ބެނެވެންޓޯ އަތުން ޔުވެންޓަސް ބަލިވިއިރު، މިލާނަށް ހަނި މޮޅެއް

ކުޅިވަރު ފަހުގެ

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ބެނެވެންޓޯ އަތުން އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ބަލިވިއިރު، ފިއޮރެންޓީނާ އަތުން ހަނި ގޮތަކަށް އޭސީ މިލާން މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުވެންޓަސް ބަލިވީ ބެނެވެންޓޯ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގައި ޔުވެންޓަސްއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ ފުރަތަމަ ހާފުގައި އޭރިއާ ތެރެއިން ބެނެވެންޓޯގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމައި، ރެފުރީ ވަނީ ޔުވެންޓަސްއަށް ޕެނަލްޓީއެއް ދީފައެވެ. އެކަމަކު ފަހުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު، ރެފުރީ ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފުގައި ބެނެވެންޓޯއިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 69 ވަނަ މިނެޓުގައި ޔުވެންޓަސްގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޑޮލްފޯ ގައިޗެވެ.

އޭގެ ފަހުން މި މެޗުގައި ނަތީޖާ އެއްވަރުކުރުމަށް ޔުވެންޓަސްއިން ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، އެ ޓީމުގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ނުރައްކާތެރި ހަމަލާތަކުގެ ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބެނެވެންޓޯގެ ގޯލްކީޕަރު ލޮރެންޒޯ މޮންޓިޕޯއެވެ.

މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން މިލާން މޮޅުވީ ފިއޮރެންޓީނާ އަތުން 3-2 ގެ ނަތީޖާއަކުންނެވެ.

ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މިލާނުންނެވެ. މި ލަނޑު މެޗުގެ ނުވަވަނަ މިނެޓުގައި ޖަހައިދިނީ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗެވެ. އެކަމަކު މެޗުގެ 17 ވަނަ މިނެޓުގައި އެރިކް ޕުލްގާ ވަނީ ފިއޮރެންޓީނާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި ފްރޭންކް ރިބެރީ ވަނީ ލަނޑެއް ޖަހައި، ފިއޮރެންޓީނާއަށް ލީޑު ނަގައިދީފައެވެ.

މިލާނުން މި މެޗުގައި ނަތީޖާ އެއްވަރުކޮށްފައިވަނީ އޭގެ ހަ މިނެޓު ފަހުން ބްރަހިމް ޑިއާޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ 72 ވަނަ މިނެޓުގައި ހަކަން ޗަނޮނޮގްލޫ ވަނީ ލަނޑެއް ޖަހައި، މިލާނަށް އަލުން ލީޑު ނަގައިދީފައެވެ.

މި ނަތީޖާތަކާއެކު މިލާން އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު 28 މެޗުން ލިބުނު 59 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް އިންޓަ މިލާނަށް 27 މެޗުން 65 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޔުވެންޓަސްއަށް 27 މެޗުން ލިބިފައިވަނީ 55 ޕޮއިންޓެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ