ޔުވެންޓަސް އެއްވަރު، އިންޓައަށް އަށް ޕޮއިންޓުގެ ލީޑެއް

ކުޅިވަރު ފަހުގެ

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ޓޮރީނޯއާ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އެއްވަރުވިއިރު، ބޮލޯނިއާ ބަލިކޮށް އިންޓަ މިލާނުން ތާވަލުގެ އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ހޮނިހިރު ދުވަހުގެރޭ ޓޮރީނޯ އާއި ޔުވެންޓަސް ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޓޮރީނޯގެ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ޔުވެންޓަސްއިންނެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފެޑެރިކޯ ކިއޭސާއެވެ. އެކަމަކު މެޗުގެ 27 ވަނަ މިނެޓުގައި އެންޓޯނިއޯ ސަނާބްރިއާ ވަނީ ލަނޑެއް ޖަހައި، ޓޮރީނޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގައި ޓޮރީނޯއިން ފަހަތުން އަރައި ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައެވެ. މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަނާބްރިއާއެވެ. އެކަމަކު މެޗު ނިމެން 11 މިނެޓަށް ވެފައި ވަނިކޮށް އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ލަނޑެއް ޖަހައި، މި މެޗުން ޔުވެންޓަސް ބަލިވިޔަ ނުދީ ސަލާމަތްކޮށްދީފައެވެ.

މީގެ އިތުރުން ތާވަލުގެ އެއްވަނައިގައި އޮތް އިންޓަ މޮޅުވީ ބޮލޯނިއާ އަތުން 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން އިންޓަ މޮޅުވިއިރު، ލީގުގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުންވެސް އެ ޓީމު ވަނީ މޮޅުވެފައެވެ.

ބޮލޯނިއާގެ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ދެ ޓީމުންވެސް ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އިންޓައިން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ 31 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫއެވެ.

މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި އިންޓައިން އަށް ޕޮއިންޓުގެ ލީޑެއް ނެގިއިރު، އެ ޓީމަށް ވަނީ ކުޅުނު 28 މެޗުން 68 ޕޮއިންޓް ލިބިފައެވެ. ތާވަލުގެ ދެވަނައިގައި އޮތް މިލާނަށް 29 މެޗުން 60 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އެޓަލާންޓާއަށް 29 މެޗުން ވަނީ 58 ޕޮއިންޓް ލިބިފައެވެ. އަދި ޔުވެންޓަސް އޮތީ ތާވަލުގެ ހަތަރުވަނައިގައި 28 މެޗުން 56 ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ