރާތްކޮށްލުމަށްފަހު ޒަޔާން ވާހަކަދެއްކިއެވެ. މާލެ އައިސް މިހާ އަވަހަށް ކައިވެންޏެއް ކޮށް ދިރިއުޅުމެއް ފަށަން ޒަޔާން ގަސްތެއް ނުކުރެއެވެ.

“އަވަހަށް ބުނޭ ދަރިފުޅާ” އިޙްސާނުގެ ސަމާލުކަން ވަގުތުން ދަރިފުޅަށް އަނބުރާލިއެވެ. ޒަޔާން ދައްކަން އުޅޭ ވާހަކައަކަށް ޒިޔާނާވެސް ސަމާލުވެލިއެވެ.

“އަޅުގަނޑު އަދި ކައިވެނިކުރަން ބޭނުމެއް ނުވޭ، އަޅުގަނޑު އަދި މިއަދު މާލެވެސް މިއައީ، މިހާ އަވަހަށް އެހާ ބޮޑު ނިންމުމެއް ނިންމަން އަޅުގަނޑަށް ފަސޭހައެއްނޫން، އަނެއްކޮޅުން އީނާއަކީ އަޅުގަނޑު ދަންނަ ކުއްޖެއްވެސް ނޫން، ގޮތްނޭނގި ކިހިނެއްތޯ ކައިވެނިކުރާނީ؟” ޒަޔާން ބައްޕަ އާއި މަންމަގެ މޫނަށް ބަލައިލިއެވެ. އެވަގުތު ޒަޔާންއަށް ހިތްދިރުވާލެވުނީ ބައްޕަ އާއި މަންމަގެ މޫނުމަތިން ފާޅުވަމުންދިޔަ ހިތްހަމަނުޖެހުން ތަޞައްވުރުކުރެވުމުންނެވެ. އިޙްސާނަށްވުރެ ކުރިން ރުންކުރުކަމާއިއެކު ޒިޔާނާ ވާހަކަދައްކަން ފެށިއެވެ.

“މިކޮންމެ ކަމެއްވެސް މަންމަމެން މިނިންމަނީ ހަމަ ދަރިފުޅަށް ރަނގަޅަކަށް، ކޮންކަހަލަ ކުއްޖެއްތޯ ޒަޔާން ނުޖެހޭނެ ބަލާކަށް، ޒަޔާންގެ ދިރިއުޅުމަށް ކޮންމެ ކޮންމެ ކުއްޖަކު ގެންނާކަށް މަންމައަކަށް އެއްބަހެއް ނުވެވޭނޭ، އީނާއަކީ ހުރިހާ ގޮތަކުންވެސް ޒަޔާން އާއި ގުޅޭ ކުއްޖެއް، އެވަރުގެ ކުއްޖަކު ޒަޔާން އާއި ކައިވެނިކުރަން އެއްބަސްވީމަވެސް ދެކޮޅު ހަދަނީތަ؟ މިކައިވެނިން މިއާއިލާގެ ވިޔަފާރިއަށްވެސް ބޮޑެތި ކުރިއެރުންތައް ލިބުމަށް މަގުފަހިވެގެންދާނެ، ޒަޔާން ނުގަބޫލަސް ޒަޔާންގެ ކައިވެނި އީނާ އާއި ކުރެވޭނެ” ޒިޔާނާގެ ބަސްތަކުން ޒަޔާންގެ ހިތުގައި ހީވީ މީހަކު ގޮށްމުށުގެ އެތިފަހަރެއް އަޅާލިހެންނެވެ. ކައިވެނިކުރަން ހުރީ އޭނާ ކަމަށް ވާއިރު އޭނާ ހިތްހަމަނުޖެހޭ ހާލު ކައިވެނިކުރުމުން އޭނާއަށް ލިބޭނީ ކޮން އުފަލެއްތޯ ސުވާލުކުރަން ބޭނުންވިއެވެ. އެއީ މަންމަމެން ބުނާހާ ފަސޭހަކަމެއްނޫނޭ ބުނަންވެސް ބޭނުންވިއެވެ. ނަމަވެސް ޒަޔާންއަށް އެއްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. ކިތަންމެ ބޭނުންނުވިޔަސް މަންމަމެން ބޭނުވާ ގޮތަށް ނިންމާނެކަން ޒަޔާންއަށް އެނގެއެވެ.

“މަންމަ އެބުނީ ރަނގަޅަށް، ބައްޕަމެން ހުރިހާ ގޮތަކުންވެސް ބަލާފަ ހަމަޖެއްސި ކަމެއްމީ، ދަރިފުޅަށްވެސް އެންމެ ރަނގަޅުވާނީ ހަމަމިގޮތް، އަވަސް އަރުވާލައިގެން ކައިވެނީގެ ކަންކަން ނިންމާކަށް ބައްޕަމެން ނޫޅެމޭ، ދަރިފުޅާއި އީނާ އާއި ދެކުދިން އެކަކު އަނެކަކު ދަސްކޮށްލާ ހަދާލަން ހައެއްކަ މަސްދުވަހު މަޑުކޮށްލެވިދާނެ، މީގެކުރިންވެސް ބައްޕަމެން އެދޭ ގޮތަށް ދަރިފުޅު ހުރިހާ ކަމެއްވެސްކުރީ، މިފަހަރުވެސް ބައްޕަ ޔަގީންކުރަން ޒަޔާންގެ ފަރާތުން ބައްޕަމެން ލަދުގަންނަނެޖެހޭ ވަރު ކަމެއް ނުފެންނާނެ ކަމަށް، މިހާރު އަދި ދަރިފުޅު ހިތްހަމަނުޖެހުނަސް އެކުގައި އުޅެން ފެށީމަ ދަރިފުޅަށްވެސް އީނާ ކަމުދާނެ، ދެންދޭ ކޮޓަރިއަށް، ބައްޕަމެންވެސް މިދަނީ ނިދަން” އިޙްސާނުގެ އަޑުގައި ރުޅިވެރިކަން ނެތްނަމަވެސް އެއީ ކޮށްލި އަމުރެއްފަދައެވެ. ޒަޔާން އަވަސްއަވަހަށް އެތަނުން ތެދުވެގެން ދުވެފައި ކަހަލަ ގޮތަކަށް ސިޑިން އަރާ ކޮޓަރިއަށް ވަދެ ތަޅުލިއެވެ. ޒަޔާންއަށް ބޮލުގައި އަތްހާކާލެވުނެވެ. ކުއްލިއަކަށް މިދިމާވީ ހާދަ ބޮޑުކަމެކޭ ހިތަށްއެރިއެވެ. ދެކޮޅުހަދަން ބޭނުންވިޔަސް ބައްޕަމެންނާ ދެކޮޅަށް އެއްޗެއް ބުނެ މިކަމާއި ދެކޮޅު ހަދާކަށް ދެން އަމުދުން ނުކެރޭނެއެވެ. ބައްޕަ އާއި މަންމަވެސް އެކައިވެނި ކުރެވޭނެ ކަމަށް ސާފުބަހުން ބުނެފިއެވެ. ޒަޔާން ފޯނު ނަގައި އޭނާގެ އެންމެ ގާތް އެކުވެރިޔާ ޝާމިންއަށް ގުޅާލީ ބޮލަށް ކުޑަވެސް ލުޔެއްލިބޭތޯއެވެ. ދެވަނަ ރިންގާއެކު އެކޮޅުން ފޯނު ނަގާ  ހެލޯއޭ ބުނެލިއެވެ.

“އޭ ޝާމް، މިމަށޭ ޒަޔާން، ކޮންތާކު ތިއުޅެނީ” ޒަޔާން އަހާލިއެވެ.

“ޔާން ކަލޭތަ؟ މާލެ އަންނަ ވާހަކަ ބުނެވެސް ނުލާ، ބުނާނެ މަމީ އެންމެ ގާތް އެކުވެރިޔާއޭ،” ޝާމިން ޝަކުވާގެ ރާގަށް ބުނެލުމުން ޒަޔާން ގާތަށް ކުޑަކޮށް ހިނިވެސް އައެވެ.

“ހަމަ މިއަދުއޭ މިއައީ، ސަޕްރައިޒްކޮށްލީމަ މާ މަޖަލެއްނު، އޭ ތިޔެއްނޫނޭ، މުޅިން ބޯގޮވައިފި، ހިނގާބަލަ ކޮފީއަކަށް އަރަން” ޒަޔާންހުރީ އެވާހަކަތައް ކޮންމެވެސް މީހަކާއި ހިއްސާކޮށްލާ ހިޔާލެއް ހޯދުމަށް ނުހަނު ބޭނުންވެފައެވެ. މިކުރިމިތީ ކަންތައްތަކާއި ކުރިމަތިލުމަށް ކޮންމެވެސް މީހަކާއި ވާހަކަދައްކާލުން ކޮންމެހެންވެސް މުހިއްމުކަމުގައި ޒަޔާން ދެކެއެވެ. ކޮފީއަށް ދިއުމަށް ޖެހިގެން އަންނަ ދުވަހުގެ ގަޑިއެއް ހަމަޖެއްސުމަށްފަހު ޝާމިން ފޯނު ބޭއްވުމުން ޒަޔާންވެސް އެނދުމަތީގައި އޮށޯވެލާ ލޯމަރާލީ ޚިޔާލުތަކާއި ދުރުވެ ނިދާލެވޭތޯއެވެ.

(ނުނިމޭ)

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ