މ. މުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އާއި އެރަށުގައި ތަރައްގީކުރާ މިފްކޯ މަސް ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
އެ ދެ މަޝްރޫއު ފެށުމަށް އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އެމްޓީސީސީގެ އިސްވެރިން އަދި މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރާއި މ. މުލަށް ކައުންސިލުގެ ރައީސް މުހައްމަދު އިބްރާހިމް އާއި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާން ހަސަން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މުލަށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގައި ސޮއިކުރީ މިދިޔަ މާޗު މަހުގެ 29 ވަނަ ދުވަހުއެވެ. ޖުމުލަ މި މަޝްރޫއުގެ ދަށުން 411.90 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. ޖުމުލަ 17.66 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 105 ދުވަސް (ތިން މަހާއި ބައިގެ) ތެރޭގައެވެ.
މީމު މަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގައި ސޮއިކުރީ މިދިޔަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ. މިއީ ޖުމުލަ 56.13 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން 22،240 އަކަ މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 8،640 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 160 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 68.90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓު ޖެހުމާއި 3،200 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.