ރެވޮލިއުޝަނަރީ ބޮޑުފޮޅުދޫ ޖެނަރޭސަން ސްޕޯރޓްސް ކުލަބުން އއ.ބޮޑުފޮޅުދޫގެ އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ހޭންޑްބޯލް ކޭމް ނިންމައި ބައިވެރިންނާއި ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު 6 އޭޕްރީލް 2021 ވަނަ ދުވަހުގެ ރޭ އެރަށު ލޯކަލް ބީޗްގައި ކުރިއަށް ގެންގޮސްފިއެވެ.
މި ކޭޕް 1 މަހާއި 10 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންގޮސްފައިވާއިރު ކާމިޔާބު ހުނަރުވެރި ކުޅުންތެރިންތަކެށް އުފެއްދިއްޖެ ކަމަށް ޤަބޫލްކުރައްވާކަމަށް އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވިއެވެ. ގޮއްކޮޅަށް މައުލޫމާތު ދެއްވަމުން ނަސީމް ދެންނެވީ މި ކުލަބުގެ އަޒުމަކީ އަދި އަމާޒަކީ އަބަދުވެސް ކުޅިވަރުގެ ރޮނގުން ރަށަށާއި އަތޮޅަށް ރީތިނަށް ހޯދާދެވޭނެފަދަ ކުޅުންތެރިންތަކެށް ތައްޔާރު ކުރުންކަމަށާއި، ފިރިހެނުންނެކޭ އެއްވަރަށް މި ދާއިރާގައި އަންހެން ކަނބަލުންވެސް ވާދަކޮށް ކާމިޔާބު ބަޔަކަށް ހެދުން ކަމަށެވެ.
އާރުބީޖީ ސްޕޯރޓްސް ކުލަބުގެގެ މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ސުޖާއު އާދަމް ބައިވެރިވެފައި ވާއިރު ރަށުގެ މުއަށްސަސާތަކުގެ ވެރިންގެ އިތުރުން ކުލަބު ޖަމިއްޔާ ތަކުގެ ވެރިންނާއި ރަށުގެ ކަމުވޮށިން ބައިވެރިވެފައިވެއެވެ. މި ރަސްމިއްޔާތު ފެށުމުގެ ގޮތުން ކުލަބުގެ ނައިބުރައީސް ހަސަން ނާފިއު ވަނީ ރަސްމިއްޔާތު ކުރިއަށް ދާނެގޮތުގެ ތައާރަފެއް ދީފައެވެ. އެގޮތުން މިރަސްމިއްޔާތަކީ ހޭންޑްބޯލް ކޭމްގެ ނިމުން ފާހަގަކުރުމާއި، އާރުބީޖީ ސްޕޯރޓްސް ކުލަބުގެ އަންހެން ޓީމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޖާރޒީ ހަވާލުކުރުމާއި، ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާންމަހަށް ތައްޔާރުވުމަށް ކުލަބުންދޭ ހާއްސަ މާހެފުމެއް އޮންނާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ހޭންޑްބޯލް ޓްރެއިނިންގް ކޭމްޕް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ސުޖާއު އާދަމްއެވެ.އަދި ކުލަބުގެ އަންހެންޓީމަށް ޖާރޒީ ހަވާލު ކޮށްދެއްވީ ބޮޑުފޮޅުދޫ ކައުންސިލްގެ ނައިބުރައީސް މުހައްމަދު ނާޝިދު އާއި އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ވޮލީޓީމްގެ އެސިސްޓެންޓް ކޯޗް އަހުމަދު މުހައްމަދު އެވެ.
މިރަސްމިއްޔާތުގައި އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ރައީސް އިބްރާހިމް ނަސީމް ވާހަކަ ދައްކަވަމުން ވިދާޅުވީ ކުލަބުން ކުރިއަށް ރާވާފައިވާ ބައެއް ކަންކަން އިއުލާން ކުރަން ބޭނުންވާ ކަމަށާއި އެގޮތުން މި އަހަރުގެ ރަމަޟާންމަހު މުޅިރަށަށް ހުޅުވާލައިގެން ޤުރުއާން މުބާރާތެއް ބާއްވަން ނިންމާފައިވާކަމަށާއި، 2 ދުވަހެއްގެ ތެރޭގައި އެކަން އިއުލާން ކުރެވިގެން ދާނެކަމަށެވެ. އަދި ކުލަބުގެ ހުރިހާ މެމްބަރުންނަށް އުފާވެރި ހަބަރެއް އެބައޮތްކަމަށާއި އެއީ މިއަހަރު ރަމަޟާން މަސް ފެށުމުގެ ކުރިން ކުލަބުގެ ކޮންމެ މެމްބަރަކަށް ރޯދަ ހަދިޔާގެ ނަމުގައި ހާއްސަ ޕެކޭޖެއް ދިނުމަށް ނިންމާފައިވާކަމަށެވެ. އޭގެ އިތުރުން މިއަހަރު ގޯލްޑެން ފުޓްސަލް މުބާރާތް އިއުލާން ކޮށްފައިވުމާއިއެކު ކުލަބުން އިސްނަގައިގެން ރަށް ތަމްސީލް ކުރުމަށް އެ މުބާރާތުގައި ބައިވެރިވާން ނިންމާފައިވާކަމަށާއި، މި މުބާރާތުގައި ބޭނުންކުރާނެ ޖާރޒީގެ އިތުރުން ޓީމް މާލޭގައި ހޭދަކުރާ ދުވަސްތަކުގައި ކޮފީ ބުއިންފަދަ ހުރިހާ ހަރަދެއް އއ.ބޮޑުފޮޅުދޫ ލެޝަރއިން ގެސްޓްހައުސް އިން ސްޕޮންސަރ ކޮށްދީފައިވާކަމަށާއި، އެކަމަށްޓަކައި އެތަނުގެ ވެރިޔާ އަބްދުލް ޤަފޫރު މުހައްމަދަށް ކުލަބުގެ ނަމުގައި ޝުކުރު އަދާކުރަށްވާ ކަމަށެވެ.
ރައީސް ގެ ވާހަކައިގައި އިތުރަށް ވިދާޅުވީ އާރުބީޖީ އިން ކުރިއަށް ގެންދިޔަ ހޭންޑްބޯލް ކޭމްޕް ކުރިއަށް ގެންދިޔައީ މުޅި ރަށަށް ހުޅުވާލައިގެން ކަމަށާއި ރަނގަޅު ތަރުހީބެއް ލިބިގެން ދިޔަ ކަމަށާއި، ބޮޑުފޮޅުދޫގެ ކުޅިވަރު ކުޅޭ އެންމެހައި ފަރާތްތަކަށް މިފުރަސަތުގައި ކުލަބުގެ ފަރާތުން އެއްވެސް ބަޔަކު ކުޅިވަރުން ބާކީނުކޮށް ކުޅިވަރު ކުޅުމުގެ ފުރަސަތުން މަހްރޫމް ނުކުރާނެކަމަށާއި، އާރުބީޖީ އަކީ ކުޅިވަރު ދިރުވާނެ މޮޅެތި ހުނަރުވެރި ކުޅުންތެރިން އުފަށްދަން އަބަދުވެސް މަސައްކަތް ކުރާނެ ބައެއްކަން އެންމެންވެސް ޤަބޫލްކުރާނެ ކަމަށެވެ. އެހެންނަމަވެސް މީ ކުލަބަކަށް ވާތީ ކުލަބުގެ މެމްބަރުންތަކެއް ތިބީތީ އެ މެމްބަރުންނަށް ވަކިން ހާއްސަކޮށް ކޮށްދޭންޖެހޭ ކަންތަށްތަކެށް ހުންނާނެ ކަން އެންމެންވެސް ޤަބޫލްކުރަންޖެހޭނެ ކަމަށެވެ. ނަސީމް ވިދާޅުވީ އިރާދަ ކުރެއްވިއްޔާ ރޯދަ މަސް ނިމުމާއި އެކުހެން އަންހެން ކަނބަލުންނަށް ހާއްސަކޮށް ވޮލީ ޓްރެއިނިންގް ކޭމްޕެއް އިއުލާން ކުރެވިގެން ދާނެ ކަމަށާއި މި ފުރަސަތުގެ ބޭނުން ހުރިހާ ކަނބަލުން ހިއްޕެވުމަށް އެދޭކަމަށެވެ.
ރައީސްގެ ވާހަކަ ނިންމާލަމުން ވިދާޅުވީ މި ކުލަބު މިއަދާއި ހަމައަށް މިހާ ފުރިހަމަކޮށް ކާމިޔާބު ކަމާއިއެކު އެތަށް ހަރަކާތްތަކެށް ހިންގެމުން މިދަނީ ގައިމުވެސް ބައެއްގެ މިންނަތް ބުރަމަސައްކަތުން ކަމަށާއި ލީޑަރަކަށް ހުންނަ މީހެއްގެ ފަހަތުގައި އެވަރުގެ ފަހުލަވާނުންތަކެށް އިހުލާސްތެރިކަމާއިއެކު މަސައްކަތްކޮށްފިނަމަ އަޅުގަނޑުމެންނަށް ނުވާނެ ހަމަ އެއްކަމެއްވެސް ނޯންނާނެކަމަށާއި، މިއަދު މިދެކޭ ހަޤީޤީ ކާމިޔާބީ އަކީ މިކުލަބުގެ ސެކެރެޓަރީ މުސްތަފާ އަހުމަދު އެކުރަށްވާ އަގުހުރި މަސައްކަތް ކަމަށާއި އެކަމަށް ޓާކައި ހުރިހާ މެމްބަރުން ކޮޅަށް ތެދުވެ މުސްތަފާއަށް ހޫނު ތަރުހީބެއް ދެއްވުމަށް ދެންނެވިއެވެ.
މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ބޮޑުފޮޅޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް ވާހަކަ ދައްކަވަމުން ވިދާޅުވީ އާރުބީޖީ ސްޕޯރޓްސް ކުލަބު، ސްޕޯރޓްސް ކުލަބެއްގެ ގޮތުގައި އޮވެމެ އިޖްތިމާއި ހަރަކާތްތަކުންވެސް ސްޕޯރޓްސް ކުލަބު ފެންނަމުންދާތީ ބޮޑުފޮޅުދޫ ކައިންސިލްގެ ނަމުގައި އާރުބީޖީ ސްޕޯރޓްސް ކުލަބަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާކަމަށެވެ. އަދި އާރުބީޖީ ސްޕޯރޓްސް ކުލަބު ދެންހިންގަންވީ ސްޕޯރޓްސް ކުލަބެއްގެ ގޮތުގައި ނޫންކަމަށާއި ދެން ހިންގަންވީ ޖަމާއަތެއްގެގޮތުގައި ކަމަށް ވިދާޅުވިއެވެ.
ޖަމިއްޔާތައް އެގޮތަށް އުފެދިގެން އައީމާ ލިބޭ ގްރާންޓްވެސް ބޮޑުވެގެންދާނެ ކަމަށާއި އަދި ކުރިއަށް އޮތްތާންގާއި ސަރުކާރާއި އަދި އެހެނިހެން ދިމަދިމާލުން ލިބޭ އިތުރު ހިލޭ އެހީތަށް އިތުރުކުރަމުން ދާނެ ކަމަށާއި، އެ ފުރަސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭނީވެސް ޖަމިއްޔާއަކަށް ބަދަލުވީމާ ކަމުގައި ވިދާޅުވިއެވެ. ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ މީގެ ކުރިން އަޅުގަނޑުމެންނަށް ވިސްނިފައި އޮތް އޮތުމަކަށް ހަމަ ގައިމުވެސް ބަދަލެއް އައި ކަމުގެ އިހްސާސް މިރޭ ކުރެވިއްޖެކަމަށާއި، ގިންތީގެ ހަމަހަމަ ކަމަށް ލޯބިކުރާ މުޖުތަމައުއެއް އުފެދެމުން އަންނަތަން ފެންނަމުން ދާކަމަށެވެ. އަންހެން ކަނބަލުންނަށް ކުޅިވަރު ދަނޑުތަކުންނާއި ބޯޑުތަކުން ފުރަސަތުތަށް ލިބިގެންދާ މަންޒަރު ފެންނަމުންދާ ކަމަށާއި މީ ވަރަށް އުފާވެރި މަންޒަރެއްކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.ސުޖާއު ވިދާޅުވީ ހަޤީގަތުގައިވެސް އެބޭފުޅާ ވަރަށް އުފާވެއްޖެ ކަމަށާއި، އަނެއްކާވެސް ރޯދަމަސް ނިމުމާއިއެކު ވޮލީކޭމްޕެއް ހިންގުމަށް އާރުބީޖީ އިން ނިންމާ ހާއްސަކޮށް އަންހެންކަބަލުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދެވޭތީ އެބޭފުޅާ ގަބޫލްކުރާހިތް އޮތީ އާރުބީޖީ ސްޕޯރޓްސް ކުލަބުން ގިންތީގެ ހަމަހަމަ ކަން ހިފެހެއްޓުމަށް ވަރަށްބުރަ މަސައްކަތެއް އެބަ ކުރައްވާކަމަށާއި އެކަމަށްޓަކައި އާރުބީޖީއަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަށްވާކަމަށެވެ. އަދި ހަމައެއާއިއެކުގައި މިރޭ އިއުލާން ކުރެވިގެން މިދިޔަ ޤުރުއާން މުބާރާތަށް ބޮޑުފޮޅުދޫ ކައުންސިލްގެ ފުރިހަމަ އެހީތެރިކަން ލިބިގެންދާނެކަމަށެވެ.
ރައީސް ގެ ވާހަކަ ނިންމާލީ ރަމަޟާންމަހުގެ ތަހުނިޔާ ރަސްމިއްޔާތުގެ ބައިވެރިންނަށް ދެންނެވުމަށްފަހުއެވެ. ރަސްމިއްޔާތުގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި ހޭންޑްބޯލް ކޭމްޕްގެ ބައިވެރިންގެ ފަރާތުން ކޭޕްގައި ކުޅުންތެރިން ތަމްރީން ކޮށްދެއްވި ކުލަބުގެ މެމްބަރ އަދި ކޯޗް އާމިރު އިބްރާހިމްއަށް ހާއްސަ ހަދިޔާއެއްވަނީ ހަވާލުކޮށްފައިވެއެވެ. އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ރައީސް ވިދާޅުވީ ރޯދަމަހުގެ ތެރޭގައިވެސް މިކުލަބުގެ ހަރަކާތްތަށް ކުރިއަށްދާނެ ކަމަށެވެ.